ENGLISH
20 ފެބްރުއަރީ 2026
ސަރުކާރު ނީސްތާއްޓަށް އަރުވާލީމަ ހަލާކުވާނީ ދިވެހި އިގްތިސާދު: ފަތުހީ
20 ފެބްރުއަރީ 2026
|
އެމްއެމްޓީވީގެ ދިވެހީންގެ ރާއްޖެ ޕްރޮގްރާމްގައި އުސްތާޒު ފަތުހީ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ؛އެމްއެމްޓީވީ
އެންމެ މަޤްބޫލު
ސަރުކާރު ނީސްތާއްޓަށް އަރުވާލައިފި ނަމަ ގެއްލުންވާނީ ރާއްޖޭގެ އިގްތިސާދަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީން ރާއްޖޭގެ މީޑިޔާތަކުގެ ޒަރީއާއިން ކުރިއަށްގެންދާ ކެމްޕެއިން ޕްރޮގުރާމު "ދިވެހީންގެ ރާއްޖެ" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ފަތުހީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒައާމަތުގެ ކުރީކޮޅު ރާއްޖެ ބަނގުރޫޓުވެ، އަވަށްޓެރި ލަންކާއަށް ޖެހުނު ހާލު ޖެހޭނެ ކަމަށް ބަލައިގެން ކަމަށެވެ.
އޭރުގެ އިގްތިސާދީ އަނދަވަޅުން ސަލާމަތްވެ، ގައުމު ކުރިއަށް ހިނގައިގަތުމާއެކު މި އިންތިހާބާ ދިމާކޮށް އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ޕޯޑިއަމްތަކުގައި ދައްކަމުން އަންނަ ވާހަކަ އަކީ އެ ބޭފުޅުން ބޭނުންވަނީ "ކޮންމެ ދުވަހަކު ސަރުކާރު ނީސްތާއްޓަށް އަރުވާލާނެ މޭޔަރެއް" ކަމަށް ބުނާ ވާހަކަތައް ކަމަށް ފަތުހީ ވިދާޅުވި އެވެ.
"ސަރުކާރު ނީސްތާއްޓަށް އެރުވީމަ ގެއްލުންވާނީ ކޮން ބަޔަކަށްތޯ؟. ރާއްޖޭގެ އިގްތިސާދު ނޫންތޯ ހަލާކުވާނީ. ހަގީގަތަކީ ބޭރު ފައިސާ ލިބުމަށް އޮތް ދަތިކަމަށް ވެސް ހައްލު ލިބެމުން އެބަ އާދޭ. ދިވެހި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި އާއްމު މުއާމަލާތުތަކަށް ފަހި މާހައުލެއް މި ދަނީ ގާއިމު ކޮށްދެމުން. " - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު މޫސާ ފަތުހީ އާދަމް
މީގެ އިތުރަށް އެމްޑީޕީގެ ސަރުކާރުގައި ކަނޑުފަޅުން ރައްޔިތުންނަށް ދޫކުރު ގޯތިތައް ހިއްކާ ރައްޔިތުންނަށް ދޫކުރަމުން ދަނީ މި ސަރުކާރުންކަމަށާއި، ބޯހިޔާވަހިކަމުގެ ބިޔަ ބޮޑެތި ޕްރޮޖެކްޓުތައް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާއިރު މިކަހަލަ އެއްވެސް މަޝްރޫއެއް އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ފެނިފައި ނުވާކަމަށް ފަތުހީ ވިދާޅުވި އެވެ.
"އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ހިންގި އެންމެ ބޮޑު މަޝްރޫއަކީ ޖީއެމްއާރަަށް އެއާޕޯޓު ދިނުން. މިދިޔަ ދެ ވަނަ ވެރިކަމުގައި ހިންގި އެންމެ ބޮޑު މަޝްރޫއަކީ ވެންޓިލޭޓަރުގެ ވައްކަމުގެ މަޝްރޫއު. އަދި އަދަށް ވެސް ވެންޓިލޭޓަރުތަކަށް ވެސް ވީގޮތެއް ނޭނގޭ. ފައިސާއަށް ވެސް ވީ ގޮތެއް ނޭނގޭ. " - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު މޫސާ ފަތުހީ އާދަމް
ފަތުހީ ވިދާޅުވީ ރާއްޖޭގައި ހުރި ބައެއް އިމާރާތްތައް ރަހުނުކޮށް އެމްޑީޕީގެ ސަރުކާރުން ލޯނު ނަގާފައިވާއިރު އެ ފައިސާއިން ރައްޔިތުންނަށް ކޮށްދިން ކަމެއް ވެސް ނެތް ކަމަށެވެ.
މި ޒައާމަތުގައި ތަރައްގީގެ ބޮޑޭތި މަޝްރޫއުތަކެއް ކުރިއަށް ދާއިރު އެމްޑީޕީން އެކަންކަމަށް ހުރަސް އަޅައިގެން ނުވާނެކަމަށް ފަތުހީ ވިދާޅުވި އެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ފަތުހީ ވިދާޅުވީ އިންތިހާބީ އުކުޅެއްގެ ގޮތުގައި ގައުމު ހަލަބޮލިކޮށް ތަރައްގީއަށް ހުރަސް އެޅުމަކީ މިއަދު ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.