ENGLISH

10 މޭ 2026

Advertisement

އިންސިއުލިން އާއި އިންސިއުލިން ޕެން ފާމަސީތަކުގައި ލިބެން އެބަހުރި

10 މޭ 2026

|

އައިމިނަތު ޝަފާ

ބޭސް ފިހާރައެއް

ހަކުރުބައްޔަށް ބޭނުންވާ އިންސިއުލިން ޕެން، އަދި އިންސިއުލިންގެ ސްޓޮކް އެބަ ހުރި ކަމަށް، ސިއްހަތާ ބެހޭ ވުޒާރާއާ އެސްޓީއޯއިން ބުނެފި އެވެ.

މާލޭން އިންސިއުލިން ޕެން އަދި އިންސިއުލިން ހުސްވެފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. 

މިކަމާ ގުޅިގެން "އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވަމުން ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ އިންސިއުލިން ޕެން އާއި އިންސިއުލިން ބޭސް ފިހާރަތަކުގައި ލިބެން ހުރިކަމުގެ ޔަގީންކަން ދީފަ އެވެ.

ރާއްޖެއަށް ބޭސް އެތެރެކުރާ އެސްޓީއޯއިން ބުނީ، އެސްޓީއޯގެ ފާމަސީތަކުގައިވެސް ހަކުރުބައްޔަށް ބޭނުންވާ އިންސިއުލިން ޕެން އާއި އިންސިއުލިން ލިބެން އެބަހުރި ކަމަށެވެ. 

ބޭސް ނުލިބުމުގައި ހުރި ދަތިތައް ދިރާސާކުރުމުގެ ގޮތުން އާސަންދައާއި ބޭސް ފޯރުކޮށްދިނުމަށް އުފެއްދި ސްޓޭޓް ފާމާ ކުންފުނީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓިއަށް މިފަހުން ހާޒިރުކޮށްފައިވާއިރު އާސަންދައިގެ ހަރަދުގެ ތެރެއިން 60 އިންސައްތައަކީ ބޭސް ފިހާރަތަކަށް ދޫކުރާ ފައިސާއަށްވާއިރު ސްކީމުން ބޮޑު ހަރަދެއް ބޭސް ފޯރުކޮށްދިނުމަށް ހިނގި ނަމަވެސް، އެ ސްކީމުގެ ދަށުން ބޭސް ލިބުމުގައި ދަތިތަކެއް ހުރިކަން ގަބޫލުކުރައްވާކަމަށެވެ. 

ޒީނިޔާ ވިދާޅުވި ގޮތުގައި އާސަންދައިގެ ސްކީމުން ބޭހަށް ކަވަރޭޖު ދިނުމުގައި އަމަލުކުރާ އުސޫލަކީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ ހުރިހާ ބޭހަކަށް އެ ސްކީމުން ކަވަރޭޖު ދިނުމެވެ. ބޭސް ފިހާރަތައް ރަޖިސްޓްރީކުރާއިރު އަސާސީ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭސްތައް ލިބެންހުރިކަަން ކަށަވަރުނުކުރެވުމަކީ ބޭސް ލިބުމުގައި ކުރިމަތިވާ ގޮންޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. 

ޒީނިޔާ އިތުރަށް ފާހަގަކުރެއްވީ ހުއްދަ ދީފައިވާ ބޭސްތަކުގެ ލިސްޓުގެ ތެރޭގައި ރާއްޖެއަށް އެއްގޮތަކަަށްވެސް އެތެރެނުކުރާ ބޭސްތައް ހިމެނޭއިރު، ރާއްޖެއަށް އެތެރެކުރާ ބޭސްތަކާއި އެތެރެކުރުން ހުއްޓިފައި ހުރި ބޭސްތަކަކީ ކޮބައިކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓެމުންނުދާކަމަށް ވިދާޅުވި އެވެ. 

މި މައްސަލައަކީ ގައުމީ މައްސަލައެއްކަން ފާހަގަކުރައްވަމުން 800 އަށްވުރެ ގިނަ ފާމަސީ އެމްޕަނަލްކޮށްް 3،000 އަށްވުރެ ގިނަ ބޭހަށް އާސަންދައިން ކަވަރޭޖު ދޭއިރު، ބޭސްތައް ނުލިބުމުގެ މައްސަލަ މެދުވެރިވާ ސަބަބަކީ ކޮބައިކަން ހޯދައި އެކަމަށް ހައްލުތަކެއް ގެންނަންޖެހޭކަމަށް ޒީނިޔާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު