ENGLISH

15 މާރިޗު 2026

Advertisement

ހުރިހާ ސިޔާސީ ލީޑަރުން ވެސް ބޭނުންވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން: ފަލާހު

15 މާރިޗު 2026

|

ޢަލީ ޝަހީމް

ކޮންގެރެސް ޕާޓީގެ ޙަފްލާއެއްގައި ފަލާހު ވާހަކަދައްކަވަނީ. ފޮޓޯ: ޕީއެންސީ

ދެ އިންތިޚާބު ބޭއްވުމާ ދެކޮޅަށް ބައެއް ސިޔާސީ ލީޑަރުން މިހާރު ވާހަކަދެއްކެވިޔަސް، ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންވެސް ބޭނުންފުޅުވަނީ އެއް ދުވަހެއްގައި ދެ އިންތިޚާބު ބާއްވަން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. 

ކެންޑިޑޭޓުންނާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން، މިއަދު ކުރިއަށްދިޔަ ހުޅުމާލެ އުތުރު ހަރަކާތުގައި "އެމްއެމް" ޓީވީއަށް ދެއްވި ބަސްދީގަތުމުގައި ފަލާހު ވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންވެސް ބޭނުންފުޅުވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ކަމަށް ވިދާޅުވިއެވެ. 

ފަލާހު ވިދާޅުވީ ޤާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ކުރި ދުވަސްވަރުވެސް، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ހުށަހެޅި ކަމަށެވެ. ސިޔާސީ ނިޒާމު ބަދަލުވެގެން އައި އެދުވަސްވަރު، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުނިންމުނީ، އެކަށީގެންވާ ވަގުތު ނުލިބުމުން ކަމަށް ޤަބޫލުކުރެއްވޭ ކަމަށް ފަލާހު ވިދާޅުވިއެވެ. 

މައި ދެ އިންތިޚާބުގެ އިތުރުން ކައުންސިލް އިންތިޚާބާ އެކު، ތިން އިންތިޚާބު އެކުގައި ބާއްވަން ވެސް ބައެއް ލީޑަރުން ތާއީދުކުރެއްވި ކަމަށް ފަލާހު ވިދާޅުވިއެވެ. ފަލާހު އިޝާރާތްކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގައި ތިން އިންތިޚާބު އެކުގައި ބޭއްވުމަށް ތާއީދުކުރައްވާކަމަށް ވިދާޅުވި ވާހަކައަށެވެ. އަދި، މިދިޔަ ޖަނަވަރީ މަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވައި ޕޯސްޓުކުރެއްވި ކަމަށް ފަލާހު ވިދާޅުވިއެވެ. 

"އޭރުގަވެސް ވަރަށް ގިނަ ބޭފުޅުން މަސައްކަތްކުރެއްވި މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި. ހަމަ އޭރުގެ ޚާއްޞަ މަޖިލީހުގެ މެންބަރުން. މިހާރު އެހުރީ ހަމަ ސިޔާސީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ފަރާތްތަކުން އިންޓަވިއުތަކުގައި އެވާހަކަތައް ކިޔައިދެއްވަމުން އެދަނީ" އިބްރާހީމް ފަލާހު ވިދާޅުވިއެވެ. 

ފަލާހު ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ އެއްވެސް ސަބަބެއް އިދިކޮޅަށް ކިޔައިނުދެވޭނެ ކަމަށެވެ. އަދި، ކުއްލިއަކަށް އެ ނިންމެވުމާ ދެކޮޅު ހައްދަވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން ސިޔާސީ ގޮތުން ލިބޭނެ ތާއީދެއް އެބޭފުޅުންނަށް ނެތުމުން ކަމަށް ފަލާހު ވިދާޅުވިއެވެ. 

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޔަގީންކުރެވިގެންދަނީ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެގެންދާނެ މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ މުޅި ރާއްޖޭގެ ސިޔާސީ ގޮތުން މި ތިއްބެވި ހުރިހާ ލީޑަރުންވެސް ބޭނުންފުޅުވާ ކަމެއްކަން. އެހެންނަމަވެސް މިވަގުތު މިއަށް، އަޅުގަނޑަށް ޤަބޫލުކުރެވެނީ މިކަމާ ދެކޮޅު މި ހައްދަވާ ސަބަބެއް ކަމަށް ރައްޔިތުންނަށް ވިސްނިވަޑައިގަންނަވާނެ، އެއީ ސިޔާސީ މަންފާއެއް އެބޭފުޅުން ހާސިލްކުރުމުގެ ބޭނުމުގައި ކަމަށް މި ގަބޫލުކުރެވެނީ. ނޫނީޔާމު އެބޭފުޅުންނަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން އެބޭފުޅުންނަށް ތާއީދު ނެތީމަ އެކަން އެގޮތަށް އެބޭފުޅުން ކުރަން ބޭނުން ނުވަނީ ކަމަށް ވެސް ވެދާނެ " - ޕީޖީ ލީޑަރު އިބްރާހީމް ފަލާހު

މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވަކިން ބާއްވާއިރު، ދައުލަތުން ކުރާ ޚަރަދާއި މެންބަރުންގެ އަމިއްލަ ޚަރަދާއެކު ބޮޑު މާލީ ބުރައެއް އުފުލަންޖެހޭކަން ފަލާހު ފާހަގަކުރެއްވިއެވެ. އަދި، ވޯޓުލާން ނުކުންނަ ނިސްބަތަށް ބެލިޔަސް، ރިޔާސީ އިންތިޚާބަށް ވުރެ މަޖިލީހުގެ އިންތިޚާބުގައި މަދުކަމަށް ފަލާހު ވިދާޅުވިއެވެ. 

ފަލާހު ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ބޮޑު ޚަރަދެއް ސަލާމަތްވެ، މެންބަރުން އިންތިޚާބުކުރުމުގައި ވޯޓުލާ އަދަދުވެސް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ. 

އިދިކޮޅުން ރައްޔިތުންނަށް ކިތަންމެ ވަރަކަށް ކިޔައިދޭން އުޅުނަސް، ރަނގަޅު ކަމެއް ގޯސްކޮށް ވިސްނައިނުދެވޭކަމަށް ފަލާހު ވިދާޅުވިއެވެ. 

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، މައި އިންތިޚާބު އެއްކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން އޮންނާނީ އޭޕްރީލް 4 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު