ENGLISH
27 ފެބްރުއަރީ 2026
ހުޅަނގު އައްސޭރީގެ ބިންތައް އަމިއްލަކޮށް ޔަހޫދީ ދައުލަތުގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޑރ. ޚަލީލް
27 ފެބްރުއަރީ 2026
|
ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް. ފޮޓޯ؛ ދިވެހި ހާރިޖިއްޔާ
އެންމެ މަޤްބޫލު
ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތައް އަމިއްލަކޮށް، ޣައިރު ގާނޫނީ ޔަހޫދީ ދައުލަތުގެ މުދަލަށް ހެދުން ބަލައި ނުގަންނަ ކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އޯއައިސީގެ ހާރިޖީ ވަޒީރުންގެ މި ބައްދަލުވުމަކީ ހުޅަނގު އައްސޭރީގެ ބިންތަކަށް ޣައިރު ގާނޫނީ ބާރު ހިންގައި، އެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ނިންމުމާއި ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ހާރިޖީ ވަޒީރު ވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ ޔަހޫދީ ދައުލަތުގެ މިލްކެއް ކަމަށް ބުނެ، އެ ބިންތައް ފޭރެމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި މި ކަމަކީ އެ ބިންތަކުގައި ޔަހުދީ ވަޒަންވެރިން އިތުރުކޮށް، ބިންތައް ފޭރުމުގެ އަމަލުތައް ފުޅާކުރުމަށް ހިންގާ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ޚަލީލު ވަނީ ވިދާޅުވެފަ އެވެ.
ފަލަސްތީނުގެ ބިންތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއްކަމަށާއި އަމިއްލަ އިހުތިޔާރުގައި ގޮތް ނިންމުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގަކީ އެއްވެސް އުނިކަމެއް ނުވަތަ ބަދަލެއް ގެނެވޭނެ ހައްގެއް ނޫން ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. އަދި ފަލަސްތީނުގެ މިނިވަންކަމާއި، ސިޔާދަތާއި، ކަރާމާތް ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.
ހުޅަނގު އައްސޭރީގެ ބިންތަކުގެ މައްޗަށް އޮތް ބާރުވެރިކަން އިތުރަށް ފުޅާކުރުމަށް ޔަހޫދީންގެ ކެބިނެޓުން ނިންމީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ޔަހޫދީ ވަޒަންވެރިންނަށް އެ ބިންތަކުގެ މިލްކުވެރިކަން ހޯދުމަށް ފަސޭހަކޮށްދިނުމަށް އުސދޫލުތަކެއް އެކުލަވާލުމަށް ވެސް ޔަހޫދީންގެ ކެބިނެޓުން ނިންމާފައި ވެއެވެ.
ހުޅަނގު އައްސޭރީގެ ބިންތައް ހިމެނޭހެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް އަބަދުވެސް ރާއްޖެއިން ވަކާލާތު ކުރަމުން ދާއިރު 1967 ކުރީގެ ބޯޑަރަށް ރުޖޫއަވެ އިރުމަތީ ޤުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން އަބަދުވެސް އަންނަނީ ގޮވާލަމުން ނެވެ.