ENGLISH

27 ފެބްރުއަރީ 2026

Advertisement

ރެފަރެންޑަމް ވޯޓުގައި ރައްޔިތުންގެ ނިންމުމަށް ބަލައި އަހަރީ ބަޖެޓު ފާސްކުރުން ޑިސެމްބަރަށް ބަދަލުކުރަނީ

27 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު. ފޮޓޯ؛ ޕީއެންސީ

ދެ އިންތިހާބުގެ ރެފަރެންޑަމް ވޯޓުގައި ރައްޔިތުން ނިންމާގޮތަކަށް ބެލުމަށް ފަހު ދައުލަތުގެ އަހަރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދުވަހަކީ ޑިސެމްބަރު މަހުގެ ދުވަހަކަށް ހެދުމަށް ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. 

އެމަނިކުފާނު މިކަން ހާމަކުރެއްވީ ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. 

ރައީސް ވިދާޅުވީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން މުހިންމު ވާ އެއް ސަބަބަކީ ރައްޔިތުންނަށް ފައިދާހުރި ބަޖެޓެއް އެކުލަވާލުން ކަމަށެވެ. 

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމެއް ނިންމާ ފަހުން ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ބަޖެޓު ތަންފީޒު ކުރުމަށް ސަރުކާރާ ހަވާލުވާއިރު އެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް އޮތުމުން ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

ދެހާސް ސައުވީސް ވަނަ އަހަރު އެމަނިކުފާނުގެ ސަރުކާރާ ކުރިމަލާންޖެހުނީ މިފަދަ ހާލަތަކާކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ސަރުކާރުން 2024 ވަނަ އަހަރު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމައި، 2023 ވަނަ އަހަރު އެ ބަޖެޓް ފާސްކޮށް ދިނުމަށް ހުށަހެޅުމުން، މަޖިލީހުން އެ ފަހަރު ބަޖެޓް ފާސްކޮށްދީފައިވަނީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ ވަރަށް ބޮޑު ބައެއް އުނިކޮށްފައި ކަމަށް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން 2024 ވަނަ އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނުކަމަށް ރައީސް ވިދާޅުވިއެވެ.

"ދެ ހާސް ސައުވީސް ވަނަ އަހަރު އަޅުގަނޑުމެން ތަންފީޒުކުރަން ޖެހުނީ ދައުރު ނުނިމި އޭރު އޮތް އިދިކޮޅު މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ބަޖެޓު. އެއީ ކުރީ ސަރުކާރުން އެ ސަރުކާރުގެ މާލީ ވަޒީރު ހުށަހެޅި ބަޖެޓެއް. އަޅުގަނޑުމެން މި ގަސްދުކުރަނީ ދެ އިންތިހާބު އެކުގައި ބާއްވަން ރައްޔިތުން ނިންމަވައިފި ނަމަ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނެސް 30 ސެޕްޓެމްބަރުގައި ކުރިއަށް މަޖިލީހުން ބަޖެޓު ފާސްކުރަން އޮންނަ އޮތުން ލަސްކޮށްލަދީ އުލަތުގެ އަހަރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދުވަހަކީ ޑިސެމްބަރު މަހުގެ ދުވަހަކަށް ހެދުމަށް. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވީ 2028 ވަނަ އަހަރު ދެ އިންތިހާބު އެކުއެކީ ބޭއްވަން ރައްޔިތުން ނިންމައިފި ނަމަ އައު މަޖިލިސް ހުވައި ކުރާނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އެއާއެކު އަހަރީ ބެޖެޓު ފާސް ކުރާނީ އައު މަޖިލީހުން ކަމަށާއި މިގޮތަށް މިކަން ކުރައްވަން ގަސްދުކުރައްވަނީ އަންނަ އޭޕްރީލު މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ރެފަރެންޑަމް ވޯޓުގައި ރައްޔިތުން ނިންމާ ނިންމުމަކަށް ބެލުމަށް ފަހުގައި ކަމަށް ރައީސް ވިދާޅުވި އެވެ. 

މާލިއްޔަތު ގާނޫނަށް މި ބަދަލު ގެނައުމުން ވެރިކަމުގެ ފުރަތަމަ އަހަރު ނުގެއްލި، އެ އަހަރު ވެސް ވެގެންދާނީ ރައްޔިތުން ހޮވި ރައީސަކަށް އެމަނިކުފާނުގެ ވައުދުތައް ފުއްދަން ލިބޭ ފުރުސަތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ މި ބަދަލުތަކަކީ ސިޔާސީ ވިސްނުން އެއްކިބާ ކޮށް ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށް މުހިންމު ބަދަލުތަކެއް ކަމަށް ވިދާޅުވެ، މި ސަރުކާރު ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިދޭނެ ކަމުގެ ޔަގީން ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު