ENGLISH

07 މޭ 2026

Advertisement

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން ހައްޔަރުކޮށްފި

06 މޭ 2026

|

އާމިނަތު ނުޒްލާ

އިމިގްރޭޝަނުން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން-- ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މާލޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، ޓާސްކްފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، މާލޭގެ ހަތް ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި 15 ބިދޭސީއެއް ޗެކްކޮށްފަވާއިރު، މީގެ ތެރެއިން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

އިމިގްރޭޝަނުން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން-- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން ބުނީ، ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާރު އެއްކޮށްފައިވާ ކަމަށެވެ. އަދި އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކުގެ ކައިރީ މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް މިމަހުގެ ދެވަނަ ދުވަހާއި ހަމައަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދީފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ދީފަވާއިރު މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު ސަރުކާރުން ދީފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު