ENGLISH

26 މޭ 2026

Advertisement

އިނގޭތަ؟ މިއަހަރު އެލްނީނިއޯ އެއް އައުމުގެ ފުރުސަތު ބޮޑު

26 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

މިއަހަރު އެލްނީނިއޯ އެއް އައުމުގެ ފުރުޗަތު ބޮޑު-- ފޮޓޯ: ބީސީސީ

އެމެރިކާގެ ސައިންސް އެޖެންސީ، ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޯއާ) އިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ " ލާނީނިއާ" (La Niña) ގެ ދައުރު މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އަދި މީގެ އިދިކޮޅު މަރުހަލާ ކަމަށްވާ "އެލްނީނިއޯ" (El Niño) 2026 ވަނަ އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް ބެލެވޭއިރު، މިއީ ވަރަށް ބާރުގަދަ ހާދިސާއަކަށް ވުމުގެ ފުރުސަތު ބޮޑު ކަމުގެ ނިޝާންތައް އަންނަނީ ފެންނަމުންނެވެ.

އެލްނީނިއޯ އަދި ލާނީނިއާ އަކީ ދުނިޔޭގެ ފިނިހޫނުމިނާއި ވާރޭ ވެހޭ މިންވަރަށް ނުހަނު ބޮޑަށް އަސަރުކުރުވާ، ގުދުރަތީ ގޮތުން ހިނގާ މޫސުމީ ބަދަލުތަކެކެވެ.

އެލްނީނިއޯ އަދި ލާނީނިއާ އަކީ ކޮބާ؟

މިއީ "އެލްނީނިއޯ ސަދަން އޮސިލޭޝަން" (ENSO) ގެ ނަމުން ނަންދެވިފައިވާ ގުދުރަތީ މޫސުމީ ހާދިސާއެއްގެ ދެ ފަރާތެވެ. މި ހާދިސާ ހިނގަނީ ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ނަމަވެސް، މީގެ އަސަރު މުޅި ދުނިޔޭގެ މޫސުމީ ނިޒާމަށް ފޯރަ އެވެ.

މި ދެ މަރުހަލާ މައިގަނޑު ގޮތެއްގައި ވަކިކުރެވެނީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިނަށް އަންނަ ބަދަލުތަކުންނެވެ. އެލްނީނިއޯގެ ދުވަސްވަރު މި ސަރަހައްދުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވާއިރު، ލާނީނިއާގެ ދުވަސްވަރު ލޮނުގަނޑު ފިނިވެ އެވެ. މީގެ އިތުރުން ވައިގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުން ވެސް މި މަރުހަލާތައް ދެނެގަނެވެ އެވެ.

އާދައިގެ ހާލަތެއްގައި، ޕެސިފިކް ކަނޑުގެ އިރުމަތީ ބިތުގެ ލޮނުގަނޑު ފިނިވެފައި ހުންނައިރު ހުޅަނގު ބިތް ހުންނަނީ ހޫނުކޮށެވެ. އަދި "ޓްރޭޑް ވިންޑްސް" ނުވަތަ އިރުމަތިން ހުޅަނގަށް ޖެހޭ ވައިގެ ސަބަބުން، އިރުގެ ދޯދިތަކުން ހޫނުވެފައިވާ ލޮނުގަނޑު ހުޅަނގަށް ފޮނުވާލަ އެވެ. ނަމަވެސް، އެލްނީނިއޯގެ ދުވަސްވަރު މި ވައި ބަލިކަށިވެ ނުވަތަ ދިމާ އިދިކޮޅަށް ޖެހެން ފެށުމުން، ހޫނު ލޮނުގަނޑު އިރުމައްޗަށް ދަތުރުކުރެ އެވެ. ލާނީނިއާގެ ދުވަސްވަރު މި ވައި އިތުރަށް ބާރުގަދަވެ، ހޫނު ލޮނުގަނޑު އިތުރަށް ހުޅަނގަށް ފޮނުވާލުމުން، ކަނޑުގެ އަޑިން ފިނި ފެން މައްޗަށް އަރައި އިރުމަތީ ޕެސިފިކްގެ ލޮނުގަނޑު ފިނިވެ އެވެ.

މި ހާދިސާ އެންމެ ފުރަތަމަ ފާހަގަކުރީ 1600 ގެ އަހަރުތަކުގައި ޕެރޫގެ މަސްވެރިންނަށެވެ. ކޮންމެ އަހަރަކު ވެސް ޑިސެމްބަރު މަހު ކަނޑުގެ ލޮނުގަނޑު ހޫނުވާކަން ފާހަގަކުރެވޭތީ، އެމީހުން މި ހާދިސާއަށް "އެލްނީނިއޯ ޑި ނަވިދާދް" ގެ ނަމުން ނަން ދިނެވެ.

މޫސުމަށް ކުރާ އަސަރުތައް

ކޮންމެ އެލްނީނިއޯ ނުވަތަ ލާނީނިއާ އެއް އެއްގޮތެއް ނުވި ނަމަވެސް، ސައިންސްވެރިން ވަނީ ބައެއް އާންމު ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެލްނީނިއޯގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން އާންމުކޮށް މަތިވެ އެވެ. މީގެ ސަބަބުން ހޫނު ފެންގަނޑު ފެތުރި، ޖައްވުގެ ތެރެއަށް ގިނަ އަދަދަކަށް ހޫނު ބޭރުވެ، ވައިގެ ތެރޭގައި ތެތްކަމާއި ހޫނުމިން އިތުރުވެގެންދެ އެވެ. މީގެ އިދިކޮޅަށް ލާނީނިއާގެ ދުވަސްވަރު ދުނިޔޭގެ ފިނިހޫނުމިން ދަށަށްދެ އެވެ.

މި ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކަށް އާދަޔާ ހިލާފަށް ވާރޭވެހުމާއި، ހަނަފަސްކަން ކުރިމަތިވުން ފަދަ ކަންކަން މެދުވެރިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު