ENGLISH

28 މާރިޗު 2026

Advertisement

ހުރިހާ ގޮތަކުން އެެންމެ ފައިދާ ބޮޑު ގޮތަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން: ގާސިމް

28 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް

ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ދައުލަތުގެ މީޑިޔާ "ޕީއެސްއެމް"އިން ގެނެސްދޭ ހޭލާ ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ގާސިމް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި ބޮޑެތި ބާރުތަކެއް ރައްޔިތުންގެ މަޖިލީހަށް ދީފައި އޮންނަ ކަމަށެވެ‌. އަދި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ރަނގަޅަށްވިޔަސް ގޯހުން ވިޔަސް ކަމެއް ކުރެއްވެން އޮންނަނީ މަޖިލީހުގެ އަޣުލަބިއްޔަތު ކާމިޔާބުކުރައްވައިގެން ކަމަށެވެ. 

ގާސިމް ވިދާޅުވީ މިހާރުގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒުވެސް އަދި ކުރީގެ ރައީސުންވެސް ވެރިކަމަށް އިންތިހާބުވެވަޑައިގެން ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަހު މަސައްކަތްކުރައްވަންޖެހިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ކަމަށެވެ. އެއީ މަޖިލީހަށް ގާނޫނުއަސާސީން ދީފައިވާ ބާރުތަކުގެ ބޮޑުކަމާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ނުހޯއްދަވައި ވެރިކަން ކުރައްވަން ބޮޑެތި އުދަގޫތަކެއް ކުރިމަތިފުޅުވާނެތީ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. 

ރައީސް ޑރ.މުޢިއްޒުވެސް ވެރިކަމަށް ވަޑައިގެން ފުރަތަމަ ހަ މަސްދުވަހު މަސައްކަތްކުރައްވަން ޖެހިވަޑައިގަތީ މަޖިލިސް ކާމިޔާބުކުރެއްވުމަށްކަމަށާއި ކުރެއްވި މަސައްކަތްޕުޅުން މަޖިލީހުގެ 80 އިންސައްތަ ގޮނޑި ލިބިވަޑައިގަތް ކަމަށް ގާސިމު ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވީ އެމްޑީޕީގެ ނިމުނު ވެރިކަމުގައިވެސް ފުރަތަމަ ހަ މަސްދުވަހު މަސައްކަތްކުރީ މަޖިލިސްގެ އަޣުލަބިއްޔަތު ހޮވުމަށް ކަމަށާއި، ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެފަހަރު އެ ޕާޓީއަށްވެސް ލިބުނު ކަމެވެ. 

"ދައުލަތުން އެކި ސިފައިގައި ހަރަދުކޮށްގެން އެކި ކަންކަން ކޮށްދޭނެ ކަމުގައި ބުނެގެން ވައުދުވެގެން، ސަރުކާރު ލިބޭ ފަރާތުން ކުރާހާވެސް ކަމަކީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން މަސައްކަތްކުރުން. އެގޮތަށް ނަތީޖާ ނިކުންނަނީ އެގޮތަށް ހަރަދުކޮށްގެން އެގޮތަށް ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން. ސަރުކާރުން ރައްޔިތުންނަށް ހިދުމަތްކުރުމުގެ ބަދަލުގައި ވެރިކަމުގެ ފަރާތަށް ބޭނުންވަނީ ރައްޔިތުންގެ މަޖިލިސް ހޯދުމަށް. ދެ އިންތިހާބު އެއް ދުވަހެއްގަައި ބޭއްވުމުން އެކަމުންވެސް ސަލާމަތްވީ، ރައްޔިތުންނަށް ހިދުމަތްކުރަން ހަ މަސްދުވަސް ލިބުނީ ދޯ؟" ގާސިމް ވިދާޅުވިއެވެ. 

ދެވަނަ ކަމެއްގެ ގޮތުގައި ގާސިމު ފާހަގަކުރެއްވީ ބަރުލަަމާނީ ނިޒާމު އޮންނަ ގައުމުތަކުގައި ގާނޫނު ހަދާ މަޖިލީހާއި ސަރުކާރު އިންތިހާބުކުރުމަށް ނަގަނީ އެންމެ ވޯޓެއް ކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބުކުރުމުން މަޖިލީހުގެ ތެރެއިން ސަރުކާރު އުފަންވެގެން އަންނާނެ ކަމަށް ގާސިމު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެއްވެސް ގޮތަކަށް މައްސަލައެއް އޮތް ކަމެއް ކަމުގައި ގަބޫލުނުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ. 

ގާސިމް އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން އިންތިހާބުތަކާ ގުޅިފައި އޮތް ނުތަނަވަސްކަމާއި ހިތްހަމަނުޖެހުމާއި ފިތުނަ ފަސާދަ ފަދަ ކަންކަމަށްވެސް ނިމުން ގެނެވި ރާއްޖޭގައި ހަމަޖެހުންވެސް އޮންނާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް ހިދުމަތްކުރުމަށް ސަމާލުކަން ދިނުމަށް ސަރުކާރަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު