ENGLISH
11 މާރިޗު 2026
ހުރާގައި އަލަށް އިމާރާތްކުރާ ޞިއްޙީ މަރުކަޒުގެ ޢަމަލީ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް
11 މާރިޗު 2026
|
ކ. ހުރާގައި ސިއްހީ މަރުކަޒުގެ މަޝްރޫ ކުރިއަށް. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ސަރުކާރުން ކ. ހުރާގައި އަލަށް އިމާރާތްކުރާ ޞިއްޙީ މަރުކަޒުގެ ޢަމަލީ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު މިހާރު ކުރިއަށްދަނީ ފައުންޑޭޝަން އެޅުމުގެ ކުރިން ކުރަންޖެހޭ ފައުންޑޭޝަން ބޭސް ކޮންކްރީޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
ހުރާގައި ބިނާ ކުރާ މި އައު ސިއްހީ މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
ޖުމްލަ 27.23 ރުފިޔާ އަށް، ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫއުގެ ދަށުން ބިނާކުރާ 15650 އަކަފޫޓުގެ ދެބުރި އިމާރާތުގައި 16 އެނދުގެ ޖާގަ ހުންނާނެކަމަށް އެމްޓީސީސީއިން ވަނީ ބުނެފަ އެވެ.
މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބިން އެއްވަރުކުރުމާއި، ކޮންކްރީޓް މަސައްކަތްތަކާއި، ރާނާ ސިމެންތި ޖެހުމުގެ އިތުރުން މުށިޖެހުން ފަދަ އިމާރާތުގެ ސްޓްރަކްޗަރަލް އަދި ފިނިޝިންގ މަސައްކަތްތައް ހިމެނެ އެވެ.
އާބާދީގައި 1380 މީހުން ދިރިއުޅޭ ހުރާގައި އައު ޞިއްޙީ މަރުކަޒު ބިނާކުރުމުން، ރަށުން ބޭރަށް ދަތުރުކުރަން ނުޖެހި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ލިބި، ސިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ސިއްޙީ މަރުކަޒުތަކެއްގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ މަސައްކަތުގެ ތެރެއިން ހިނގަމުންދާ މަޝްރޫޢެކެވެ.