ENGLISH

26 މޭ 2026

Advertisement

ބާރަ އަހަރު ދުވަހުގެ ދުޢާއިން ދެއްވީ ފަސް ދަރިން އެއްފަހަރާ

08 މޭ 2026

|

އާމިނަތު ނުޒްލާ

ބެދްރިޔާ ވިހޭ ފަސް ކުދިން-- ފޮޓޯ: ބީބީސީ

ދަރިންނަކީ ﷲ އިންސާނާއަށް ދެއްވާ އެންމެ ބޮޑު އެއް ނިއުމަތެކެވެ. ތަފާތު ބަލިތަކާ ނުވަތަ އެހެން ސަބަބުތަކާ ހުރެވެސް ދަރިން ލިބުމުން މަހުރޫމުވެފައިވާ މީހުން އަންނަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް ދަރިއަކު ހޯދުމަށް ގަދައަޅާ މަސައްކަތްކުރާ މީހުން ވަރަށް ގިނައެވެ.

މިއީ އެތިއޯޕިޔާގެ އަންހެނެއްގެ ވާހަކައެކެވެ. އޭނާ ދަރިޔަކު ހޯދުމަށް 12 އަހަރު ދުވަސް ވަން ދެން ކުރި މަސައްކަތުން އޭނާ ވިހެއީ އެއްފަހަރާ ފަސް ކުދިން (ކުއިންޓުޕްލެޓްސް)  އެވެ. އުމުރުން 35 އަހަރުގެ ބެދްރިޔާ އަދަމް، މި ފަސް ކުދިން ވިހާފައިވަނީ މޭ މަހު ފަސްވަނަ ދުވަހު، އެތިއޯޕިއާގެ ހިވޮޓް ފަނާ ސްޕެޝަލައިޒްޑް ހޮސްޕިޓަލުގަ އެވެ.

ސިޒޭރިއަން ހަދައިގެން އޭނާ ވިހާފައިވަނީ ހަތަރު ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފަސް ކުދިންނަށް ނަން ދީފައިވަނީ ނާއިފް، އައްމާރު، މުންޒިރު، ނަޒީރާ އަދި އަންސާރްގެ ނަމުންނެވެ.

ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި ފަސް ކުދިންގެ ސިއްހަތުވެސް އަންނަނީ ރަނގަޅުވަމުންނެވެ. ބެދްރިއާ ބުނީ އޭނާގެ އުފާވެރިކަން ދުލުން ބަޔާންކޮށްދޭންވެސް ނޭނގޭ ކަމަށެވެ. އޭނާ ބުނި ގޮތުގައި ޑޮކްޓަރުން ކުރިން ބުނެފައިވަނީ ބަނޑުގައި އޮތީ ހަތަރު ކުދިން ކަމަށެވެ. ބެދްރިއާ ބުނީ އޭނާ ﷲ އަށް ދުއާކުރީ އެންމެ ދަރިއަކު ދެއްވުމަށް ކަމަށެވެ. އެހެންނަމަވެސް ﷲ އޭނާއަށް ދެއްވީ ފަސްކުދިންކަމަށެވެ.

ފަސްކުދިން ވިހޭ ބެދްރިޔާ އާދަމް-- ފޮޓޯ: ބީބީސީ

ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރު ޑރ. މުހައްމަދު ނޫރު އަބްދުﷲ ވިދާޅުވި ގޮތުގައި، ބެދްރިޔާ ބަނޑުބޮޑުވީ އެއްވެސް މެޑިކަލް ފަރުވާއަކާ ނުލައި އައި.ވީ.އެފް ފަދަ ވަސީލަތެއްވެސް ބޭނުންނުކޮށް ގުދުރަތީ ގޮތުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގުދުރަތީ ގޮތުން އެއްފަހަރާ ފަސް ކުދިން ލިބުމުގެ ފުރުސަތަކީ ކޮންމެ 55 މިލިއަން މީހަކުން އެކަކަށް ލިބޭ ފުރުސަތެކެވެ.

އުފަންވީއިރު މި ކުދިންގެ ބަރުދަނުގައި ހުރީ 2.8 ޕައުންޑާއި 3 ޕައުންޑާ ދެމެދުގެ މިންވަރެކެވެ. ކުދިންނާއި މަންމައަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، ކުދިން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.

ބެދްރިޔާ ބުނި ގޮތުގައި ވޭތުވެދިޔަ 12 އަހަރަކީ އޭނާ ވަރަށް ހިތްދަތިކަމާއެކު ދަރިއަކަށް އެދި ދުއާކުރުމުގައި އޭނާ ހޭދަކުރި އަހަރުތަކެކެވެ.

މި އާދަޔާ ހިލާފު ވިހެއުމުގެ އިތުރުން، އެފްރިކާގެ އެހެން ބައެއް ގައުމުތަކުންވެސް މިފަދަ ހަބަރުތަކެއް ފަހަކަށް އައިސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ދެކުނު އެފްރިކާގެ ނޮމްސެބޯ ލިޚުލޭނީ ނަމަކަށް ކިޔާ އަންހެނަކު އެޕްރީލް 23 ވަނަ ދުވަހު އެއްފަހަރާ ހަތަރު ކުދިން ވިހާފައިވާއިރު، ކެންޔާގެ ރޭޗަލް ސިމްބާ ނަމަކަށް ކިޔާ އަންހެނަކުވެސް ވަނީ އެޕްރީލް 22 ވަނަ ދުވަހު ހަތަރު ކުދިން ވިހާފަ އެވެ. އެކަމަކު ބެދްރިޔާގެ މި ވިހެއުމަކީ އޭގެ ތެރެއިންވެސް އެންމެ މަދު މީހަކަށް ނޫނީ ދިމާނުވާނެ ފަދަ އާދަޔާ ހިލާފު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު