ENGLISH
20 ފެބްރުއަރީ 2026
ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެ
20 ފެބްރުއަރީ 2026
|
ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި ދިފާއި ބާރުގެ "ހުރަވީ" ބައިވެރިވުން. ފޮޓޯ؛ އެމްއެންޑީއެފް
އެންމެ މަޤްބޫލު
އިންޑިއާގެ ވިޝާކަޕަޓްނަމްގައި ކުރިއަށްގެންދާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑް ޝިޕް "ހުރަވީ" ބައިވެރިވެއްޖެ އެވެ.
މި މަހުގެ 15 އިން 25 އަށް ވިޝާކަޕަޓްނަމްގައި ކުރިއަށްދާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުއަކީ، ބައިވެރިވާ ގައުމުތަކުގެ އަސްކަރީ އުޅަނދުތައް އެއް ތަނަކަށް ޖަމާވެ ކުރިއަށްގެންދާ އަސްކަރީ ހަރަކާތެކެވެ.
މި އަހަރުގެ ފްލީޓް ރިވިއުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 74 ޤައުމަކުން ބައިވެރިވެފައިވެއެވެ.
އެމްއެންޑީއެފްއިން ބުނީ މި ހަރަކާތުގައި ޖުމްލަ 85 އަސްކަރީ އުޅަނދު ބައިވެރިވި އިރު، އޭގެ ތެރޭގައި އިންޑިއާ ކަނޑުގެ ސިފައިންގެ 66 އުޅަނދަކާއި ބޭރުގެ އެކި ގައުމުތަކަށް ނިސްބަތްވާ 19 އުޅަނދެއް ހިމެނޭ ކަމަށެވެ. މީގެ އިތުރުން، އިންޑިއާ ކަނޑުގެ ސިފައިންގެ ތިން ސަބްމެރީނާއި 60 އަށް ވުރެ ގިނަ އަސްކަރީ މަތިންދާބޯޓު މި ހަރަކާތުގައި ބައިވެރިވެފައި ވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ މި ހަރަކާތުގައި ގައުމުތަކުގެ އަސްކަރީ އިސްވެރިން، ބަނދަރުކޮށްފައިވާ އުޅަނދުތަކުގެ ކައިރިން ކަނޑުމަގުން ދަތުރުކުރައްވައި ފްލީޓް ބައްލަވައިލައްވާފައި ވާކަމަށާއި މި އަހަރުގެ މި އަސްކަރީ ހަރަކާތުގައި ދިވެހި އަސްކަރިއްޔާގެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ކަމަށެވެ.
ފްލީޓް ރިވިއު ބައްލަވާލެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަންޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ކޮމަޑާންޓް ވަނީ ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި އޮސްޓްރޭލިއާގެ ވަފުދުތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަން ވެސް އެމްއެންޑީއެފުން ވަނީ ހާމަކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނީ އިނަލްއަގުވާމީ މިފަދަ ހަރަކާތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ބައިވެރިވުމަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށާއި، ބޭރުގެ ޤައުމުތަކުގެ އަސްކަރިއްޔާތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ.