ENGLISH

26 އޭޕްރީލު 2026

Advertisement

ދިވެހިރާއްޖެ އިސްކުރައްވައި ތަންފީޒުކުރެއްވި "ތިލަފަތްހަމަ" ހާރިޖީ ސިޔާސަތުން ބޮޑެތި މަންފާތަކެއް

26 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ

ދިވެހިރާއްޖެއާއި ދިވެހީން އިސްކުރައްވާ ހާރިޖީ ސިޔާސަތެއް ތަންފީޒުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނުގެ އެ ސިޔާސަތަށް ދެއްވި ނަމަކީ "މޯލްޑިވްސްް ފަސްޓް" ސިޔާސަތެވެ. މިހާތަނަަށް މި ސިޔާސަތުގެ ދަަށުން އެމަނިކުފާނު ގާއިމުކުރެއްވީ ތިލަފަތް ހަމަ ހާރިޖީ ގުޅުންތަކެކެވެ. ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގައި ރާއްޖެ ތާށިނުވެ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމުކުރާ ހުރިހާ ގައުމަކާއެކު ރަނގަޅު އެކުވެރި ގުޅުންތަަކެއް ގާއިމުކުރައްވަައި ދެމެހެއްޓެވިއެވެ. އެކަމުން އިސްތިނާކުރެއްވީ އަނިޔާވެރި ސިހުޔޫނީ ދައުލަތް އެކަންޏެވެ. 

މިދެންނެވި ސިޔާސަތު ހިންގަވައި ތަންފީޒުކުރެއްވުމުގެ ފޮނި މީރުކަން ދިވެހިންނަށް ލިބުނީ ކުރީގެ ވެރިންގެ އިހުމާލާއި ނާގާބިލުކަމުން އުފަންކުރި ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްވުމުގައެވެ. ރާއްޖޭގެ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 110 އިންސައްތަ ފަހަނައަޅައި 120 ބިލިއަނުން މަތިވީ ކުރީ ސަރުކާރުތަކުގައި ނަގާފައި ހުރި ލޯނުތަކާއި ވިއްކި ސުކޫކުތަކާއި ބޮންޑާއި އެނޫންވެސް ފައިނޭންޝަލް އިންސްޓްރޫމެންޓުތަކުގެ ތެރެއިން ނަގާފައިވާ ދަރަނީގެ ނަތީޖާއެއްގެ ގޮތުންނެވެ. 

މި ދަރަނި އަދާނުކުރެވޭނެ ކަމުގެ އުންމީދުގައި ވާދަވެރިން ތިއްބައި، ކޮންމެ އަހަރަކު ރާއްޖެއަށް ލިބުނު އާމްދަނީގެ ތެރެއިން ދަރަނި އަދާކުރައްވައި ދިވެހި ގައުމު މެހިފައި އޮތް މަޅީން މިންޖުކުރެއްވި ކުރެއްވުމުގައި ރައީސްގެ އެންމެ ބޮޑު އިސްތިރާޖީ ކާމިޔާބަަކީ ހާރިޖީ ސިޔާސަތެވެ. ގައުމުތަކާއެކު ތިލަފަތްހަމަ ގުޅުމެއް ބާއްވަވައި، ބޭނުންފުޅުވި ގޮތަށް އެ ގައުމުތަކުގެ އެހީތެރިކަން ހޯއްދެވުމެވެ. 

އިންޑިޔާ ޗައިނާ ވާދަވެރިކަމުން ބޭރަށް ނިކުމެ އެކުވެރިކަމާއެކު ކުރިއަށް 

ދުނިޔޭގެ މަސްރަހު ދިރާސާކުރައްވާ ބާހިސުން ސިފަކުރައްވާ ގޮތުން 2013 އިން ފެށިގެން 2023 އާ ދެމެދުގައި ރާއްޖެ އޮތީ އޭޝިޔާ ބައްރުގެ ބޮޑު ދެ ބާރުގެ ވާދަވެރިކަމުގެ ތެރޭގައި ތާށިވެފައެވެ. އެއީ ޗައިނާއާއި އިންޑިޔާގެ ޖިއޯޕޮލިޓިކަލް ހަތުރުވެރިކަން ނުވަތަ ވާދަވެރިކަމެވެ. މި ދިހަ އަހަރުގެ ތެރެއިން ފުރަތަމަ ފަސް އަހަރަކީ ޗައިނާއާ ގުޅުން ގާތްވެ އިންޑިޔާއާ ދުރުވި ފަސް އަހަރެވެ. އަނެއް ފަސް އަހަރު މިސްރާބު ބަދަލުކޮށް، ޗައިނާއާ ފެއަށް ޖެހި އިންޑިޔާއާ ގުޅުން ރަނގަޅުކޮށް އެ ގައުމަށް ބަރޯސާަވިއެވެ. 

ހާރިޖީ ސިޔާސަތު ކޮންމެ ފަސް އަހަރަކުން ސައްތައިން ސައްތަ ބަދަލުވުމަކީ ރާއްޖެއާމެދު ބޭރު ގައުމުތަކުގެ އިތުބާރު ކުޑަވާ ކަމެކެވެ. އަދި ހާރިޖީ ގުޅުންތަކުގެ ތިލަފަތްހަމަނުކުރެވި އެއްކޮޅަށް ބުރަވާނެހެން ކަންކަން އިންތިޒާމުކުރެވުމަކީ އެކުވެރި ގައުމުތަކުން ލިބެން އޮތް އެހީތެރިކަން ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަމެއްވެސްމެއެވެ. އިންޑިޔާއިން ދީލަތި އެހީތެރިކަން ލިބޭއިރު ޗައިނާއާ އޮންނަ ގުޅުން ހީނަރުވެ އެ ގައުމުގެ އެހީ ނުލިބެއެވެ. ޗައިނާގެ އެހީތެރިކަން ލިބޭއިރު އިންޑިޔާގެ އެހީތެރިކަން ނުލިބެއެވެ. 

ނަމަވެސް ރައީސް ޑރ.މުޢިއްޒު ވެރިކަމަށް ވަޑައިގެން ތަންފީޒުކުރެއްވީ މި ބޮޑު ދެ ބާރާއެކު ތިލަފަތްހަމަ އެކުވެރި ގުޅުމެއް ގާއިމުކުރެއްވުމުގެ ސިޔާސަތެވެ. އިންޑިޔާއާއި ރާއްޖެއާ ދެމެދުގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރެއްވީ ހިމޭން ޑިޕްލޮމަސީއާއި، ހިކުމަތްތެރި މަޝްވަރާގެ ތެރެއިން ކުރެއްވި މަސައްކަތްޕުޅުންނެވެ. 

ނަތީޖާއަކީ، މިއަދު އިންޑިޔާއާއި ޗައިނާއަކީވެސް ރާއްޖޭގެ ތަރައްގީގެ ބައިވެރިންނެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަނެ ހިންދެމިލުމަށް ކުރަމުންދާ ބުރަ މަސައްކަތުގައި ދެ ގައުމުންވެސް ދީލަތި އެހީތެރިކަން އަންނަނީ ލިބެމުންނެވެ. 

އެހީ ހިސާބުތަކާއި އަދަދުތަކުން ފެނޭ 

ރައީސްގެ ސިޔާސަތުގެ ނަތީޖާއަކަށްވީ އިންޑިޔާއިން ރާއްޖެއަށް ދީފައިވާ ދަރަނި އަދާކުރުމުގައި ތަކުރާރުކޮށް ދީލަތި އެހީތެރިކަން ލިބުމެވެ. ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ބޮންޑެއް ގަނެ ރާއްޖެއަށް ދިން 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ރާއްޖެއިން އަދާކުރުމަށްފަހު ބާކީ އޮތް 50 މިލިއަން ޑޮލަރު އަދާކުރުން އެ ގައުމުން އަންނަނީ ފަސްކޮށްދެމުންނެވެ. 

އޭގެ އިތުރަށް ރާއްޖޭގެ ރިޒާވްގެ ހާލަތު ނުހަނު ހީނަރުވި ދަނޑިވަޅުގައި ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ފޯރުކޮށްދިނެވެ. އިންޑިޔާއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު 2024 ވަނަ އަހަރު ހަމަޖެހުނު އެ ކަރަންސީ ސްވޮޕު 2026 އޭޕްރީލުގައި ރާއްޖެއަށް ފަހިވާނެ ގޮތަށް ސެޓްލްކުރެވޭނެ ގޮތް ހަމަޖެހިގެންދިޔައީ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމުންނެވެ. 

އަދި މި އަހަރު ދިވެހި ދައުލަތުން އަދާކުރަންޖެހޭނެކަމަށް ކުރިން އަންދާޒާކުރެވުނު އެއް ބިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން، 400 މިލިއަން ޑޮލަރު މި އަހަަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމުގެ ކުރިން، އަދާކުރަންޖެހޭ މުއްދަތު ފަސްކުރެވުނީ ޗައިނާގެ ދީލަތި އެހީތެރިކަމުގެ ސަބަބުންނެވެ. އެ ގައުމުންވަނީ ރާއްޖޭގެ ދަރަނި އަލުން އެކުލަވައިދީ ދަރަނި އަދާކުރުމުގައި ބޮޑެތި ލުއިތަކެއް ހަމަޖައްސައިދީފައެވެ. 

އިންޑިޔާއިންވަނީ 30 ބިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ރާއްޖެއަށް ފަހިކޮށްދީފައެވެ. އެއީ ދެ ގައުމުގެ މެދުގައި ވިޔަފާރިކުރުމުގައި ރުޕީސް ބޭނުންކުރުމަށް މަގުފަހިވާނެ ކަމެކެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖައްސައިދީފައިވެއެވެ. 

ޗައިނާއިން އަަންނަނީ ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކުރުމާއި، މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫ ހިލޭއެހީގައި ހިންގައިދިނުމަށް ބޭނުންވާ ތައްޔާރީތައް ވަމުންނެވެ. މާލޭ ސަރަހައްދުގައި ފުލެޓު އެޅުމުގެ މަޝްރޫއެއްވެސް ހިންގައިދޭން އެ ގައުމުން އެއްބަސްްވެފައިވެއެވެ. 

މި ދެ ގައުމުގެ އިތުރަށް އަރަބި އިސްލާމީ ގައުމުތަކާއެކު އޮތް ގުޅުން ހީނަރުވެފައި އޮއްވައި، ވަރުގަދަކުރައްވައި އެ ގައުމުތަކުން އެކި ކަންކަމުގައި ރާއްޖެއަށް ލިބޭ އެހީތެރިކަން އިތުރުކުރެއްވީވެސް ރައީސް ޑރ.މުއިއްޒެވެ. ސަރުކާރުގެ ސިޔާސަަތުތައް ތަންފީޒުކުރުމުގެ ގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި މަސްވެރިކަމާ ގުޅުންހުރި ބޮޑެތި މަޝްރޫއުތައް ކުރިއަށްްގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އެ ގައުމުތަކުން އަންނަނީ ފޯރުކޮށްދެމުންނެވެ. 

މިދެންނެވުނު އެހީތެރިކަން މި ގައުމުތަކުން ލިބުނީ، ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި ގައުމުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގައި ވަކި ކޮޅެއް ނުނަންގަވައި، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު އިސްކުރައްވައި، ދިވެހި ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރައްވައި،ހުރިހާ ގައުމުތަކާއެކު ރަހުމަތްތެރި އެކުވެރި އުލްފަވެތި ގުޅުންތަކެއް ގާއިމުކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. 

ކިޔުންތެރިންގެ ހިޔާލު