ENGLISH

27 ފެބްރުއަރީ 2026

Advertisement

ފެންނަ ނުފެންނަ ވޯޓާއި ރިޔާސީ އިންތިހާބާ ގުޅުމެއް ނެތް: ތޯރިގް

27 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް. ފޮޓޯ؛ޕީއެންސީ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމުގެ ކުރި އަންނަ އޭޕްރީލު މަހުގެ ހަތަރު ވަނަ ދުވަހު ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާއި، 2028 ގައި ބާއްވާ ރިޔާސީ އިންތިހާބާ އެއްވެސް ގުޅުމެއް ނެތް ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެ އެވެ. 

ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ދިވެހީންގެ ރާއްޖެ ތަރާވީހުގައި ވާހަކަދައްކަަވަމުން ތޯރިގް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ގާތަށް ދަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުކުރަން ކަމަށެވެ. 

މިއީ ރިޔާސީ އިންތިހާބާ ބެހޭ މައްސަލައެއް ނޫންކަމަށް ތޯރިގް ވިދާޅުވި އެވެ. 

"ކީއްވެގެންތޯ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުކުރަން ޖެހެނީ. ގާނޫނު އަސާސީ ލިޔުނުއިރުގައި ރައްޔިތުންގެ މަޖިލީހުގެ އުމުރާއި، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތާއި، ރައީސުލްޖުމްހޫރިއްޔާގެ ދައުރާ މިކަންކަމަކީ ރައްޔިތުންގެ މަޖިލީހަށް ހަމައެކަނި ބަދަލުކޮށްގެން ނޫނީ ނުނިންމޭ ކަންކަން. އެކަންކަން ބަދަލުކުރާނަމަ ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ. ގާނޫނު އަސާސީ ލިޔުނު އިރު އެބޭފުޅުންގެ މަގުސަދަކީ މަޖިލީހުގެ ދައުރު ދިގުކޮށްފާނެތީ ހުރަސް އެޅުން. މެޖޯރިޓީ އޮންނަ ބަޔަކު އެމީހުންގެ ދައުރު ނިމުމުން އިތުރު ފަސް އަހަރަށް ދައުރު ދިގުކޮށްފާނެތީ ގާނޫނު އަސާސީ ލޮކްކުރީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް މަޖިލީހުގެ އުމުރާ ނުކުޅެވޭގޮތަށް. " - މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް

ތޯރިގް ތަކުރާރުކޮށް ވިދާޅުވީ މިގޮތަށް މިކަން ކުރީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގުކޮށްފާނެތީ ކަމަށެވެ. 

ފެންނަ ނުފެންނަ ވޯޓު ބިނާވެގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަ މަސްދުވަސް އުނިކުރުމަށް ކަމަށް ވާތީ އެ ވޯޓަކީ ރިޔާސީ އިންތިހާބާ އެއްވެސް ގޮތަކުން ގުޅުވޭނެ ވޯޓެއް ނޫންކަމަށް ތޯރިގް ވިދާޅުވި އެވެ. 

ތޯރިގް ވިދާޅުވީ ވާދަވެރިންގެ ފަލްސަފާއަކީ ވެސް ދެ އިންތިހާބު އެކުއެކީގައި ބޭއްވުން ކަމަށާއި ދެ އިންތިހާބު އެކުގައި ބޭއްވުމަށް ފެނޭތޯ ބަލަން ރައްޔިތުންގެ ގާތަށް ދާ މައްސަލައަކީ ގައުމީ މައްސަލައެއް ކަމަށެވެ. 

ގައުމީ މި މައްސަލައިގައި ހިޔާލު ތަފާތުވުން ދޫކޮށް، ޕީއެންސީއާ އެކުގައި ކުރިއަށް ދިއުމަށް ތޯރިގް ވަނީ ވާދަވެރިނަަށް ގޮވާލާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު