ENGLISH

20 ފެބްރުއަރީ 2026

Advertisement

ގެވެށި އަނިޔާއިން ރައްކާތެރިކަން ދޭ އަމުރާ ހިލާފުވާ މައްސަލަތައް އިތުރުވަނީ

20 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ގެވެށި އަނިޔާއިން ރައްކާތެރިކަން ދޭ އަމުރާ ގިނަ ބަޔަކު ދަނީ ހިލާފުވަމުންކަން ފުލުހުން ހާމަކުރޭ. ފޮޓޯ؛ދިވެހި ފުލުހުންގެ ހިދުމަތް

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އަނިޔާ ލިބޭ މީހުންގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ. 

ތަފާސްހިސާބުތަކާ އެކު ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތުގައި ވަނީ 2025 ވަނަ އަހަރު ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން ޖުމްލަ 99 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަތަކާ ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލެއް ތަކުރާރުވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ. މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގަ އެވެ. މީގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުމެވެ.

ކޯޓުން ނެރޭ "ރައްކާތެރިކުރުމުގެ ވަގުތީ އަމުރު" ނުވަތަ "ރައްކާތެރިކުރުމުގެ އަމުރު" އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ ކަމެއް ކަން ފާހަގަކޮށް ފުލުހުން ބުނީ މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރުގެ ތެރޭގައި މިފަދަ 24 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

ކޯޓުތަކުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކަށް ފުރިހަމައަށް ބޯލަނބައި، އެ އަމުރުތަކަށް އިހުތިރާމުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާނަމަ، ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް ވެސް އެ ހިދުމަތުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ފުލުހުން ބުނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ އެ ހިދުމަތުން ބޮޑު އިސްކަމެއްދޭ އެއް މަސައްކަތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު