ENGLISH

26 މޭ 2026

Advertisement

ހަ ހަފުތާ ވަންދެން ހަކުރު ބޭނުންކުރުން ހުއްޓާލުމުން ލިބުނީ ހައިރާންކުރުވަނީ ނަތީޖާއެއް

27 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ހަކުރު ބޭނުން ކުރުން މަދު ކުރުމުން ލިބިދޭ ފައިދާ-- ފޮޓޯ: ލިޓިލްރިވާ ކިޗެން

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކާބޯތަކެތީގައި ހިމެނޭ ހަކުރުގެ މިންވަރު މަދުކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، އަޅުގަނޑުމެން ކައިބޮއެ އުޅޭ ތަކެތީގައި ހަކުރު ހިމެނޭ މިންވަރު ގިނަ ފަހަރަށް އޮންނަނީ ނޭނގުމެއްގެ ތެރޭގަ އެވެ. ދާދިފަހުން ސިއްހީ ދާއިރާގެ ރިޕޯޓަރަކު ވަނީ ހަ ހަފުތާ ވަންދެން ހަކުރު ބޭނުންކުރުން ހުއްޓާލުމަށްފަހު، އެކަމުން ލިބުނު ތަޖުރިބާ ހިއްސާކޮށްފަ އެވެ.

އާންމުކޮށް ގޭގައި ތައްޔާރުކުރާ ރަނގަޅު ކާނާ ބޭނުންކުރި ނަމަވެސް، ކޮންމެ ދުވަހަކު ޗޮކްލެޓް ފަދަ ފޮނި އެއްޗެހި ކެއުމަކީ ގިނަ ބައެއްގެ އާދައެކެވެ. މާގިނައިން ހަކުރު ބޭނުންކުރުމަކީ ދަތްތައް ހަލާކުވުމުގެ އިތުރުން، ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެކެވެ. އަދި ދިގުމުއްދަތުގައި ވިސްނުމުގެ ބާރު ނުވަތަ ކޮގްނިޓިވް ފަންކްޝަނަށް ނޭދެވޭ އަސަރު ކުރާކަމުގެ ހެކިތައް ވެސް ވަނީ ފެނިފަ އެވެ.

ސިއްހީ ދާއިރާގެ ހަބަރުތައް ރިޕޯޓްކުރާ ފަރާތެއްގެ ހައިސިއްޔަތުން، ބާޒާރުން ގަންނަން ލިބޭ ބައެއް ފޮނި ތަކެތީގައި ދުވާލަކަށް ބޭނުންކުރުމަށް ލަފާދޭ ހަކުރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ހަކުރު ހުންނަކަން ފާހަގަވުމަކީ މި ތަޖުރިބާ ފެށުމަށް ލިބުނު ހިތްވަރެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

މި ހަ ހަފުތާގެ ޗެލެންޖުގައި، ރިފައިންޑް ހަކުރާއި، މާމުޔާއި، މޭވާގެ ޖޫސް ބޭނުންކުރުން މުޅިން ހުއްޓާލި  އެވެ. ނަމަވެސް މޭވާގައި ހުންނަ ގުދުރަތީ ހަކުރާއި، ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭ ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ބޭނުންކޮށްފައިވެ އެވެ. މި ބަދަލާއެކު ހަށިގަނޑުގެ ހަކަތަ ހުންނަ މިންވަރަށް ބޮޑު ކުރިއެރުމެއް ލިބުނުކަމަށާއި، ހާއްސަކޮށް މެންދުރު ކެއުމަށްފަހު އަންނަ ވަރުބަލިކަން ކެނޑިގެން ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ.

މި ތަޖުރިބާގެ ހިއްސާދާރަކު ބުނީ، އޭނާގެ މި ތަޖުރިބާއިން އެންމެ ބޮޑަށް ފާހަގަވީ،ހީވެސް ނުކުރާ ކާބޯތަކެތީގައި ހަކުރު ގިނަ އަދަދަކަށް ހިމެނޭ ކަމެވެ. އެގޮތުން އޭނާ ފާހަގަކުރީ ބާޒާރުން ގަންނަން ލިބޭ ސޭންޑްވިޗާއި، ތައްޔާރީ ކާނާ، ސެރިއަލް އަދި އާދައިގެ ޕާން ފޮއްޗެއްގައި ވެސް ހަކުރު ހިމެނޭ މިންވަރެވެ.

ހަކުރު ބޭނުންކުރުން ހުއްޓާލާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ހަށިގަނޑުން ހަކުރު ބޭނުންވާ މިންވަރު ދަށްވާން ފަށާކަމަށް ކެލިފޯނިއާގެ ސްޓެންފޯޑް ސްކޫލް އޮފް މެޑިސިންގެ ޑައިޓީޝަން، ޑާލިއާ ޕާރަލްމަން ބަޔާންކުރައްވަ އެވެ. މީގެ ސަބަބުން ދުލުގެ ރަހަބަލާ ފޫތައް އައު ހާލަތަކަށް ހޭނި، ފޮނި ރަހަތަކަށް މާބޮޑަށް ނާޒުކުވެގެންދެ އެވެ. ސިނާއީ ގޮތުން ފޮނިކޮށްފައި ހުންނަ ކާނާ ދޫކޮށްލުމުން، ޤުދުރަތީ ގޮތުން ކާނާގައި ހުންނަ ފޮނިކަން ވަޒަންކުރުމުގެ ގާބިލުކަން އަލުން އިއާދަވާ ކަމަށް ގިއަރހާޑް ފާހަގަކުރައްވަ އެވެ.

މި ތަޖުރިބާ ފެށިތާ ތިން ހަފުތާވީއިރު، ވަރަށް ތަފާތު ކަމެއް ފާހަގަވާން ފެށިކަމަށް ބުނެފައިވެ އެވެ. އެގޮތުން އާދަވެގެން ފޮނި އެއްޗެހި ކާހިތްވުން ހުއްޓި. މެންދުރުފަހު ބަނޑުހައިވާ ވަގުތުތަކުގައި، ފޮނި ކާނާގެ ބަދަލުގައި ޒައިތޫނި، ނަޓްސް އަދި މޭވާ ފަދަ ސިއްހަތަށް ފައިދާހުރި ތަކެތި ކާން ފެށިގެން ދިޔަ ކަމަށެވެ.

ހަކުރުގެ ރަހަ އިހުސާސްވާ މިންވަރު ދަށްވުމުގެ ސަބަބުން، ކުރިއަށްވުރެ މަދު ހަކުރުން ހަށިގަނޑަށް ފުދެއެވެ. ބައިވެރިޔަކު ތަފްސީލުކޮށްދެއްވި ގޮތުގައި، ހަށިގަނޑުގައި ހުންނަ ސަރުބީގެ ބާވަތެއް ކަމަށްވާ 'ޓްރައިގްލިސަރައިޑް' ގެ މިންވަރު ވެސް މި ބަދަލާއެކު ދަށްވެ އެވެ. އަދި އިންސިއުލިންއަށް ހަށިގަނޑު އިޖާބަދޭ މިންވަރު ރަނގަޅުވެގެންދެ އެވެ. ސަބަބަކީ ފޮނި އެއްޗެހި ކެއުމުން ލޭގެ ހަކުރު ކުއްލިއަކަށް މައްޗަށްދާ ދިއުން މަދުވާތީއެވެ. މިއީ ހަށިގަނޑުގެ ނިޒާމު އޭގެ އަސްލު ގޮތަށް 'ރީސެޓް' ވުން ފަދަ ކަމެކެވެ.

އެހެންނަމަވެސް، ހަކުރު ބޭނުންކުރުން މަދުވުމުން، ހަށިގަނޑަށް ލިބޭ ހިތްހަމަޖެހުމާ ގުޅިފައިވާ 'ޑޯޕަމިން' އުފެދޭ މިންވަރު މަދުވެ، ހަކުރަށް ދެވިހިފުން ކުޑަވެގެންދެ އެވެ. ގިނަ ފޮނި އެއްޗެހީގައި ހުންނަ އިތުރުކޮށްފައިވާ ހަކުރުގެ ސަބަބުން، އިންސާނާ އެއަށް ދެވިހިފާ މިންވަރު އިތުރުވެ އެވެ.

ހަކުރު މަދު ކާނާއަކަށް ބަދަލުވުމުން އެހެނިހެން ސިއްހީ ފައިދާތައް ވެސް ލިބެއެވެ. 41 ކުދިން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، އެންމެ 10 ދުވަހު ހަކުރު ބޭނުންކުރުން ހުއްޓާލުމުން، އެކުދިންގެ ލޭގެ ޕްރެޝަރާއި ހަށިގަނޑުގެ ސަރުބީ ދަށްވެ، އިންސިއުލިން ރެސިސްޓެންސް ރަނގަޅުވެ، އުޅުމާއި މިޒާޖަށް ހެޔޮ ބަދަލުތަކެއް އައިސްފައިވެ އެވެ.

މީގެ އިތުރުން، ބޮޑަށް ޕްރޮސެސްކޮށްފައި ހުންނަ ކާނާއާ ބެހޭ ދިރާސާތަކުން ދައްކާ ގޮތުގައި، މަދުން ޕްރޮސެސްކޮށްފައިވާ ކާނާ ބޭނުންކުރާ މީހުންނަށް، ކާނާއަށް އެދޭ މިންވަރު މަދުވެ، ހަށިގަނޑުގެ ހަކަތަ އިތުރުވެގެންދެ އެވެ.

ހަކުރުގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރުތައް ރަނގަޅަށް ސާފުވުމުން، އާދަތައް ބަދަލުކުރުމަށް ފަސޭހަވެގެން ދިޔަ ކަމަށް މި ތަޖުރިބާ ކުރި ފަރާތަކުން ބުނެފައިވެ އެވެ. މީގެ އިތުރުން ފޮނި ތަކެއްޗަށް ހުންނަ ޝައުގުވެރިކަން ކުޑަވުމާއި، ގޭގައި ވެސް ފޮނި އެއްޗެހި މަދުކޮށް، ސިއްހަތަށް ފައިދާހުރި ތަކެތި ބެހެއްޓުމަށް ސަމާލުކަން ދޭ މިންވަރު އިތުރުވެގެންދިޔަ އެވެ. އަދި ބޯން ބޭނުންކުރާ ޖޫހުގެ ބަދަލުގައި، ލުނބޯ ހުތް އެޅި ފެން ބޭނުންކުރަން ފެށުމުން، ކަރުހިއްކުން ފިލައި ހަށިގަނޑަށް ތާޒާކަން ލިބިގެން ދިޔަކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ދުނިޔޭގެ ސިއްހީ މިންގަނޑުތަކަށް ބަލާއިރު، އެމެރިކާގައި ދުވާލަކު 12 ސައިސަމުސަލަށް ވުރެ މަދުން (ގާތްގަނޑަކަށް 50 ގްރާމް) ހަކުރު ބޭނުންކުރުމަށް ލަފާދޭއިރު، އިނގިރޭސިވިލާތުގެ އެން.އެޗް.އެސް އިން ލަފާދެނީ 7 ސައިސަމުސަލަށް (30 ގްރާމް) ވުރެ މަދުކުރުމަށެވެ. ނަމަވެސް، ހަގީގަތުގައި ގިނަ މީހުން ދުވާލަކު 16 އާއި 17 ސައިސަމުސަލުގެ ހަކުރު ބޭނުންކުރެ އެވެ.

ސިނާއީ ގޮތުން ތައްޔާރުކޮށްފައިވާ "އަލްޓްރާ-ޕްރޮސެސްޑް" ކާނާގައި ހަކުރު ގިނައިން ހުރުމުގެ އިތުރުން، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް މަދުކަން ފާހަގަކުރެވެ އެވެ. އެހެންކަމުން، ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ކާބޯތަކެތި ގަންނައިރު އޭގައި ހިމެނޭ ތަކެތީގެ ލޭބަލް ރަނގަޅަށް ބެލުމަކީ ނުހަނު މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު