ENGLISH
28 މާރިޗު 2026
އެމްޑީޕީއަށްޓަކައި ލަންދޫގެ ތަރައްގީ ހިފެހެއްޓުން ބަލައެއް ނުގަންނަން: މަންސޫރު
28 މާރިޗު 2026
|
ރައީސް މުއިއްޒު ލަންދުއަށް ކުރެއްވި ޒިޔާރަތުގައި ލަންދޫ ކައުންސިލާ ބައްދަލުކުރައްވަނީ.
އެންމެ މަޤްބޫލު
އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރާތީ ސަރުކާރުން ނ. ލަންދޫގައި ފެށުމަށް ނިންމާފައިހުރި ތަރައްގީގެ މަޝްރޫއުތަކަށް ލަންދޫ ކައުންސިލުން ހުރަސްއަޅަމުންދިއުމަކީ ބަލައިގަންނަ ކަމެއް ނޫންކަމަށް ލަންދޫ ކައުންސިލުގެ ކުރީގެ ނާއިބު ރައީސް މަންސޫރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރަށަށް އަންނަ ތަރައްގީގެ މަޝްރޫއުތަކަށް ލަންދޫ ކައުންސިލުން ހުރަސްއަޅަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މަންސޫރު "އެމްއެމްޓީވީ" އަށް ވިދާޅުވީ ކުޅިވަރު ކުޅެވޭނެ ވަސީލަތެެއް ނެތި ލަންދޫގެ ޒުވާނުން ވަރަށް ދިގު މުއްދަތެއް ހޭދަކޮށްފައި ވާކަމަށެވެ. ރަށުގެ ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޑީޕީ ސަރުކާރުގައި ފެށިނަމަވެސް ފަސް އަހަރުގެ ދައުރެއް ނިމުނު އިރުވެސް އެ މަސައްކަތް ނުކުރެވުނުކަމަށް މަންސޫރު ވިދާޅުވި އެވެ. މި ދަނޑުގެ މަސައްކަތް މި ސަރުކާރު ވެރިކަމާ ހަވާލުވެ މިހާރު ނިންމާލާފައިވާއިރު މި ދަނޑު ކައުންސިލާ ހަވާލުކުރުމަށް މިހާރު ރަސްމީ ލިޔުންވެސް ފޮނުވާފައިވާކަމަށް މަންސޫރު ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިއަދާ ހަމައަށް ކައުންސިލުން އެތަނާ ހަވާލުނުވާންވެގެން މި ބުނަނީ ސިޓީ އެއް ނުފޮނުވައޭ. ކައުންސިލުން ހަވާލުނުވެ މި އޮންނަ އޮތުމަކީ ލަންދޫގެ ޒުވާނުންނަށް ދެވޭ ދެރައެއް. އެއީ އެމްޑީޕީއަށް ނުވީމަ ޒަމާނީ ފުޓްބޯޅަ ދަނޑެއް މި ސަރުކާރުން އަޅާ ނިންމައި، ކުޅިވަރާ ބެހޭ ވުޒާރާއިން ކައުންސިލާ ތަން ހަވާލުކޮށް ރައްޔިތުންނަށް ހިދުމަތްދޭން އެންގީމަ އެތަން ބޭނުންކުރުމުގެ ފުރުސަތު ރައްޔިތުންނަށް ނުދީ ހިފަހައްޓަނީ މި. މިިއީ އެމްޑީޕީ ކައުންސިލެއް މި ރަށުގައި އޮތީމަ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް.،" މަންސޫރު ވިދާޅުވިއެވެ.
އެމްޑީޕީއަށް ތާއީދުކުރާތީ ސަރުކާރުން ލަންދޫގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅުމަކީ އެއްވެސް ގޮތަކުން ބަލައިގަންނަ ކަމެއް ނޫންކަމަށް މަންސޫރު ވިދާޅުވި އެވެ.
ލަންދޫގެ އައުޓުޑޯ ޖިމްގެ މަސައްކަތްވެސް ނިންމައި ކައުންސިލުން ހަވާލުވާން ސަރުކާރުން އަންގާފައިވާކަމަށާއި ނަމަވެސް މިއަދާ ހަމައަށް އެކަން ވެސް ކޮށްފައި ނުވާކަން މަންސޫރު ފާހަގަކުރެއްވި އެވެ.
"ފުޓުބޯޅަ ދަނޑުވެސް އަދި އައުޓްޑޯ ޖިމް ވެސް ބޭނުންކުރާކަށް ކައުންސިލުން ރަސްމީ ހުއްދައެއް އަދިވެސް ރައްޔިތުންނަކަށް ނުދޭ. " - ލަންދޫ ކައުންސިލުގެ ކުރީގެ ނާއިބު ރައީސް މަންސޫރު މުހައްމަދު
މަންސޫރު ވިދާޅުވީ މައްސަލަ ހައްލުކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށާއި ސަރުކާރަކުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުން ރައްޔިތުން މަހުރޫމުވެގެން ނުވާނެކަމަށެވެ.
ލަންދޫގައި މިހާރުވެސް ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި، އައިސް ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތުގެ އިތުރަށް ޔޫތު ސެންޓަރުގެ މަސައްކަތް ހިނގަމުން އެބަދެއެވެ. ނަމަވެސް މި މަސައްކަތްތައް އެކަށީގެންވާ ބާރު ސްޕީޑުގައި ކުރިއަށް ނުދަނީ ކައުންސިލުން އަޅާ ހުރަހުގެ ސަބަބުންކަން މަންސޫރު ފާހަގަކުރެއްވި އެވެ.
ލަންދޫގެ ތަރައްގީއަށް ކައުންސިލުން ހުރަސްއަޅަން ފެށުމުން އެންމެ ފުރަތަމަ ކައުންސިލާ ދެކޮޅަށް ނިކުމެވަޑައިގެންނެވި އެއް ބޭފުޅަކީ އޭރު އެމްޑީޕީގެ ޓިކެޓުގައި ކައުންސިލުގެ ނާއިބެއްގެ ގޮތުގައި ހުންނެވި މަންސޫރެވެ. މަންސޫރު ވިދާޅުވީ ކައުންސިލުގެ ނާއިބު ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވީ ލަންދޫއަށް ރައީސް މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ތަރައްގީއަށް ލަންދޫ ކައުންސިލުން ހުއްޓުމެއްނެތި ހުރަސްއަޅަމުންދާތީ އެހެން ދާއިރާއަކުން މަސައްކަތްކޮށްގެން ލަންދޫއަށް ރައީސް މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ތަރައްގީ ތަންފީޒުކުރުމަށްކަމަށެވެ.