ENGLISH
18 އޭޕްރީލު 2026
ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަން ނިންމުމުން ބޭރުގެ ޖަމިއްޔާތަކަކުން ކަންބޮޑުވެއްޖެ
17 އޭޕްރީލު 2026
|
ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ؛ފުލުހުން
އެންމެ މަޤްބޫލު
މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މި ދައުރުގެ ތެރޭގައި ހުށަހަޅުއްވައި އެ ބިލު ފާސްވެ ތަސްދީގުކުރެވުމުން މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ މި ދަނޑިވަޅުގައި އެ މަސައްކަތް ހުއްޓާލުމަށް ރާއްޖެއާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ 10 ޖަމިއްޔާއަކުން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
މި ޖަމިއްޔާތަކަކީ އެޑްވޮކޭޓްސް ފޯ ހިއުމަން ރައިޓްސް، އެންޓި-ޑެތު ޕެނަލްޓީ އޭޝިއާ ނެޓްވޯކް، ކެޕިޓަލް ޕަނިޝްމަންޓް ޖަސްޓިސް ޕްރޮޖެކްޓް، އީ.ސީ.ޕީ.އެމް: ޓުގެދަރ އެގެއިންސްޓް ދަ ޑެތު ޕެނަލްޓީ، އިންޓަނޭޝަނަލް ފެޑަރޭޝަން ފޯ ހިއުމަން ރައިޓްސް، ހާމް ރިޑަކްޝަން އިންޓަނޭޝަނަލް، ހިއުމަން ރައިޓްސް ވޮޗް، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް، ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން އަދި ވޯލްޑް ކޯލިޝަން އެގެއިންސްޓް ދަ ޑެތު ޕެނަލްޓީ އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މި ދައުރުގެ ތެރޭގައި ހުށަހަޅުއްވައި އެ ބިލު ފާސްވެ ތަސްދީގުކުރެވުމުން މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ޖަމިއްޔާތަކުން ބުނީ މަރުގެ އަދަބާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ހުށަހަޅަން އުޅޭ ބިލަކީ، 2006 ވަނަ އަހަރު ރާއްޖެއިން ބައިވެރިވެފައިވާ "އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" (އައި.ސީ.ސީ.ޕީ.އާރް) އާ ޚިލާފު ކަމެއް ކަމަށެވެ. އެއްވެސް ހާލަތެއްގައި އަދި އެއްވެސް ކުށަކަށް މަރުގެ އަދަބު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ އިންސާނީ ހައްގުތަކާ ޚިލާފު އަމަލެއް ކަމަށް އެ ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.
މީގެ އިތުރަށް މި ޖަމާއަތްތަކުން ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުތަކުގެ ތެރެއިން، މަސްތުވާތަކެތީގެ ކުށްތަކަށް މަރުގެ އަދަބު ދެވޭގޮތަށް އޮތް މާއްދާތައް އުވާލުމަށް ވެސް ގޮވާލައިފަ އެވެ. މަރުގެ އަދަބު ތަންފީޒު ނުކޮށް ރާއްޖޭގެ ގާނޫނުތަކުން މަރުގެ އަދަބު މުޅިން އުވާލުމަށް މަސައްކަތް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރަައީސް ވިދާޅުވީ މަރުގެ ހުކުމް އިއްވައި، ތަންފީޒުކުރާ މަރުހަލާގައި ތިބި މީހުން އެބަތިބި ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރުމަކީ ކުރީގެ ސަރުކާރުތަކުން ތަންފީޒުކުރާނެ ކަމުގައި ބުނެ ތަންފީޒުނުކުރާ ކަމެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އިސްލާމީ ދައުލަތެއްގެ ހައިސިއްޔަތުން މަރުގެ ހުކުމް ތަންފީޒުނުކުރުމަކީ އޮތް ހިޔާރެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުރި މީހާއަށް އޮތް ޗޮއިސެއް ނޫން މަރުގެ އަދަބު އިއްވަންޖެހޭ ފަރާތަކަށް ހުރިހާ މަރުހަލާއެއް ނިމުމަށްފަހު އެ ހުކުމް ނުއިއްވައި ބެހެއްޓުމަކީ. މަރާލި ފަރާތެއްގެ އާއިލާއިން މައާފުނުކުރާ ފަރާތްތައް ހަމަ ތިބި ގޮތަށް އެބަތިބި. އަދި މިހާރު ޑްރަގު ޓެރެފިކިން ކަންތަކުގައި ގާނޫނަށް ގެނެވުނު އިސްލާހުގެ ތެރެއިން ވަކި ވަރަކަށް އިތުރަށް ޑްރަގު ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު ބަދަލުކުރެވިފައިވަނީ. އެހެންނަމަވެސް މި ޝަރުއީ ނިޒާމުގެ ތެރެއިން މަރުގެ އަދަބު އިއްވާފައިވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުން މިއޮންނަނީ މިއަދާ ހަމައަށް އައިއިރު އެއްވެސް ގޮތަކަށް ތަންފީޒުނުކުރެވި،" ރައީސް ވިދާޅުވިއެވެ.
މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ގާނޫނީ އޮނިގަނޑުގެ ތެރެއަށް މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތައް ގެންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދާ ހަމައަށް މަރުގެ އަދަބު ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލެވިފައި ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ގާނޫނެއް ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މަރުގެ އަދަބު ތަންފީޒުކުރުމުގެ ހާއްސަ ގާނޫނުގެ ބިލު އެކުލަވައިލުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ކުރިއަށްގެންގޮސް މިހާރު ނިމުމަކާ ހަމަައަށް ގެނެވިފައިވާ ކަމަށެވެ.
"އެ ބިލު މަޖިލީހުން ފާސްވެގެން އައުމާއެކު އެ ބިލު ތަސްދީގުކުރެވި ޝަރުއީ މަރަލާ ފުރިހަމަވެ މަރުގެ ހުކުމް ތަންފީޒުކުރުމަށް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ރާއްޖޭގައި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ތަންފީޒުނުކޮށް ހިފަހެއްޓޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މަޖިލީހުން ގާނޫނު ފާސްކުރެވުމާއެކު އެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން، ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އަންނަނީ އަމަލުކުރަމުން ނެވެ.
މަރުގެ އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެނަމަ، އެ ޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލާގައި ކަންހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓަކުން އަލުން ބަލަންވާނެކަމަށާއި، އަދަބު ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން އެގޮތުގެމަތިން ޙުކުމް ކުރުމުންކަމަށް ވަނީ ކަނޑައަޅައިފައެވެ.
ޢުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅައިފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު މަޢާފުކޮށްދެވިގެން ނުވާނެ ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްކުށުގެ ގޮތުގައި ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކުރީ 1954 ވަނަ އަހަރުގެ ތެރޭގަ އެވެ.