ENGLISH

26 މޭ 2026

Advertisement

ދުނިޔޭގެ ކަނޑުތަކުގައި ރަސްކަން ކުރަމުން ދިޔަ ބިޔަ ބޯވަ

24 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ދުނިޔޭގެ ކަނޑުތަކުގައި ރަސްކަން ކުރަމުން ދިޔަ ބިޔަ ބޯވަ-- ފޮޓޯ: ބީބީސީ

މީގެ 100 މިލިއަން އަހަރު ކުރިން، ބިމުގެ މަތީގައި ޑައިނަސޯރުން ރަސްކަން ކުރަމުންދިޔަ ދުވަސްވަރު، ދުނިޔޭގެ ކަނޑުތަކުގައި 19 މީޓަރުގެ ބިޔަ ބޯވަތަކެއް އުޅެފައިވާކަން އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ޖަޕާނުގެ ހޮކައިޑޯ ޔުނިވަރސިޓީގެ ސައިންސްވެރިން ކުރި މި ދިރާސާއަކީ، މިހާތަނަށް ފެނިފައިވާ މި ބޯވަތަކުގެ ކަތުރުކަށިގަނޑުތަކެއް ދިރާސާކޮށްގެން ހޯދާފައިވާ މަޢުލޫމާތުތަކެކެވެ. މި ހޯދުންތަކުން ދައްކާގޮތުގައި، މި ބިޔަ ބޯވަތަކަކީ އޭރުގެ ކަނޑުތަކުގައި އުޅުނު އެންމެ ނުރައްކާތެރި ޝިކާރަވެރިންނެވެ. މި ސޫފިތަކުގެ ވަރުގަދަ އަތްތަކުގެ އެހީގައި ޝިކާރަ ހިފަހައްޓައި، އޭގެ ކަތުރުކަށިގަނޑުން އެހެން ދިރޭތަކެތީގެ ހަރު ތޮށިގަނޑުތަކާއި ކަށިތައް މުގުރާލައިގެން ކައި އުޅުނު ކަމަށް ސައިންސްވެރިން ބުނެ އެވެ.

ގިނަ އަހަރުތަކެއް ވަންދެން ސައިންސްވެރިން ގަބޫލުކުރަމުން އައީ އޭރުގެ ކަނޑުތަކުގެ އެންމެ ބޮޑެތި ޝިކާރަވެރިންނަކީ ބުރަކަށީގެ ކަށި ހުންނަ މަސްމަހާމެއްސާއި ފަނިފަކުސަ ކަމަށެވެ. ނަމަވެސް، މި އާ ދިރާސާއިން އެ ބުނުންތައް ވަނީ ބަދަލުކޮށްލާފަ އެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި މި ބޯވަތަކުގެ ހަށިގަނޑުގެ އެކަނިވެސް 1.5 މީޓަރާއި 4.5 މީޓަރާ ދެމެދުގެ ދިގުމިނެއް ހުރުން އެކަށީގެންވެ އެވެ. އަދި އޭގެ ދިގު އަތްތަކާއެކު މުޅި ޖުމްލަ ދިގުމިން 7 މީޓަރާއި 19 މީޓަރާ ދެމެދަށް އަރަ އެވެ. މިއީ މިހާތަނަށް ސައިންސްވެރިންނަށް ފެނިފައިވާ އެންމެ ބޮޑު އިންވަޓެބްރޭޓް (ބުރަކަށީގެ ކަށިނެތް ސޫފި) ކަމަށް ބެލެވެ އެވެ.

މި ދިރާސާއިން ފާހަގަކުރެވުނު އަނެއް ހައިރާންކުރުވަނި ކަމަކީ، ފެނިފައިވާ ކަތުރުކަށިގަނޑުގެ ކަނާތް ފަރާތާއި ވާތް ފަރާތުގެ ގޭތުން ތަފާތުވުމެވެ. މީގެއިން ދޭހަވަނީ މި ބޯވަތަކަކީ ކާނާ ކާއިރު ވަކި އެއް ފަރާތަކަށް އިސްކަންދޭ އެއްޗެއް ކަމެވެ. މިފަދަ ސިފަތަކަކީ އާންމުކޮށް ސިކުނޑީގެ މަސައްކަތްތައް ވަރަށް ބޮޑަށް ކުރިއަރާފައިވާ ދިރޭ އެއްޗެހީގެ ކިބައިން ފެންނަ ސިފައެކެވެ.

މިހާރު ދުނިޔޭގައި އުޅޭ އެންމެ ބޮޑު ބޯވައިގެ ބާވަތް ކަމަށްވާ 'ޖަޔަންޓް ޕެސިފިކް އޮކްޓޯޕަސް' ގެ އަތްތަކުގެ ދިގުމިނުގައި ހުންނަނީ ގާތްގަނޑަކަށް 5.5 މީޓަރެވެ. މިފަދަ ބޯވަތައް ވެސް މިޔަރު ފަދަ ތަކެއްޗާ ކުރިމަތިލާ މަންޒަރު ފެނިފައިވެ އެވެ. ޔޫރިކް ޔުނިވަރސިޓީގެ ޕެލިއޮންޓޮލޮޖިސްޓެއް ކަމަށްވާ ކްރިސްޓިއަން ކްލަގް ވިދާޅުވި ގޮތުގައި، މި ބިޔަ ބޯވަތަކުގެ އަތްތަކާއި އޭގައި ހުންނަ 'ސަކާސް' ތަކުގެ އެހީގައި ކޮންމެފަދަ ޖަނަވާރެއް ވެސް ސަލާމަތް ނުވެވޭނެ ފަދަ ވަރުގަދަޔަށް ހިފަހައްޓާލުމުގެ ގާބިލްކަން  ލިބިގެންވެ އެވެ.

ބޯވައަކީ ވަރަށް ޝައުގުން ފުރިގެންވާ ޖަނަވާރެކެވެ. އެގޮތުން ބޯވައިގެ ހަށިގަނޑުގައި ނުވަ ސިކުނޑި ހުރެ އެވެ. ހަށިގަނޑުގައި މައިބަދަ ނުހުންނަ ޖަނަވާރުތަކުގެ ތެރެއިން "ބުރެއިން ޓު ބޮޑީ ރޭޝިއޯ" އެންމެ މަތީ މިންވަރު ހުންނަނީ ވެސް ބޯވާގަ އެވެ. އަދި އެންމެ ވިސްނުންތޫނު އެއްޖަނަވާރު ކަމަށްވާ ކުއްތާއާ އެއް މިންވަރަކަށް ބޯވައިގެ ހަށިގަނޑު ވެސް ނިއުރޯންސް އެކުލެވިގެންވެ އެވެ. އެއީ 500 މިލިޔަން ނިއުރޯންސް އެވެ.

ރާއްޖެވެސް ހިމެނޭގޮތަށް ވަރަށް ގިނަ ގައުމުތަކެއްގައި ޚާއްސަ ކެއުމެއްގެ ގޮތުގައި ބޯވަ މަސް ބޭނުންކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު