ENGLISH

07 މޭ 2026

Advertisement

މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ ސެމިނާއެއް ރާއްޖޭގައި ފަށައިފި

06 މޭ 2026

އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކުގެ މާލީ ދެމެހެއްޓެނިވިކަމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށް ހާއްސަކޮށްގެން ބައިނަލްއަގުވާމީ ސެމިނާއެއް މިއަދު ރާއްޖޭގައި ފަށައިފި އެވެ

މި ސެމިނާ އަކީ އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (އިސާ) އިން އިންތިޒާމުކޮށްގެން، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ގުޅިގެން ބާއްވާ ސެމިނާއެކެވެ. މި ސެމިނާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދުވަހުގެ މުއްދަތަކަށް ކްރޮސްރޯޑް މޯލްޑިވްސްގަ އެވެ.

ސެމިނާގައި އޭޝިއާ ޕެސިފިކް އަދި ޔޫރޭޝިއާ ސަރަހައްދުގެ އިސާގެ މެމްބަރު ގައުމުތަކާއި ޖަމިއްޔާތަކުން ބައިވެރިވެ އެވެ.

މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށް ކުރިއަށްދާ ބައިނަލްއަގުވާމީ ސެމިނާގެ ތެރެއިން-- ފޮޓޯ: ޕެންޝަން އޮފީސް

ސެމިނާ ފެށުމަށް ބޭއްވި ރަސްމިއްޔާއު ޝަރަފުވެރިކޮށްދެއްވާފައި ވަނީ އެޓާނީ ޖެނެރަލް އަޙްމަދު އުޝާމެވެ. މި ބައްދަލުވުމގައި އިސާގެ އިސްވެރިންނާއި، ޕެންޝަން އޮފީހުގެ އިސްވެރިންގެ އިތުރަށް އެކި ދާއިރާތަކުން މެމްބަރުން ބައިވެރިވެފައިވެ އެވެ.

ޕެންޝަން އޮފީހުން ބުނީ، މި ސެމިނާގައި އޭޝިއާ ސަރަހައްދުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އާބާދީ މުސްކުޅިވުމާއި، މަސައްކަތުގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އިތުރުން އިގްތިސާދީ ނުތަނަވަސްކަމާ ގުޅޭ ގޮތުން ވެސް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރަން ހަމަޖެހިފައިވާކަމަށް ބުނެފައިވެ އެވެ.

މި ސެމިނާގެ ގައި މައިގަނޑު ތިން ދާއިރާއަކަށް އިސްކަން ދީގެން މަޝްވަރާކުރެވިގެންދާނެ ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެ އެވެ. އެއީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުކުރުމާއި، މަސައްކަތުގެ ބާޒާރަށް އަންނަ ބަދަލުތަކަށް އަހުލުވެރި ކުރުމާއި، މަކަރާއި ހީލަތް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. މީގެ އިތުރަށް އާބާދީ މުސްކުޅިވުމާ ގުޅިގެން އިތުރުވާ ޚަރަދުތައް ކުޑަކުރުމަށް ގެނެވިދާނެ އިސްލާހުތަކާއި، ކުއްލި ހާލަތްތަކުގައި ނިޒާމު ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވިގެންދާނެކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.