ENGLISH
25 މާރިޗު 2026
މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކަށް މަޑުޖެހުމެއް ނާންނާނެ: ރައީސް
23 މާރިޗު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި. ހާލަތުގެ ސަބަބުން ތަރައްގީއަށް ހުއްޓުމެއް ނާންނާނެކަމަށް ތަކުރާރުކޮށް ވިދާޅުވި. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
މެދުއިރުމަތީގެ ހާލަތާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެށިގެން ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކަށް މަޑުޖެހުމެއް ނާންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކު މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކުރައްވާފަ އެވެ.
ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ކުރިއަށްދަނީ އެކި މޮޑެލަށް ކަމަށާއި އެގޮތުން ބަލާއިރު ހަނގުރާމައިގެ ހާލަތުގެ ސަބަބުން ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ އެއްވެސް ޕްރޮޖެކްޓަކަށް މަޑުޖެހުމެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޭރުގެ ލޯނު އެހީގައި ކުރިއަށްދާ ޕްރޮޖެކްޓުތަކަށް ވެސް މަޑުޖެހުމެއް ނާންނާނެކަން ފާހަގަކުރައްވައި ކޮންޓްރެކްޓަރ ފައިނޭންސިންގެ އުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކަށް ވެސް މަޑުޖެހުމެއް ނާންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"ހިނގަމުން ދާ މަޝްރުއުތަކަށް ވާނީ ކިހިނެތްތޯ؟. އެއީ އަޅުގަނޑުމެން ވަރަށް އިސްކަން ދޭންޖެހޭ ކަމެއް. އެހުރީ ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިފައި. އެއާ އެއްގޮތަށް މިއަހަރުގެ ބަޖެޓުގައި އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ހާއްސަ އިސްކަމެއް ދޭނަން. ހުއްޓަނުލާ މިކަންކަން ކުރިއަށް ގެންދަން. މިނޫންކަމަށް ވަންޏާ ރައްޔިތުންނަށް ވެސް ގެއްލުން ކޮންޓްރެކްޓަރަށް ވެސް ގެއްލުން. ޖުމްލަކޮށް މުޅި ގައުމަށް ވެސް ގެއްލުން. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮންމެ ދާއިރާއަކަށް ބެލި ނަމަވެސް ބައިވަރު މަޝްރޫއުތައް ފެށިގެން ކުރިއަށްދާކަމަށާއި ވުމާއެކު އަލަށް ފަށަން ތައްޔާރުވަމުންދާ ޕްރޮޖެކްޓުތަކުގެ އަދަދު ނިސްބަތުން މަދުކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ރިޔާސީ އިންތިހާބަށް ވީ ވައުދުތަކުގެ ތެރެއިން މެޖޯރިޓީ މަޝްރޫއުތައް ހިންގުމަށް މިހާރު މިވަނީ ސޮއިކުރެވިފައި. މިއަހަރަށް އަލަށް ފަށަން މި އުޅެނީ ގާތްގަނޑަކަށް 40 އިންސައްތައިގެ މަޝްރޫއު. އެ މަޝްރޫއުތަކުގެ ތެރެއިން ޕްރައިވަޓައިޒް ކުރަންޖެހޭ ހާލަތުގައި ޕްރައިވަޓައިޒް ކުރަންޖެހޭނީ ކޮން މަޝްރޫއުތަކެއްތޯ ދެން ނިންމަން ޖެހޭނީ. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ބޯހިޔާވަހިކަމުގެ ދާއިރާއާއި ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ލޮޅުމެއް ނާންނާނެހެން ކަންކަން ކުރިއަށް ގެންދިއުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަލަށް ފަށަ މަޝްރުއުތަކުން ވެެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާއާއި ބޯހިޔާވަހިމުގެ ދާއިރާގައި ހިމެނޭ މަޝްރޫއުތަކަށް ކަމަށެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު މަޝްރޫއުތައް ހިނގާނުހިނގާ ގޮތް މުރާޖައާ ކުރަމުން އަންނައިރު ހާލަތުގެ ސަބަބުން އެއްވެސް މަޝްރޫއެއް އަދި މިހާތަނަށް ހުއްޓާލާފައި ނުވާނޭކަމަށް ރައިސް ވިދާޅުވި އެވެ.