ENGLISH
28 މާރިޗު 2026
ފޯޅަވަހި "ޑީލު" ދިވެހި ސަރުކާރުން ބަލައިނުގަނޭ، ގާނޫނީ ފިޔަވަޅުތައް އެޅުމަށް އޮތީ ތައްޔާރަށް
28 މާރިޗު 2026
|
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަަދު މުޢިއްޒު
އެންމެ މަޤްބޫލު
މޮރިޝަސްްއަށް ފޯޅަވަހި ދިނުމަށް އިނގިރޭސިވިލާތުން އެ ގައުމާއެކު ހެދި އެއްބަސްވުން ބަލައިނުގަންނަކަން ދިވެހި ސަރުކާރުން ރަސްމީކޮށް އިނގިރޭސިވިލާތަށް އަންގަައިފިއެވެ.
ބީބީސީއިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަވާލާދީ ބުނެފައިވަނީ ދެ ލިޔުމުންނާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއަށް ކުރެއްވި ފޯނު ކޯލެއްގައި ފޯޅަވައްސާމެދު އިނގިރޭސިވިލާތާއި މޮރިޝަސްްގެ މެދުގައި ގާއިމުކޮށްފައިވާ "ފުން ކަންބޮޑުވުންތަކެއް ހުރި" އެއްބަސްވުމާ ދެކޮޅުކަން ދިވެހި ސަރުކާރުން ހާމަކޮށްފއިވެއެވެ.
އަދި ބީބީސީގެ ރިޕޯޓުގައި ބުނެފައިވަނީ ރައްޖެއިން ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ދައުވާކުރުމާއެކު ބައިނަލްއަގުވާމީ ގާނޫނީ ފިޔަވަޅުތައް މެދުވެރިކޮށް އެ ސަރަހައްދު ރާއްޖެއަށް ހޯދުމަށް މަސައްކަތްކުރާނެކަމަށް ދިވެހި ސަރުކާރުން ބުނެފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ މިނިސްޓަރ ސްޓެފަން ޑައުޓީ ވިދާޅުވެފައވަނީ ފޯޅަވަހީގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ގުޅިފައި އޮތް ކަމެއް ކަމަށާއި، އެކަމުގައި ރާއްޖޭގެ ދައުރެއް ނެތް ކަމަަށެވެ.
އަދި އިނގިރޭސި ސަރުކާރުގެ މަސްދަރަކާ ހަަވާލާދީ ބީބީސީން ބުނެފައިވަނީ އިނގިރޭސި ސަރުކާރުން ދެކޭ ގޮތުގައި ބައިނަލްއަގުވާމީ ކޯޓުތަކުން ފޯޅަވަހީގެ ސިޔާދަތާ ގުޅޭ ސުއާލަށް ޖަވާބުދީ އެ ރަށްތަކުގެ ސިޔާދަތު އޮންނާނނީ މޮރިޝަސްއަށް ކަމުގައި ނިންމާފައިވާ ކަމަށެވެ.
ފާއިތުވި އަހަރު އިނގިރޭސިވިލާތުންވަނީ މޮރިޝަސްއަށް އެ ސަރަހައްދު ދިނުމާއެކު، އެ ސަރަހައްދުގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން އޮޕަރޭޓުކުރާ އަސްކަރީ ބޭސް ދެމެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު 101 މިލިއަން ޕައުންޑު މޮރިޝަސްއަށް ދިނުމަށް އެއްބަސްވެފައެވެ.
އެ އެއްބަސްވުމަަށް އިންކާރުކުރުމާއެކު ދިވެހި ސަރުކާރުން ބުނެފައިވަނީ ރާއްޖެއަށް ފޯޅަވަހީގެ މައްޗަށް އެތައް ގަރުނެއްވީ ތާރީހީ ސިޔާދަތީ ދައުވާއެއް ކުރެވެން އެބައޮތް ކަމަށެވެ.
ދިވެހި ސަރުކާރުން ބީބީސީއަށް ފޮނުވި ސްޓޭޓުމެންޓެއްގައި ރާއްޖެއިން ފޯޅަވަހީގެ މައްޗަަށް ކުރާ ދައުވާއާއި އެ ދައުވާއާ ގުޅިގެން މިހާތަނަށް ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާއެކު ކޮށްފައިވާ މުއާމަލާތްތަކުގެ ތަފުސީލުތައް ހިއްސާކޮށްފައިވެއެވެ.
އެގޮތުން 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު އަދި 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި މޮރިޝަސްްއާއެކު އިނގިރޭސި ސަރުކާރުން ހަދާފައިވާ އެއްބަސްވުމަށް އިންކާރުކޮށް ދިވެހި ސަރުކާރުންވަނީ ސިޓީތަކެއް ފޮނުވާފައެވެ.
އެގޮތުން އެ ސިޓީތަކުގައި ފޯޅަވައްސާމެދު ހަމައެކަނި މޮރިޝަސްއާ މަޝްވަރާކޮށް އެކަމުގައި އެކުލެވޭ ދިވެހިރާއްޖޭގެ މަސްލަހަތުތައް އެއްފަރާތްކޮށް އިނގިރޭސި ސަރުކާރުން އެއްބަސްވުމެއް ހެދުމަކީ ފުން ކަންބޮޑުވުންތަކެއް އެކަމުގައި އެކުލެވޭ ކަމެއް ކަމުގައި ދިވެހި ސަރުކާރުން ބަޔާންކޮށްފަައިވެއެވެ.
ސަރުކާރުގެ މި މައުގިފަކީ، ރާއްޖެއާއި ފޯޅަވަހީގެ މެދުގައި އޮތް މުހިއްމު ތާރީހީ އަދި އިދާރީ ގުޅުންތަކާއި، އެ ރަށްތައް އެހެން ގައުމަކާ ހަވާލުކޮށްފިނަމަަ އެކަމުން ދިވެހިރާއްޖޭގެ ސިޔާދަތަށް ކުރާނެ އަސަރުތަކުގެ މައްޗަށް ބިނާވެފައިވާ މައުގިފެއް ކަމުގައި ދިވެހި ސަރުކާރުން ބުނެފައިވެއެވެ.
ދިވެހި ސަރުކާރުން އިތުރަށް ބުނެފައިވަނީ ތާރީހީ ގޮތުން ފޯޅަވައްސާއި ރާއްޖޭގެ މެދުގައި އޮތް ގުޅުމުގެ އިތުރަށް ޖިއޮގްރަފީގެ ގޮތުން ފޯޅަވަހި ރާއްޖެއާ ކައިރީގައި އޮންނަ އޮތުމަށް ބަލާއިރު އެހެން ހުރިހާ ގައުމުތަކަށްވުރެ ރާއްޖެއިން އެ ރަށްތަކުގެ މައްޗަށް ކުރާ ސިޔާދަތީ ދައުވާއަކީ އިސްކަންދެވެންޖެހޭ ދައުވާއެއް ކަމަަށް ގަބޫލުކުރާ ކަމަށެވެ.
އަދި ރާއްޖެއިން އެ ސިޔާދަތީ ހައްގު ހޯދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ބައިނަލްއަގުވާމީ އަދުލުގެ ކޯޓަށް މައްސަލަ ހުށަހަޅަންް ތައްޔާރަށް އޮތް ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ. އަދި ރާއްޖޭގެ ގައުމީ މަސްލަހަަތު ދެމެހެއްޓުމަށް ގާނޫނު ހުއްދަކުރާ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށް ތައްޔާރަށް އޮތްކަމަށްވެސް ދިވެހި ސަރުކާރުން ބުނެފިއެވެ.
އަދި ސަރުކާރުން ބުނީ އުންމީދަކީ ދުވަސްވީ ބައިވެރިއެއްގެ ހައިސިއްޔަތުން މާނަހުރި މަޝްވަރާތަކެއްގައި އިނގިރޭސި ސަރުކާރުން ބައިވެރިވެ، ހިއްސާވަނިވި އިހުތިރާމާއި، ތާރީހީ ހަގީގަތަށް ގަދަރުކުރުމުގެ އަސާސްތަކުގެ މަތީގައި ފޯޅަވަހީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުން ކަމަށެވެ.