ENGLISH

18 މާރިޗު 2026

Advertisement

އެސްއެމްއީ ޑިޖިޓަލް އަށް 7 އަހަރު: މާލީ އެހީތެރިކަން 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށް

18 މާރިޗު 2026

|

އައިމިނަތު ޝަފާ

އެސްއެއްމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން. ފޮޓޯ؛ އެސްއެމްއީ ޑިޖިޓަލް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލްއިން ކުރަމުން އަންނަ މަސައްކަތަށް ހަތް އަހަރު ފުރިއްޖެ އެވެ.

އެ ކުންފުނިން ބުނީ ފާއިތުވެދިޔަ ހަތް އަހަރު ދުވަހުތެރޭ ރާއްޖޭގެ 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ އެއް މުއައްސަސާ ގޮތުގައި އެސްއެމްއީ ޑިޖިޓަލް އިން ހަރަކާތްތެރިވަމުން އަންނަ އިރު މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށެއްގެ ކުދި ވިޔަފާރިތަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެސްއެމްއީ ޑިޖިޓަލް އިން 2019 ވަނަ އަހަރު ލޯނު ދޫކުރީ ފަސް މިލިއަން ރުފިޔާއާ ހަމައަށެވެ. ނަމަވެސް މިއަދު އެކުންފުނިން ވަނީ ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފަ އެވެ. މިއީ ވިޔަފާރީތަކަށް އެކި މަރުހަލާތަކުގައި ބޭނުންވާ ފަދަ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ. 

އެސްއެމްއީ ޑިޖިޓަލްގެ ޕްރޮޑަކްޓްތައް ބައްޓަންކޮށް ފައިނޭންސް ފޯރުކޮށްދޭ ދާއިރާތަކަށް ބަލާއިރު؛

· އަލަށް ފަށާ ވިޔަފާރިތަކާއި އަންހެން ވިޔަފާރިވެރިން

· ހިނގަމުންދާ ވިޔަފާރިތައް ތަރައްގީ ކުރުމަށް ހާއްސަ މާލީ އެހީތެރިކަން

· ފަތުރުވެރިކަމާއި ގެސްޓްހައުސް ދާއިރާ އިތުރަށް ފުޅާކުރުން

· ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ކުދި ވިޔަފާރިތައް ބާރުވެރިކުރުމަށް ހިންގޭ ތަފާތު ސްކީމްތައް

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފަސޭހައިން ލިބޭ ކުދި ފައިނޭންސިންގ ފުރުސަތުތަކުގެ އެހީގައި އައު ހިޔާލުތައް އާމްދަނީ ލިބޭ ފަދަ ވިޔަފާރިތަކަށް ބަދަލުވެ ޒުވާނުންނަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ވަނީ ބޮޑެތި މަންފާތަކަށް ލިބިގެން ގޮސްފައިވެއެވެ. މީގެ އިތުރުން، އަންހެން ވިޔަފާރިވެރިން އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް، އެސްއެމްއީ ޑިޖިޓަލް އިން ވަނީ މާލީ މިނިވަންކަން ކަށަވަރުކޮށްދޭނެ ހާއްސަ ފައިނޭންސިންގ ސްކީމްތަކެއް އެކުލަވާލާފައިވެއެވެ.

ރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަން ކަމުގައިވާއިރު، މިދާއިރާގައި ގެސްޓްހައުސްތައް އިމާރާތްކުރުމަށާއި މިހާރު ހިނގަމުންދާ ގެސްޓްހައުސްތައް އިތުރަށް ފުޅާކުރުމަށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ އިންތިޒާމު ދާދިފަހުން އެ ކުންފުނިން ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުންވެސް ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ކުދި ވިޔަފާރިތައް ބާރުވެރިކުރުވުމާއި އަންހެންނުން އިސްވެ ހިންގާ ވިޔަފާރިތަކަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ތަފާތު އެކި މާލީ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.

އެސްއެމްއީ ޖިޖިޓަލްއިން ބުނީ ކުންފުނީގެ މިހާރު އެންމެ އިސް އަމާޒަކީ އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރާ، އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ފައިނޭންސިންގގެ ހިދުމަތްދޭ މުއައްސަސާއަކަށް ބަދަލުވުން ކަމަށެވެ. މި ލަނޑުދަނޑި ހާސިލްކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ވޭތިވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި އިދާރާގެ ހުރިހާ ހިދުމަތްތަކެއް ޝަރީއާގެ އުސޫލުތަކަށް ބަދަލުކޮށް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކެއް ތައާރަފުކޮށްފައިވާކަން އެކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ. 

މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ކުރިން ދޫކޮށްފައިވާ ލޯނުތައް އިސްލާމިކް ފައިނޭންސިންގ އުސޫލަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ވެސް އެކުންފުނިން ވަނީ ފަށާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު