ENGLISH

16 އޭޕްރީލު 2026

Advertisement

ބައެއް މަޝްރޫއުތައް މަޑުޖެހިފައި ވަނީ ހިލަ ލިބުމުގައި ދަތިތަކެއް ދިމާވުމުން: މުއްތަލިބު

15 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ހިލަ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައި. ފޮޓޯ: މަޖިލިސް އިދާރާ

ބައެއް ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް މަޑުޖެހުމެއް އައިސް ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ހިލަ ގެނައުމުގައި ދަތިތަކެއް ދިމާވެގެން ކަމަށާއި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ. 

މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެ އަށް އާއްމުކޮށް ހިލަ ގެންނަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކަމަށާއި މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ގައުމުން ރާއްޖެއަށް ހިލަ ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. 

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އިންޑިއާ އިން ނަމަވެސް ހިލަ ގެނެވޭނެ އުސޫލެއް ކަނޑައަޅައިގެން ކުރިއަށް ގެންދަން. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހިލަ ނުލިބިގެން، ހިލައިގެ ދަތިކަމާ އެއްކޮށް، ބައެއް މަސައްކަތްތައް ކުރިއަށް ނުގޮސް އެބަހުރި،" މުއްތަލިބު ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުން ރާއްޖެއަށް އިމްޕޯޓުކުރަމުން އައި މުދާ އެހެން ސަރަހައްދުތަކުން ގެނެވޭނެ އިންޒާމު ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އަވަށްޓެރި އިންޑިއާއިން ވަނީ ހާއްސަ އަގުތަކެއްގައި ރާއްޖެއަށް ހިލަޔާއި ހިލަވެލި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ މި ފަހުން ބުނެފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު