ENGLISH

26 މޭ 2026

Advertisement

ކޮކާ މަދުވާ ކަމުގެ އިހުސާސް ކުރެވޭތަ؟

24 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ކޮކާ-- ފޮޓޯ: ސްކައި ނާސީ

އިނގިރޭސިވިލާތުގައި ކޮކާގެ އާބާދީއާ ގުޅޭގޮތުން ބައި ގަރުނު ނުވަތަ 50 އަހަރު ދުވަހު ކުރިއަށްގެންދިޔަ ދިރާސާއަކުން، އެ ޤައުމުގެ ކޮކާގެ ބާވަތްތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ބާވަތްތައް މަދުވަމުންދާކަން ހާމަވެއްޖެ އެވެ.

"ޔޫކޭ ބަޓަފްލައި މޮނިޓަރިންގ ސްކީމް" އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 1976 ވަނަ އަހަރުން ފެށިގެން އެ ޤައުމުގައި އުޅޭ 59 ބާވަތުގެ ކޮކާގެ ތެރެއިން 33 ބާވަތެއްގެ އާބާދީ ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. ވޭތުވެދިޔަ 50 އަހަރު ތެރޭގައި ވޮލަންޓިއަރުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މަސައްކަތުގައި 44 މިލިއަނަށްވުރެ ގިނަ ރެކޯޑުތައް  އެއްކުރެވިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި ކޮކާގެ އާބާދީ މަދުވުމުގެ މައިގަނޑު ސަބަބުތަކަކީ އެސޫފިތައް ދިރިއުޅޭ މާހައުލުތައް ގެއްލުމާއި، ތަޣައްޔަރުވުމުގެ މައްސަލަތަކުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކެވެ. މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ މަދުން ފެންނަ ނާދިރު ބާވަތްތަކަށެވެ.

މުޅި ދުނިޔޭގައިވެސް މިފަދަ ގޮތަކަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އެއް ދިރާސާގެ ގޮތުގައި ފާހަގަކުރެވޭ މި ޕްރޮގްރާމްގެ ދަށުން، ވޮލަންޓިއަރުން ވަނީ 7,600 އަށްވުރެ ގިނަ ސަރަޙައްދު ބަލައި ފާސްކޮށްފަ އެވެ. މި ހިސާބުތައް ހޯދުމަށް ވޮލަންޓިއަރުން ހިނގާފައިވާ ރާސްތާގެ ދިގުމިން، މުޅި ދުނިޔެ ވަށައި 40 ފަހަރު ބުރުޖެހުމާ އެއްވަރުވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދިރާސާއިން ދައްކާގޮތުގައި 'ޕާލް-ބޯޑަރޑް ފްރިޓިލަރީ' ކޮކާގެ އާބާދީ 70 އިންސައްތަ ދަށްވެފައިވާއިރު، 'ވައިޓް-ލެޓަރ ހެއަރސްޓްރީކް' ވަނީ 80 އިންސައްތަ ދަށްވެފަ އެވެ. ނަމަވެސް، ހޫނުމިން އިތުރުވުމުގެ ސަބަބުން 'ރެޑް އެޑްމިރަލް' ފަދަ ބައެއް ބާވަތްތަކުގެ އާބާދީ ވަނީ 300 އިންސައްތައަށްވުރެ ބޮޑަށް އިތުރުވެފަ އެވެ.

2025ވަނަ އަހަރަކީ ރެކޯޑު ކުރެވުނު އެންމެ އަވިގަދަ އަހަރު ކަމުގައި ވީނަމަވެސް، ކޮކާގެ އާބާދީއަށް ބަލާއިރު އެއީ އާދައިގެ އަހަރެކެވެ. ވޭތުވެދިޔަ 50 އަހަރަށް ބަލާއިރު އެ އަހަރު ހިމެނެނީ 20 ވަނައިގަ އެވެ.

ބަޓަފްލައި ކޮންޒަވޭޝަންގެ ޕްރޮފެސަރ ރިޗަޑް ފޮކްސް ވިދާޅުވީ، މި ހިސާބުތަކުން ފެންނަނީ އިނގިރޭސިވިލާތުގެ މިހާރުގެ މާހައުލުގައި ދިރިއުޅެވޭނީ ކޮންކަހަލަ ދިރުންތަކަކަށްކަން ކަމަށެވެ. އަދި ކޮކާގެ އާބާދީ އިތުރުކުރުމަށްޓަކައި އެސޫފިތައް ދިރިއުޅޭ މާހައުލުތައް އިއާދަކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއް ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެ އެވެ.

ކޮކާލަކީ ހަގީގަތުގައިވެސް ވަރަށް އަޖައިބު ކުރުވަނިވި ސޫތްޕެކެވެ. މި ސޫފިތަކުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފައިން ރަހަ ބެލުމާއި، އަލްޓްރާވައިލެޓް އަލި ފެންނަ ގޮތަށް 6,000 ލެންސްގެ މައްޗަށް އެކުލެވޭ ލޯ ހިމެނެ އެވެ. މީގެ އިތުރުން، އިރަށް ބަލައިގެން މިސްރާބު ހޯދައިގެން އެތައް ހާސް މޭލަކަށް ދަތުރުކުރުމުގެ ގާބިލުކަން މި ތަކެއްޗަށް ލިބިފައިވެ އެވެ. ކޮކާގެ ހަތަރު ފިޔަގަނޑު ހުންނަނީ ފެންނަ ނުފެންނަ ވަރުގެ ކުދިކުދި ކުލަގަދަ ތަރުތީބު ތަކަކުން ނިވާކުރެވިފަ އެވެ. އަދި ހަށިގަނޑުގެ ހޫނުމިން 86 ޑިގްރީ ފަރަންހައިޓަށް ވުރެ ދަށްވެއްޖެ ނަމަ، އެ ސޫފިތަކަށް އުދުހުމަކީ މުސްތަހީލު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު