ENGLISH
26 މޭ 2026
"މޮޔަ މާމުއި"، ސިފައިންނާއި މިނިކާވަގު ބަލިކޮށްލާ ފަދަ ބާރުގަދަ އެއްޗެއް
01 މޭ 2026
|
މާމުއި-- ބީސްވިކީ
އެންމެ މަޤްބޫލު
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ބާވަތްތަކުގެ މާމުއި އުފައްދަ އެވެ. އެހެންނަމަވެސް، "ޑެލީ ބަލް" ނުވަތަ "މޮޔަ މާމުއި" އަކީ އޭގެ ތަފާތު ސިފަތަކުގެ ސަބަބުން ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ އެއްޗެކެވެ. މި މާމުއި ދުނިޔޭގައި ލިބެން ހުންނަނީ އެންމެ ދެ ސަރަޙައްދަކުންނެވެ. އެއީ ތުރުކީގެ ކަޅުކަނޑުގެ އައްސޭރިފަށުގެ ފަރުބަދަމަތީ ސަރަޙައްދުތަކާއި، ނޭޕާލްގެ ހިމަލަޔަން ފަރުބަދަތަކުގެ ސަރަޙައްދުންނެވެ.
ތުރުކީގެ ކަޗްކަރް ފަރުބަދަތަކުގައި މާމުއި އުފައްދާ ހަސަން ކުޓްލުއަޓާ ބުނި ގޮތުގައި، މި މާމުއި އުފެދެނީ އެ ސަރަޙައްދުގައި ހެދޭ ދަނބުކުލައިގެ "ރޯޑޯޑެންޑްރޯން" މަލުން މާމުއިކުޅަނދުރު ބޯ ފޮނިންނެވެ. މި މަލުގެ ފޮނިކޮޅުގައި "ގްރަޔަނޯޓޮކްސިން" ކިޔާ ވިހަ މާއްދާއެއް ހިމެނެ އެވެ. މާމުއިކުޅަނދުރު މި ފޮނިކޮޅު ބުއިމުގެ ސަބަބުން މާމުއިގެ ތެރެއަށް މި ވިހަ މާއްދާ ވާސިލުވެގެންދެ އެވެ.
ރޯޑޯޑެންޑްރޯން މަލުން މާމުއި ކުޅަނދުރު ފޮނި ބޮނީ-- ފްލައިން ފްލާވާސް
މި މާމުއިގެ އެންމެ ސަމުސަލެއް ބޭނުންކުރުމުންވެސް ހަށިގަނޑަށް އަރާމުވެ، މަސްތުގެ އަސަރު ކުރުވަ އެވެ. އެހެންނަމަވެސް، މާމުއި ފުޅިއެއް އެއްފަހަރާ ބޮއިފިނަމަ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މި މާމުއި ބޭނުންކުރުމުން ބޯ އެނބުރުމާއި، ލޭގެ ޕްރެޝަރު ދަށްވުމާއި، ހުން އައުމުގެ އިތުރުން ހިނގަން އުނދަގޫވުން ފަދަ ކަންކަން ދިމާވުން އެކަށީގެންވާ ކަމަށް، ދިރާސާތަކުން ދައްކަ އެވެ.
ތާރީޚީ ރެކޯޑުތަކަށް ބަލާއިރު، މީގެ އެތައް ގަރުނެއް ކުރިން ގްރީކްގެ ސިފައިން ތުރުކީގެ މި ސަރަޙައްދުން ދަތުރުކުރިއިރު، މި މާމުއި ގިނައިން ބުއިމުގެ ސަބަބުން މުޅި ލަޝްކަރު ބަލިކަށިވެ، ހަނގުރާމައަކާ ނުލައި ބަލިވި ކަމަށް ކުރީގެ ތާރީޚީ ލިޔުންތަކުގައި ލިޔެފައިވެ އެވެ.
ތުރުކީގެ ކުޓްލުއަޓާގެ އާއިލާއަކީ ތިން ޖީލަށް މާމުއި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އާއިލާއެކެވެ. އޭނާ ބުނީ މާމުއި ހޯދުމަށް ފަރުބަދަތަކަށް އަރާއިރު، މި މާމުއިގެ ސަބަބުން މަސްތުގައި ޖެހިފައި ތިބޭ މިނިކާވަގުތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި އެއްފަހަރަކު މިނިކާވަގަކު އޭނާއަށް ހަމަލާދީ ޒަޚަމްކޮށްލުމުގެ ސަބަބުން، ހަފުތާއަކަށްވުރެ ގިނަ ދުވަހު އައިސީޔޫގައި ފަރުވާ ހޯދަން ޖެހުނު ކަމަށްވެސް އޭނާ ކިޔައިދީފައިވެ އެވެ.
ލޭގެ ޕްރެޝަރު ދަށްކުރުމަށާއި، ކޮންމެ ދުވަހެއްގެ ހަކަތަ އިތުރުކުރުމަށް ބޭނުންކުރާ ސިއްހީ ބޭހެއްގެ ގޮތުގައި އެ ސަރަޙައްދުގެ މީހުން މި މާމުއީގެ ކުޑަ މިންވަރެއް ބޭނުންކުރެ އެވެ. ނަމަވެސް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އިން ވަނީ މި މާމުއި ބޭނުން ކުރުމުގައި ރައްކާތެރިވުމަށް އިންޒާރު ދީފަ އެވެ.
ތުރުކީގައި މި މާމުއި ވިއްކުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމަކަށް ވީނަމަވެސް، މީގެ ބާރުގަދަކަމުގެ ސަބަބުން ބޭނުންކުރަން ޖެހެނީ ވަރަށް ބޮޑަށް ފަރުވާތެރި ވެގެންނެވެ.