ENGLISH

30 މާރިޗު 2026

Advertisement

އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ދާއިރާއާ އެކު ދެމިއޮންނަން: ބީއެމްއެލް

30 މާރިޗު 2026

|

ޢަލީ ޝަހީމް

މާރިޗު 28 ވަނަ ދުވަހު ބީއެމްއެލްއިން ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން. ފަތުރުވެރިކަމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ބީއެމްއެލްއިން ވަނީ ދީފައި. ފޮޓޯ: ބީއެމްއެލް

ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ ގޮންޖެހުމުގައި، އެންމެ ބޮޑު އިސްކަމެއްދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ އެކު ދެމިއޮންނަން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ. 

ބީއެމްއެލްއިން މިއަދު އާއްމުކުރި ނޫސްބަޔާނުގައި މިފަދައިން ބުނީ، ފަތުރުވެރިކަމުގެ ދާއިރާއަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމާ ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހީމް ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ. އެގޮތުން ބީއެމްއެލްގެ ބަޔާނުގައި ބުނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ދިނުމުގައި އެ ބޭންކު އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ. 

ބަޔާނުގައި ބުނީ، ދުނިޔެއަށް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މި ސިނާއަތުގެ މުހިއްމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން، ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، ފަތުރުވެރިކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން މަސައްކަތްކުރަމުންދާ ކަމަށެވެ. 

ބީއެމްއެލްއިން ބުނީ، އެހީތެރިވުމުގެ ގޮތުން ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތަށް ކުރިއަށްދާ ކަމަށެވެ. 

"އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތާ އެކު ސާބިތުވެ ތިބުމަށް. ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާއެކު ހުޅުވާލެވިފައިވާ މަޝްވަރާތައް ބޭއްވުމުގެ ސަބަބުން، ވިޔަފާރިތައް ހިންގުމަށް އެހީތެރިވެދޭނެ، އަދި މިހާރުގެ ޙާލަތުން އަރައިގަތުމަށް މަގުފަހިކޮށްދޭނެ، މާލީ ޙައްލުތަކެއް ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބި، މުޅި ސިނާޢަތުގެ އިތުބާރު ދެމެހެއްޓުމަށް މަގުފަހިވެގެންދޭ" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. 

ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުގެ ހަމަޖެހުން ޤާއިމުކޮށް، ސިނާއަތުގެ ކުރިއެރުމަށް ޤައުމީ ފެންވަރުގައި އިސްކަންދޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އަދި، އެ ބޭންކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ވެސް އެ އަމާޒަށް ވާސިލްވުމަށް ކަމަށް ބުނެފައިވެއެވެ. 

ހަނގުރާމައިގެ ސަބަބުން، ޙާލަތު ބަދަލުވަމުން އަންނަ ގޮތް ގާތުން ބަލަމުންދާނެކަމަށް ބީއެމްއެލްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި، ބޭނުންވާ ޙާލަތްތަކުގައި އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ، ފަތުރުވެރިކަން ދެމެހެއްޓެނިވި ސިނާއަތެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އެހީތެރިކަން ބީއެމްއެލްއިން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ބަޔާން ނިންމާލަމުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު