ENGLISH

28 ފެބްރުއަރީ 2026

Advertisement

އީރާނުގެ އިސްލީޑަރުން ސަލާމަތުން ދުނިޔޭގައި އެބަތިއްބެވި: ޢިރާޤްޖީ

28 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

އީރާނުގެ ހާރިޖީވަޒީރު އައްބާސް އިރާގްޖީ

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ އިސްލީޑަރުންތަކެއް އަވަހާރަކޮށްލާފައިވާކަމަށް އިސްރާއީލުގެ މީޑިޔާއިން ބުނަމުންދަނިކޮށް އީރާނުގެ ހާރިޖީވަޒީރު އައްބާސް އިރާގްޖީ އެވާހަތައް ދޮގުކުރައްވައިފިއެވެ. 

އެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި އައްބާސް ވިދާޅުވީ އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމިނާއީ ހިމެނިވަޑައިގަންނަވާހެން އެ ގައުމުގެ އިސްވެރިންތަކެއް އަވަހާރަކޮށްލާފައިވާކަމަށް އިސްރާއީލުގެ މީޑިޔާއިން ފަތުރަމުންދާ ހަބަރުތަކަކީ ސައްހަ ހަބަރުތަކެއް ނޫން ކަަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި ދެތިން ކޮމާންޑަރުން އަވަަހާރަވި ނަމަވެސް އެ ގައުމުގެ ސިޔާސީ އަދި އަސްކަރީ އިންތިޒާމުގެ މަތީ ފަނޑީގެ އެކި މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން ތިއްބެވީ ސަލާމަތުން ދުނިޔޭގައެވެ. 

އިސްރާއީލުގެ އަސްކަރިއްޔާގެ މަތީ ފަންތީގެ މަސްއޫލުވެރިޔަކު ނަން ހާމަނުކުރުން ޝަރުތުކޮށް ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އިސްރާއީލުން މިއަދު ހެނދުނު ދިން ހަމަލާ އަމާޒުކުރީ އީރާނުގެ މަތީ ފަންތީގެ ގިނަ ލީޑަރުންތަކެއް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމަކަަށް ކަމަށެވެ. އަދި އެ ހަމަލާއަކީ އެތައް މަސްދުވަހެއްގެ އިންޓެލިޖެންސް އޮޕަރޭޝަންތަކުން އެއްކުރެވުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އިސްތިރާޖީ ވަގުތެއްގައި ދިން ހަމަލާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ނަމަވެސް އިރާގްޖީވަނީ އެހުރިހާ ވާހަކަތަކެއް ދޮގުކުރައްވަމުން، އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއާއި އިސްރާއީލުން އިއުލާނުކޮށްފައިވާ އަމާޒަަކީ ހާސިލުކުރެވޭނެ ކަމެއް ނޫންކަމަށާއި، އީރާނުގެ ސަރުކާރަށް އެ ގައުމުގެ ރައްޔިތުންގެ އަޣުލަބިއްޔަތުގެ ތާއީދު އެބައޮތް ކަމކަށް ވިދާޅުވެފައެވެ. 

އޭނާ ސިފަކުރެއްވި ގޮތުގައި އިސްރާއީލާއި އެމެރިކާއިން ދޭން ފެށި އުދުވާނީ ހަމަލާތަކަކީ އެއްވެސް އަސާސެއް ނެތި ދެމުންދާ ޣައިރު ގާނޫނީ އަދި ޝަރުއިއްޔަތު ލިބިފައި ނެތް ހަމަަލާތަކެކެވެ. އަދި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފު ހަމަލާތަކެއްކަމަށް އީރާނުން ބުންޏެވެ. 

އަމިއްލަ ނަފުސު ދިފާއުކުރުމުގެ ހައްގު ހިމެނޭހެން އީރާނުގެ އެއްވެސް ހައްގެއް އެ ގައުމުން ދޫކޮށްނުލާނެކަމުގައި ވިދާޅުވެ، އިރާގްޖީ ފާހަގަކުރެއްވީ އީރާނުން ނުތަނަަވަސްކަން ކުޑަކޮށް ހަނގުރާމަ ފުޅާވިޔަނުދޭން ބޭނުންވި ނަމަވެސް އެއްވެސް މަޝްވަރާއެއް ފެށޭނީ އީރާނަަށް އަމާޒުކޮށްދޭ ހަމަލާތައް ހުއްޓައިލުމުން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު