ENGLISH
15 މާރިޗު 2026
ސަޢުދީން އިސްލާމީ ވުޒާރާއަށް ހަދިޔާކުރި ކަދުރު އެކި މުއައްސަސާތަކަށް ބަހައިފި
15 މާރިޗު 2026
|
ސަޢުދީން ހަދިޔާކުރި ކަދުރު މުއައްސަސާތަކަށް ބެހުން --
އެންމެ މަޤްބޫލު
ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއިން ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ކަދުރު، އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހައިފި އެވެ.
ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ވަނީ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކުރި އެވެ.
މި ކަދުރު ރަސްމީކޮށް ހަވާލުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީއެވެ. އަދި މި ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން، އަދި ސަޢުދީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއާއިމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނުގެ މަސައްކަތްޕުޅަށް ވަޒީރު ވަނީ ތަޢުރީފް ކުރައްވާފަ އެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީގެ ފަރާތުން ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރައްވާ މަސައްކަތް ވަޒީރު ފާހަގަކުރެއްވި އެވެ.