ENGLISH
26 މޭ 2026
ކާބޯތަކެތީގެ ލޭބަލްތަކުގެ ސަބަބުން، ސިއްހަތަށް ފައިދާ ކުރާކަން ހާމަވެއްޖެ
06 މޭ 2026
|
ބޯތަކެތީގެ ލޭބަލްތަކުގެ ސަބަބުން، ސިއްހަތަށް ފައިދާ ކުރާކަން ހާމަވުން-- ފޮޓޯ: ބީސީސީ
އެންމެ މަޤްބޫލު
ބާޒާރުތަކުގައި ވިއްކަން ހުންނަ، ހަށިގަނޑަށް ގެއްލުންދޭ ގިނަ މާއްދާތަކެއް އެކުލެވޭ، އިންތިހާއަށް ޕްރޮސެސްކޮށްފައިވާ ކާބޯތަކެތީގެ ސަބަބުން އިންސާނުންގެ ބަރުދަން އިތުރުވެ، ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް މިކަމާގުޅުން ހުރި މާހިރުން އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް ކާބޯތަކެތީގެ ބޭރުގައި ޖަހާފައި ހުންނަ ލޭބަލްތަކުން މީހުންގެ ކެއުމުގެ އާދަތަކަށް ބޮޑު ނުފޫޒެއް ފޯރުވާކަން އާ ދިރާސާތަކުން ހޯދިފައިވެ އެވެ.
ލަންޑަނުގެ އިމްޕީރިއަލް ކޮލެޖްގެ ޕަބްލިކް ހެލްތު ރިސާޗަރެއް ކަމަށްވާ ފްރެންކޯ ސާސީ ފާހަގަކުރެއްވި ގޮތުގައި، ކާބޯތަކެތި އިޝްތިހާރުކުރާ ގޮތާއި، މާކެޓް ކުރާ ގޮތުގެ ސަބަބުން އަހަރުމެންނަށް ގަބޫލުކުރެވެނީ އަހަރުމެން ކާއެއްޗިސް ގަންނަނީ އަމިއްލަ އިޚުތިޔާރުގައި ކަމަށެވެ. އެހެންނަމަވެސް ހަގީގަތް ވަރަށް ތަފާތެވެ. ހަގީގަތަކީ މީހުން ގަންނަ ތަކެތީގެ ނިންމުންތައް ކޮންޓްރޯލް ކުރަނީ ވަށައިގެންވާ މާހައުލުންނެވެ. މިފަދަ ކާބޯތަކެތި އުފައްދާ ފަރާތްތަކުން އެ ތަކެތީގެ ރަހަ ތައްޔާރުކޮށްފައިވަނީ، މީހުން ދެވިހިފާ ފަދަ ގޮތަކަށްކަން ދިރާސާއަށް ވަނީ އެގިފަ އެވެ.
މި މައްސަލައަށް އޮތް އެންމެ ފަސޭހަ އެއް ހައްލަކީ ކާބޯތަކެތީގެ ލޭބަލްތައް މެދުވެރިކޮށް ސިއްހީ ނުރައްކާތައް ސާފުކޮށް ބަޔާންކޮށްދިނުން ކަމަށް ދިރާސާވެރިން ބުނެފައިވެ އެވެ. އެގޮތުން 2016 ވަނަ އަހަރު ޗިލީގައި ހަކުރާއި، ލޮނު އަދި ކެލޮރީ ގިނަ ތަކެތީގައި ކަޅު ކުލައިގެ ޚާއްސަ ލޭބަލެއް ޖެހުން މަޖުބޫރުކުރުމުން، އެފަދަ ތަކެތި ގަންނަ މިންވަރު 23.8 އިންސައްތަ ދަށްވެފައިވެ އެވެ. ހަމައެއާއެކު، ފްރާންސުން ތައާރަފްކުރި "ނިއުޓްރީ-ސްކޯ" ލޭބަލްގެ ސަބަބުންވެސް ކަސްޓަމަރުން ސިއްހަތަށް ފައިދާހުރި ތަކެތި އިޚުތިޔާރުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
މިދިޔައަހަރުގެ "ލާންސެޓް" ކަރުދާހެއްގައި ލަފާކޮށްފައިވާ ގޮތުގައި، މިހާރުގެ ހާލަތަށް ބަދަލެއް ނައިސް ކުރިއަށް ގޮސްފިނަމަ 2050 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ބޮޑެތި މީހުންގެ ދެބައިކުޅަ އެއްބަޔަކީ މާބޮޑަށް ފަލަ ނުވަތަ އޮބީސް މީހުންނަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ދިރާސާވެރިން ކަމަށްވާ ސެމިއުލް ޑިކަން އަދި އަބީ ފިޝާ އިސްވެ ތިއްބަވައި ކުރިއަށް ގެންދިޔަ ދިރާސާއަކުން ހާމަވި ގޮތުގައި، ކާބޯތަކެތި އިޚުތިޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުން ޕްރޮސެސްކޮށްފައިވާ ކާބޯތަކެތި ކާ މިންވަރު 25 އިންސައްތަ ދަށްކުރެވިދާނެ އެވެ. މީގެ ތެރޭގައި އަމިއްލައަށް ކައްކައިގެން ކެއުމާއި، ސިއްހަތަށް ފައިދާހުރި ތަކެތި ގަންނަން ލިބޭނެ ތަންތަނުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެ އެވެ.
ސިއްހީ މާހިރުން އިލްތިމާސްކުރަނީ މިކަމަކީ ހަމައެކަނި ފަރުދީ ޒިންމާއަށް ދޫކޮށްނުލައި، ސަރުކާރުތަކުން ސިޔާސަތުތަކަށް ބަދަލު ގެނެސް، ކާބޯތަކެއްޗަކީ އިންސާނުނަށް ފައިދާ ހުރި އެއްޗިއްސަށް ހެދުމަށެވެ. ދިރާސާވެރިން ބުނަނީ، މިއީ ކުރިމަތިވަމުންދާ ސިއްހީ ބޮޑު ކާރިސާއިން ސަލާމަތްވުމަށް އޮތް އެންމެ މުހިންމު އެއް ހައްލުކަމަށެވެ.
ލޭބަލްގެ ސަބަބުން އިންސާނާގެ ސިކުނޑިއާ ކުޅެލާކަން ގިނަ މީހުން ގަބޫލުކުރެ އެވެ. އެއީ ފިހާރައަކަށްދާ އިރު ކާއެއްޗިއްސަކީ މީރު އެއްޗެއް ގޮތުގައި ލޭބަލްކޮށްފައި ހުންނަ ނަމަ އިންސާނާއަށް ގަބޫލު ކުރެވެނީ މި ތަކެތި މީރު ވާނެ ކަމަށެވެ. އެހެންނަމަވެސް އިންސާނާގެ ހަށިގަނޑަށް ގެއްލުން ލިބޭ ފޮޓޯ ނުވަތަ ލޭބަލް ޖެހުމުން ގަންނަ ވަގުތުވެސް މީހާއަށް އެގަތުމުގައި އުދަގޫތަކެއް ކުރިމަތިވާކަން އެނގިފައިވެ އެވެ.