ENGLISH

14 މާރިޗު 2026

Advertisement

ހަނގުރާމައާ ގުޅިގެން ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލާކަށް ނުޖެހޭނެ: ޒަމީރު

13 މާރިޗު 2026

|

އައިމިނަތު ޝަފާ

ގިރާވަރުފަޅުގެ ބިން ހިއްކުމުގެ ތެރެއިން. މިހާލަތުގައި ވެސް ތަރައްގީގެ ދުވެލި މަޑު ނުވާނެކަމުގެ ޔަގީންކަން ވަޒީރުންގެ ކޮމިޓީން ވަނީ ދީފައި. ފޮޓޯ؛ސޯޝަލް މީޑިއާ

މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލަން ނުޖެހޭނެކަމުގެ ޔަގީންކަން މާލީ ވަޒީރު މޫސާ ޒަމީރު ދެއްވައިފި އެެވެ. 

ހަނގުރާމައިގެ ސަބަބުން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ބަލައި، ޚާއްޞަ ފިޔަވަޅުތައް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ހަނގުރާމައިގެ ދުވަސްވަރު ވެސް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތް ދަތިކަމެއް ނެތި ފޯރުކޮށްދެވޭ ގޮތަށް ކަންކަން ރާވާލެވިފައިވާކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ ކާޑާއި، ތެލާއި، ބޭސް މެދުކެނޑުމެއް ނެތި ލިބޭނެ ގޮތް ހަމަޖެއްސުމަށް ހާއްސަ އިސް ކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ. 

އަދި މި ހާލަތާ ގުޅިގެން ރާއްޖޭގެ މާލީ ހާލަތަށް އަންނާނެ ބަދަލުތައް އަންދާޒާކުރުމުގެ މަސައްކަތްތައް ވަރަށް ގާތުން ކުރަމުންދާކަމަށާއި ކޮންމެ މަސައްކަތެއްވެސް ރާވަމުންދަނީ ރައްޔިތުންނަށް ދަތިތަކުގެ އަސަރު ވީހާވެސް ކުޑަވާނެގޮތަށްކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވަނީ މި ހާލަތުގެ ސަބަބުން ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ ޕްރޮޖެކްޓުތަކަށް އަސަރު ނުކުރާނެކަމަށް ވިދާޅުވެފަ އެވެ. 

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ޕްރޮޖެކްޓްތައް ހުއްޓާލާކަށް ނުޖެހޭނެ. ވުޒާރާއިން މިދަނީ، މި ކަންކަމުގައި އެއްބާރުލުން ދޭންޖެހޭ އެންމެހާ ފަރާތްތަކަށް ބޭނުންވާ ކަންކަމަށް މަގު ފަހިކޮށްދެމުން. އަދި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން." - މާލީ ވަޒީރު މޫސާ ޒަމީރު 

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއެކު، ރޭވުންތެރިކަމާއެކު މަސައްކަތްތައް ބައްޓަންކޮށްގެން ކުރިއަށްގެންދާކަމަށެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ ޚާއްޞަ ކޮމިޓީ އެކުލަވާލެއްވީ ހުސްވި މަހުގެ 28 ވަނަ ދުވަހު އެވެ. 

މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަޤްޞަދުގައި، ނުވަ ވަޒީރުންގެ މައްޗަށް އެކުލަވާލެއްވި ކޮމިޓީއެކެވެ. 

ކިޔުންތެރިންގެ ހިޔާލު