ENGLISH

26 މޭ 2026

Advertisement

ބައްޕައަކަށް ވުމަށް ފަހު، ފިރިހެނުންގެ ނަފްސާނީ ސިއްހަތަށް ބަދަލުއަންނަކަން އެނގޭތަ؟

11 މޭ 2026

|

އާމިނަތު ނުޒްލާ

ބައްޕަގެ ލޯބި އެއީ ފިތުރަތުން ލައްވާފައިވާ ކަމެއް-- ފޮޓޯ: ވެކްޓީޒީ

ދެމަފިރިއަކު ދަރިއަކު ހޯދުމުގެ ކުރިން ވަރަށް ގިނަ ކަންތައްތަކަށް ތައްޔާރުވެ އެވެ. އެގޮތުން ދެމަފިރިން އެއްކޮށް ވޯކްޝޮޕްތަކުގައި ބައިވެރިވުމާއި، ހޮސްޕިޓަލުން ހިންގާ ބައެއް ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުންވެސް ފޮތްތައް ކިޔުމާއި، ވެބްސައިޓްތަކުގައި ހުންނަ މައުލޫމާތުތައް ކިޔުން ހިމެނެ އެވެ.

މާބަނޑު ދުވަސްވަރު ވިހެމާއި ގުޅޭ މައުލޫމާތުތަކާއި، ވިހެއުމަށްފަހު ހަށިގަނޑަށާއި ވިސްނުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކެ އެވެ. ގިނަ ފަހަރަށް މައުލޫމާތުތައް ހޯދިފައި ހުންނަނީ ނުވަތަ ކޮންމެ ދެމަފިރިއަކަށް ވެސް މައުލޫމާތު ހޯދައި ތައްޔާރުވެވެނީ އަންހެން މީހާ އަށް އަންނަ ބަދަލުތަކަށެވެ. އަންހެން މީހާގެ ހަށިގަނޑަށާއި ހޯރމޯންތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ގިނަ މައުލޫމާތުތަކެއް އެއްކުރެ އެވެ. އެހެންނަމަވެސް ފިރިހެން މީހާއަށް މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ނަމަވެސް ބަދަލެއް އަތުވެދާނެ ކަމަށް ގިނަ މީހުންގެ ވިސްނުމަށް ވެސް ނާދެ އެވެ.  

"ފާދަރ ޓައިމް" ކިޔާ ފޮތެއްގައި މިކަމާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް ބަޔާންކޮށްފައިވެ އެވެ. އެ ފޮތުގައި އޭނާ ބަޔާންކޮށްފައިވާ ގޮތުގައި، ކުދިން ބެލުމާއި އަޅާލުމުގައި އެންމެ ފުރިހަމަ މަންމައަކާ އެއްވަރަށް ފިރިހެނުންގެ ހަށިގަނޑުގައި ވެސް އެކަމަށް ބޭނުންވާ ބަޔޮލޮޖިކަލް ނިޒާމުތައް ފުރިހަމައަށް ގާއިމުވެފައިވެ އެވެ.

ދަރިން ބެލުމުގައި ބައްޕައިން އަމަލީގޮތުން ބައިވެރިވާންޖެހޭނެ ކަމަށް މިހާރު ގިނަ މީހުން ގަބޫލުކުރެ އެވެ. މުޖުތަމައުގެ ގިނަ މީހުން އެ ގޮތަށް ގަބޫލުކުރާތީ، ގިނަ ބައްޕައިން އެ ޒިއްމާ ނަގަނީ ކަމަށް އެންމެންވެސް ގަބޫލުކުރެ އެވެ. އެހެންނަމަވެސް ހާޑީގެ ފޮތުން އެނގުނު ގޮތުގައި، މި އުޅުމަކީ އަހަރެމެންގެ ބަޔޮލޮޖީގައި އަށަގަނެފައިވާ ކަމެކެވެ. ނިދާފައި އޮތް ނަމަވެސް ވަގުތު ޖެހުމުން ހޭލާ ސިފައެއްކަމަށް "ފާދަރ ޓައިމް" ގައި ބުނެފައިވެ އެވެ.

ދިރާސާތާތަކުން އެނގިފައިވާ ގޮތުގައި މަންމައަކަށް ވުމުން އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ދާދި އެއްގޮތް ބަދަލުތަކެއް ބައްޕައަކަށް ވުމުން ފިރިހެނުންނަށް ވެސް އާދެ އެވެ. ބައްޕައަކު އޭނާގެ ދަރިފުޅު ބެލުމުގައި ބޮޑަށް ބައިވެރިވާ ނަމަ، މި ބަދަލުތަކުގެ އަސަރު ބޮޑަށް އެމީހަކަށް ކުރެ އެވެ. ފިރިހެނުންގެ ހޯރމޯންތަކާއި ސިކުނޑީގެ ނިޒާމަށް އަންނަ މި ބަދަލުތަކުން އެނގެނީ، ދަރިންނަށް އޯގާތެރިވާ ބަފައިންނަކީ ހަމައެކަނި ޒަމާނީ އާދައެއްގެ ސަބަބުން ވާކަމެއް ނޫންކަމެވެ. އެހެންނަމަވެސް އެއީ ބަޔޮލޮޖިކަލް ގޮތުން އަހަރެމެންގެ ކިބައިގައި އަށަގަނެފައިވާ ސިފައެއް ކަމަށް ދިރާސާއިން ހާމަވެފައިވެ އެވެ.

ބައްޕައިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ބެހޭ އެންމެ ކުރީގެ ދިރާސާތައް ކޮށްފައިވަނީ ޖަނަވާރުންގެ ބޭނުންކޮށްގެންނެވެ. ވިހި ވަނަ ގަރުނުގެ ފަހުކޮޅު ކުރި މި ދިރާސާތަކުން އެނގުނު ގޮތުގައި، ދަރިން ބެލުމުގައި ބައިވެރިވާ ފިރިހެން ޖަނަވާރުންގެ ހޯރމޯންތަކަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އޭގެ ތެރޭގައި ޓެސްޓޮސްޓެރޯން ދަށްވުމާއި، އާންމުކޮށް މައިންގެ ހަށިގަނޑުން ފެންނަ އޮކްސިޓޯސިން ފަދަ ހޯރމޯންތައް އިތުރުވުން ހިމެނެ އެވެ.

އިންސާނުންގެ ހަށިގަނޑަށް މިފަދަ ބަދަލުތަކެއް އަންނަކަން ފުރަތަމަ ފަހަރަށް ހާމަކުރީ 2000 ވަނަ އަހަރު ކެނެޑާގެ ދެ ސައިންސްވެރިން ކަމަށްވާ ކެތަރިން ވިން-އެޑްވާޑްސް އާއި އޭން ސްޓޯރީ އެވެ. ގެޓްލަރ މި ދާއިރާއަށް ވަންއިރު، ދަރިން ތިބޭ ބަފައިންގެ ޓެސްޓޮސްޓެރޯން، ދަރިން ނެތް ފިރިހެނުންނަށްވުރެ ދަށްކަމަކީ ކަށަވަރުވެފައިވާ ހަގީގަތެކެވެ. ނަމަވެސް އުފެދުނު ސުވާލަކީ ޓެސްޓޮސްޓެރޯން ދަށް މީހުންނަށް ދަރިން ލިބޭނެ ބާވައެވެ؟ ނުވަތަ ބައްޕައަކަށް ވުމުން ޓެސްޓޮސްޓެރޯން ދަށްވަނީ ބާވައެވެ؟

މި ސުވާލަށް ޖަވާބު ހޯދުމަށް ފިލިޕީންސްގައި 624 ފިރިހެނުން ބޭނުން ކޮށްގެން ދިގު މުއްދަތުގެ ދިރާސާއެއް ކުރި އެވެ. ދެހާސް ފަސް ވަނަ އަހަރު މި މީހުންގެ ކުޅުގެ ސާމްޕަލް ނަގައި، ހަތަރު އަހަރު ފަހުން އަލުން ޓެސްޓު ކުރިއެވެ. ނަތީޖާއިން ދެއްކި ގޮތުގައި، އެ ހަތަރު އަހަރުގެ ތެރޭގައި ބައްޕައިންނަށް ވީ މީހުންގެ ޓެސްޓޮސްޓެރޯން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި ދަރިން ބެލުމުގައި ގިނަ ވަގުތު ހޭދަކުރާ ބަފައިންގެ މި ހޯރމޯން މާ ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރެވުނެވެ.

އޮކްސިޓޯސިންއަކީ އާންމުކޮށް "ލޯބީގެ ހޯރމޯން" ގެ ގޮތުގައި މަޝްހޫރުވެފައިވާ ހޯރމޯންއެކެވެ. މާބަނޑު ދުވަސްވަރު މަންމައާއި ދަރިފުޅުގެ ގުޅުން ބަދަހިކުރުމުގައި މީގެ ދައުރު ބޮޑެވެ. ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި ދަރިފުޅު އުފަންވުމަށްފަހު ބައްޕަގެ ހަށިގަނޑުގައި ވެސް މި ހޯރމޯން އިތުރުވެ އެވެ. ދަރިފުޅާއެކު ކުޅެ، ވަގުތު ހޭދަކުރާ މިންވަރަކުން ބަފައިންގެ ހަށިގަނޑުގައި އޮކްސިޓޯސިން އިތުރުވެ، ދަރިފުޅަށް އޮންނަ ލޯބި އިތުރުވެގެންދެ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، ބައްޕައަކަށް ވުމަކީ ފުރާވަރުގެ ދުވަސްވަރު ސިކުނޑިއަށް އަންނަ ބަދަލުތަކާ އެއްފަދަ މުހިންމު ބަދަލުތަކެއް އަންނަ ކަމެކެވެ. ދަރިފުޅު އުފަންވުމުގެ ކުރިންނާއި ފަހުން ކުރެވުނު ސިކުނޑީގެ ސްކޭންތަކުން ދައްކާ ގޮތުގައި، ބަފައިންގެ ސިކުނޑީގެ ބައެއް ބައިތައް އާ ތަޖުރިބާތަކަށް ހޭނުމަށްޓަކައި ބަދަލުވެ އެވެ. ދަރިފުޅު ބެލުމުގައި އަމަލީގޮތުން ބައިވެރިވާ މިންވަރަކުން މި ބަދަލުތައް މާ ބޮޑަށް ފާހަގަކުރެވެ އެވެ.

މި ހުރިހާ ހޯދުންތަކަކުން އެނގެނީ، ދަރިން ބެލުމަކީ ހަމައެކަނި މަންމަގެ ޒިންމާއެއް ނޫން ކަމާއި، އެކަމަށް ބޭނުންވާ ބަޔޮލޮޖިކަލް ގާބިލުކަން ފިރިހެނުންގެ ކިބައިގައިވެސް ލައްވާފައިވާ ކަމެވެ. ބައްޕައަކު އޭނާގެ ދަރިފުޅާ ގާތްގުޅުމެއް ބާއްވާ ކޮންމެ ފަހަރަކު، އޭނާގެ ހަށިގަނޑާއި ސިކުނޑި އެކަމަށް އިތުރަށް ތައްޔާރުވެ، ފުރިހަމަ ބައްޕައަކަށް ވުމަށް މަގުފަހިކޮށްދެ އެވެ. މިއީ އިންސާނާގެ ފިޠުރަތުގައި ﷲ ލައްވާފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު