ENGLISH
23 މާރިޗު 2026
ޓުރަމްޕުގެ އިންޒާރާއެކު މެދުއިރުމަތީގެ ހަނގުރާމަ އައު ހަރުފަތަކަށް
23 މާރިޗު 2026
|
އީރާނުން އިސްރާއީލުގެ ދިމޯނާއަށް ދިން ހަމަލާގައި ގެއްލުންވި ސަރަހައްދެއް، ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ހޮރްމުޒް ކަނޑުއޮޅި ހުޅުވައިނުލައިފިނަމަ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު އިންޒާރު ދެއްވުމާއެކު، އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އައު ހަރުފަތަކަށް ވާސިލުވެއްޖެއެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރުމަށް ބޭނުންކުރާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިނުލައިފިނަމަ އީރާނުގެ އެންމެ ބޮޑު އިންޖީނުގެއިން ފަށައިގެން ހުރިހާ އިންޖީނުގެއަކަށް ނުވަތަ ހަކަތަ އުފައްދާ ތަންތަނަށް އެމެރިކާއިން ހަމަލާދޭނެ ކަމުގައި ޓުރަމްޕު ވިދާޅުވިއެވެ.
މެދުއިރުމަތީގައި އެމެރިކާއާ ގުޅިފައިވާ ގައުމުތަކުގެ ތެޔޮ އުފައްދާ ތަންތަނަށް ހަމަލާދީ ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބޮޑު ލޮޅުމެއް އީރާނުން އަރުވާލާފައިވާއިރު، އެގައުމުން ބުނެފައިވަނީ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ކޮންމެ ހަމަލާއެއްގެ ރައްދުގައި މެދުއިރުމަތީގައި ހުރި މުހިއްމު އުމްރާނީ ވަސީލަތްތަކަށް ހަމަަލާދޭނެ ކަމަށެވެ. އޭގެ ތެރޭގައި ހަކަތަ އުފައްދާ ތަންތަނާއި ފެން ސާފުކޮށް ފޯރުކޮށްދިނުމަށް ބޭނުންކުރާ މަރުކަޒުތައް ހިމެނެއެވެ.
ޓުރަމްޕު ޓުރޫތު ސޯޝަލްގައި މި އިންޒާރު ޝާއިއުކުރެއްވީ އީރާނުން އިސްރާއީލުގެ ދިމޯނާ ސިޓީއަށް ދިން ހަަމަލާތަަކެއް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވައިލިތާ ގަޑިއިރުތަކެއް ފަހުންނެވެ. މި ސިޓީއަކީ އީރާނުގެ އެންމެ ބޮޑު ނިއުކުލިއާ މަރުކަޒު ހުންނަ ސިޓީއެވެ. އެ ހަމަލާއަށް ގަޑިއިރުތަކެއް ނުވަނީސް އީރާނުގެ ދެވަނަ ހަމަލާއެއް އެ ސިޓީ ކައިރީ އޮންނަ އަރަދު އަވަށް އަމާޒުވެ ގިނަ އަދަދެއްގެ އިމާރާތްތަކަށް ގެއްލުންވިއެވެ.
މި ހަމަލާތަކުގައި އިސްރާއީލުގެ 150 އަށްވުރެ ގިނަ މީހަކަށް އަނިޔާވިއިރު އެއިން އަށް މީހެއްގެ ހާލު ގޯސްކަމަށް އިސްރާއީލުގެ އިދާރާތަކުން ބުނެފައިވެއެވެ. އަދި އިސްރާއީލުން ބުނި ގޮތުގައި މި ދެ ހަމަލާގެ ތެރެއިން ދެވަނަ ހަމަލާގައި އީރާނުން ބޭނުންކުރީ ކުރިން ބޭނުންކުރަމުން އައި ވޯހެޑުތަކަށްވުރެ ބަރު ވޯހެޑެއް ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާ އިޔާލް ޒާމިރު ބުނެފައިވަނީ ޔަހޫދީންގެ ޕާސްއޯވާ އީދުގެ ތެރޭގައިވެސް ހަނގުރާމަ ކުރިއަށްދާނެ ކަމަށެވެ. އެ އީދު ފެށޭނީ އަންނަ މަހުއެވެ. ސިހުޔޫނީ ދައުލަތުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ބުނެފައިވަނީ ކުރިއަށް އެޮތް ދުވަސްތަކުގައި އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ހަމަލާތަކުގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުކުރާނެ ކަމަށެވެ.
ކްރައިސިސް ގްރޫޕް ތިންކް ޓޭންކުގެ ބާހިސް އަލީ ވައެޒް ވިދާޅުވި ގޮތުގައި ދެ ފަރާތުންވެސް ފެންނަނީ ހަނގުރާމައިގެ ހޫނުކަން ކުޑަކުރުމުގެ ބަދަލުގައި އައު މަރުހަލާތަކަށް ހަނގުރާމަ އުފުލައިލުމަށް މަސަައްކަތްކުރަމުންދާ މަންޒަރެވެ. އަދި އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭން ފަށާ ހިސާބުން މެދުއިރުމައްޗަށް މިއިން ޒަަމާނަކު ކުރިމަތިނުވާ މިންވަރުގެ އުދަގޫތައް ކުރިމަތިވެ، މުޅި އެ ސަރަހައްދު ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
އީރާނުން ދިމޯނާއަށް ހަމަލާދިނީ އެމެރިކާއާއި އިސްރާއީލުން އީރާނުގެ ނަތަންޒް ނިއުކުލިއާ ފެސިލިޓީއަށް އަމާޒުކޮށް ހަމަލާއެއް ދިނުމާ ގުޅިގެންނެވެ. އީރާނުންވަަނީ އެ ގައުމުގެ އެއްވެސް ބާވަތެއްގެ އަމާޒަކަށް ހާއްސަކޮށް ހަމަލާދީފިނަމަ ރައްދުގައި އެ ބާވަތުގެ އަމާޒުތަކަށް ހަމަލާދޭނެ ކަމުގައި ބުނެފައެވެ.
އީރާނުގެ ލީޑަރެއް ކަމުގައިވާ މުހައްމަދު ބާގިރް ޣާލިބަފްވަނީ ޓުރަމްޕުގެ އިންޒާރަށް ރައްދުދެއްވައި، އީރާނުގެ ހަކަތައިގެ އެއްވެސް މަރުކަޒަކަށް ހަމަލާދީފިނަމަ މެދުއިރުމަތީގައި ހުރި މުހިއްމު ބިނާރުތަކާއި، ހަކަތައާއި ތެލުގެ ވަސީލަތްތައް ހުއްދަ އަމާޒުތަކެއްކަމަށް ބަލައި އެތަންތަނަށް ހަމަލާދީ އިއާދަނުކުރެވޭ މިންވަރުގެ ގެއްލުންތަކެއް އީރާނުން ދޭނެ ކަމުގައި ވިދާޅުވެފައެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދިޔަ ނަމަވެސް ރަައްދުގައި ވަރުގަ ބޮޑެތި ގެއްލުންތަކެއް ލިބެނެވި ހަމަލާތަކެއް ދިނުމުގެ ގާބިލުކަން އީރާނުގައި ހުރިކަން އީރާނުން ދައްކުވައިދީފައިވެއެވެ. އެގޮތުން އިސްރާއީލުން އީރާނުގެ ސައުތު ޕާސް ގޭސް ކާރުހާނާއަށް ދިން ހަމަަލާތަކުގެ ރައްދުގައި އީރާނުންވަނީ ގަތަރުގެ ދިޔައި ތަބީއީ ގޭސް އުފައްދާ މައި މަރުކަޒުތަކަށް ރައްދުދީފައެވެ.
އޭގެ އިތުރަށް އިސްރާއީލުން އީރާނުގެ ފެން އުފައްދާ ޕްލާންޓަކަށް ހަމަލާދިނުމާ ގުޅިގެން އީރާނުންވަނީ ބަހުރައިނުގެ ފެން އުފައްދާ މަރުކަޒުތަކށް ހަމަލާދީފައެވެ.
އަދި އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްތައް އީރާނަށް ހަމަލާދިނުމަށް ބޭނުންކުރުމުގެ ހުއްދަ ދިނުމާ ގުޅިގެން އީރާނުން ޑިއޭގޯ ގާސިއާގައި ހުންނަ އަސްކަރީ ބޭސްއަށް އަމާޒުކޮށް އީރާނުން ހަމަލާތަކެއް ދީފިކަމުގައި އިނގިރޭސިވިލާތުން ބުނެފައިވެއެވެ. އީރާނާ 4،000 އެއްހައި ކިލޯމީޓަރު ދުރުމިނުގައި އޮތް ޑިއޭގޯ ގާސިއާއަށް ދިން ހަމަލާއާއެކު ކުރިން އަންދާޒާކުރި މިންވަރަށްވުރެ ދުރަށް ހަމަލާދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވެއެވެ.