ENGLISH
26 މޭ 2026
މެކްސިކޯ ސިޓީ އާދަޔާޚިލާފު ބާރުމިނެއްގައި އަޑިއަށްދަނީ
07 މޭ 2026
|
މެކްސިކޯގައި ހުންނަ "އޭންޖެލް އޮފް އިންޑިޕެންޑެންސް" ބިނާ-- ފޮޓޯ: ސީއެންއެން
އެންމެ މަޤްބޫލު
ދުނިޔޭގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ މެކްސިކޯގެ ވެރިރަށް، މެކްސިކޯ ސިޓީ އާދަޔާޚިލާފު ބާރުމިނެއްގައި އަޑިއަށް ދާކަން ނާސާގެ އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ހާމަވެއްޖެ އެވެ. މިކަން މިހާރު ފަޒާއިން ބަލާއިރު ފެންނަ ވަރަށް ބޮޑުވެފައިވާ ކަމާއި، މިއީ ދުނިޔޭގެ އެންމެ ބާރަށް އަޑިއަށްދާ ސިޓީތަކުގެ ތެރޭގައި ހިމެނޭ ތަނެއްކަމަށް ނާސާއިން ބުނެފައިވެ އެވެ.
އެމެރިކާގެ ނާސާ އާއި އިންޑިއާގެ އިސްރޯ (ISRO) ގުޅިގެން އުފައްދާފައިވާ "ނައިސާ" (NISAR) ސެޓެލައިޓުން ނަގާފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި، މެކްސިކޯ ސިޓީގެ ބައެއް ސަރަހައްދުތައް މަހަކު 0.5 އިންޗިއަށް ވުރެ ބާރުމިނެއްގައި އަޑިއަށްދެ އެވެ. މިއީ އަހަރަކު ގާތްގަނޑަކަށް 9.5 އިންޗީގެ ބާރުމިނެކެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ސިޓީ ބިނާކޮށްފައިވަނީ ކުރީގެ ކޯރެއްގެ މަތީގަ އެވެ. ސިޓީގެ ރައްޔިތުން ބޯފެނުގެ ގޮތުގައި ބޭނުންކުރާ ފެނުގެ 60 އިންސައްތަ ނަގަނީ ބިމުގެ އަޑީގައިވާ ފެން ފަށަލައިންނެވެ. މި ސިޓީ އުފެދިފައިވަނީ ހަމައެކަނީ މަށީގެ ފަށަލައަކުންނެވެ. އެހެންކަމުން ސިޓީގައި ހުރި ބަރު އިމާރާތްތަކާއި އުމްރާނީ ތަރައްގީގެ ސަބަބުން މި ބިންގަނޑަށް ބާރުބޮޑުވެ އަޑިއަށް ދިއުން ވަނީ އިތުރުވެފަ އެވެ. ހަމަ މިއާއެކު މާ ގިނައިން ބިމުގެ އަޑިން ފެން ނެގުމުގެ ސަބަބުން ބިންގަނޑުގެ ދޫވެ، އަޑިއަށްދިއުމުގެ ފުރުސަތު ބޮޑުވަނީ ކަމަށްވެސް މާހިރުން ބުނެފައިވެ އެވެ.
ނައިސާ ސެޓެލައިޓުން ނަގާފައިވާ ފޮޓޯ-- ފޮޓޯ: ނާސާ
މެކްސިކޯ ސިޓީ އަޑިއަށްދާކަން އެންމެ ފުރަތަމަ ފާހަގަކުރެވިފައިވަނީ 1920 ގެ އަހަރުތަކުގަ އެވެ. އޭގެ ފަހުން މަގުތައް ރެނދުލުމާއި، އިމާރާތްތައް އެއް އަރި އަކަށް ލެނބުމާއި، ރޭލު ދަތުރުފަތުރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކުރެވިފައިވެ އެވެ. މި ސިޓީގެ މައި އެއާޕޯޓް ކަމަށްވާ ބެނީޓޯ ހުއަރޭޒް އިންޓަނޭޝަނަލް އެއާޕޯޓަކީ މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ސަރަހައްދެވެ.
މިކަމުގެ ހެއްކެއްގެ ގޮތުން، 1910 ވަނަ އަހަރު ބިނާކުރި "އޭންޖެލް އޮފް އިންޑިޕެންޑެންސް" ބިނާގެ ބިންގަނޑު އަޑިއަށް ދިއުމުގެ ސަބަބުން، އެ ބިނާއަށް އެރުމަށްޓަކައި މިހާތަނަށް 14 ހަރުފަތް އިތުރަށް ވަނީ ހަދަންޖެހިފަ އެވެ.
ނައިސާ ސައިންސް ޓީމުގެ މެންބަރެއް ކަމަށްވާ ޑޭވިޑް ބެކާޓް ވިދާޅުވި ގޮތުގައި، މެކްސިކޯ ސިޓީއަކީ ބިންގަނޑު އަޑިއަށްދާ މިންވަރު އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ތަނެވެ. އަދި ނައިސާ ސެޓެލައިޓަކީ ދުނިޔޭގެ ބިންގަނޑަށް އަންނަ މިފަދަ ކުދި ބަދަލުތަކާއި، ގަނޑުފެން ވިރުމާއި، އަލިފާން ފަރުބަދަ ގޮވުން ފަދަ ކަންކަން ދެނެގަތުމަށް ބޭނުންކުރާ އެންމެ ބާރުގަދަ އެއް ވަސީލަތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.