ENGLISH
26 މޭ 2026
ކާނާއިން އުފާލިބިގަތުމުން، ބަރުދަން ލުއިވާކަން އެނގޭތަ؟
04 މޭ 2026
|
ކާނާއާއި ރުހި އުފަލުން ކެއުމުން، ބަރުދަން ލުއި ވުމަށް ފަސޭހަވެގެންދޭ-- ފޮޓޯ: ސީއެންއެން
އެންމެ މަޤްބޫލު
ބަރުދަން ލުއިކުރަން މަސައްކަތްކުރާ ގިނަ ބަޔަކަށް އޮންނަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މީރު ކާނާއާ ދުރަށް ދާން ޖެހުމެވެ. އެހެންނަމަވެސް، އެމެރިކާގެ ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި، ބަރުދަން ލުއިވުމުގެ ހަގީގީ ތަޅުދަނޑިއަކީ ކާނާގެ ރަހަޔަށް އިންސާފުކޮށް، އެއިން އުފާލިބިގަތުމެވެ.
މީރު ޗޮކްލެޓްއަކާއި ކެލޮރީ މަދު ފޮނި އެއްޗަކާ ދެމެދު އިޚްތިޔާރު ކުރަން ޖެހިއްޖެނަމަ، ގިނަ މީހުންނަށް އިޚްތިޔާރު ކުރަނީ މީރު ރަހަދޭ އެއްޗެވެ. މިއީ އިންސާނާގެ ފިތުރަތުގައިވާ ކަމެކެވެ. އިންސާނުންނަކީ ވަރަށް ކުރިންސުރެވެސް ފޮނި ކާއެއްޗިހި ކާން ބޭނުންވާ ބައެކެވެ. ފޮނި ތަކެތި ބޭނުންކުރުމުގެ އާދަ އަށަގަނެފައިވުމުން އެފަދަ ތަކެއްޗަށް ދަހިވެތިވުމަކީ އިންސާނާގެ ސިކުނޑީގައި ބިނާވެފައިވާ ކަމެކެވެ. މިކަމާ ގުޅޭގޮތުން ޔުނިވަރސިޓީ އޮފް މިޗިގަންގެ ޕްރޮފެސަރ އެޝްލީ ގިއަރހާޑް ބުނީ، އަލްޓްރާ-ޕްރޮސެސްޑް ނުވަތަ މާބޮޑަށް ތައްޔާރުކޮށްފައިވާ ކާނާ އަކީ "ހެވީ މެޓަލް ކޮންސަރޓެއް" ފަދަ އެއްޗެއް ކަމަށާއި، އޭގެ ސަބަބުން މޭވާއާއި ތަރުކާރީގެ ގުދުރަތީ ރަހަތައް އިހުސާސް ކުރަން އުނދަގޫވާ ކަމަށެވެ.
ސްޓެންފޯޑް ޔުނިވަރސިޓީގެ ސައިކޮލޮޖިސްޓް އާލިއާ ކްރަމް ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ކާނާއާ މެދު އިންސާނާގެ ވިސްނުން ހުންނަ ގޮތުން ހަށިގަނޑުގެ ހޯރމޯންތަކަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އެގޮތުން، އެއްމިންވަރެއްގެ "މިލްކްޝޭކް" އެއް ދިނުމަށްފަހު، އެއީ ކެލޮރީ މަދު އެއްޗެއް ކަމަށް ބުނި މީހުންނަށްވުރެ، އެއީ މީރު އަދި ކެލޮރީ ގިނަ އެއްޗެއް ކަމަށް ބުނި މީހުންގެ ހަށިގަނޑުން ބަނޑުހައިވުން ކުޑަކޮށްދޭ ހޯރމޯން "ގްރެލިން" ދަށްވި މިންވަރު އިތުރެވެ. މި ދިރާސާއިން ބުނެދެނީ ބަނޑުފުރޭނެ ކަމަށް ގަބޫލުކޮށްގެން ކެއުމުން ހަށިގަނޑަށް އެ އިހުސާސް ކުރެވި، މެޓަބޮލިޒަމް އަވަސްކޮށްދޭ ކަމެވެ.
ކާނާއާއި ރުހި އުފަލުން ކެއުމުން، ބަރުދަން ލުއި ވުމަށް ފަސޭހަވެގެންދޭ-- ފޮޓޯ: ސީއެންއެން
ލޭބަލް ޖެހުމުގައި ބޭނުންކުރާ ބަސްތަކުގެ ސަބަބުން ވެސް ކެއުމަށްފަހު ކުރެވޭ އިހުސާސްތަކަށް ބަދަލު އަންނަ ކަމަށް ދިރާސާވެރިން ބުނެއެވެ. އެގޮތުން އެއްވައްތަރެއްގެ ޕްރޮޓީން ބާއެއްގައި "ޓޭސްޓީ" (މީރު) ޖަހާފައި ދިނުމުން ލިބުނު ހިތްހަމަޖެހުން، "ހެލްތީ" (ސިއްހަތަށް ރަނގަޅު) ޖަހާފައި ދިނުމުން ނުލިބޭ ކަމަށް ދިރާސާގައި ބައިވެރިވި މީހުން ބުނެފައިވެ އެވެ. އަދި ކާ އެއްޗެއްގެ ސަބަބުން ތިމާއަކީ ކުށްވެރިއެއްކަމުގެ އިހުސާސް ކުރެވޭނަމަ، ބަރުދަން ލުއިކުރަން އުނދަގޫވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ދިރާސާއިން ހާމަވި އެވެ.
އެހެންކަމުން، ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކުން "ލޯ-ފެޓް" ނުވަތަ "ލައިޓް" ފަދަ ބަސްތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ގުދުރަތީ ކާނާއާއި ޕްރޮޓީން ހިމެނޭ ތަކެތި ބޭނުންކޮށް، ކެއުމަކީ އުފަލެއް ކަމުގައި ދެކެން ޖެހެ އެވެ. ކޮންމެހެން ކާން ބޭނުންވާ މީރު އެއްޗެއް ދޭތެރެއަކުން ކާލުމާއި، ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބޭ ފަދަ ގޮތަކަށް ވިސްނުން ބެހެއްޓުމަކީ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ އެންމެ މުހިންމު ކަންތައް ކަމަށް މި ދިރާސާތަކުން ސާބިތުވެފައިވެ އެވެ.
ތިބާ ކާއެއްޗަކަށްވުރެ، ތިމާ އެ ކާއެއްޗަކާ ދޭތެރޭ ދެކޭގޮތް މާ މުހިއްމެވެ. އިންސާނާގެ ސިކުޑިން އެ ކާއެއްޗަކާ މެދު ދެކޭގޮތުން، ބަނޑުހައިކަން ފިލުމާއި ވަރަށް ބޮޑު ގުޅުމެއްވެ އެވެ.