ENGLISH
15 އޭޕްރީލު 2026
މޯލްޑިވިއަންގެ ސީދާ ދަތުރުތައް އޮސްޓްރޭލިއާއަށް، ފުރަތަމަ ދަތުރު މެއި 17 ގައި
15 އޭޕްރީލު 2026
|
މޯލްޑިވިއަން އިން ސީދާ ދަތުރުތައް އޮސްޓްރޭލިއާއަށް-- ފޮޓޯ: މޯލްޑިވިއަން
އެންމެ މަޤްބޫލު
އަންނަ މަހުން ފެށިގެން މޯލްޑިވިއަންގެ ދަތުރުތައް ސީދާ އޮސްޓްރޭލިއާއަށް ފެށުމަށް ތައްޔާރުވެފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެ ކުންފުނީގެ ދަތުރުތައް އަންނަ މަހުގެ 17 ގައި އޮސްޓްރޭލިއާއަށް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް 17 މޭގައި ދަތުރުކުރުމަށްފަހު، އޮސްޓްރޭލިއާއިން އަނބުރާ ރާއްޖެއަށް މި ފްލައިޓް އައުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 19 ވަނަ ދުވަހު އެވެ.
މޯލްޑިވިއަން އިން އަލަށް ފަށާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ މެލްބަންއަށެވެ. ހަފުތާއަކު އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ބުނެފައިވެ އެވެ. މި ދަތުރުތަކަކީ މުޅިން އަލަށް މޯލްޑިވިއަނުން ފަށާ ދަތުރުތަކެކެވެ.
އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމަށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާރިޗު މަހުގެ 19ވަނަ ދުވަހު އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސް އެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް، ރީޖަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް، ސްޕޯޓް އެންޑް ދި އާޓްސްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފް އެވެ.
މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައިވާ "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ކުރިއެރުވުމަށް އެޅުނު މުޙިއްމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރެ އެވެ.
ދުނިޔޭގެ މަސްރަހަށް، ހާއްސަކޮށް މެދުއިރުމައްޗަށް ދިމާވެފައިވާ ނުތަނަވަސްކަމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާ މި ދަނޑިވަޅުގައި، ގިނަ އެއާލައިންތަކަކުން އަންނަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަމުންކަން ފާހަގަކޮށްލެވެ އެވެ.