ENGLISH
20 ފެބްރުއަރީ 2026
މޭޔަރު އާޒިމުގެ މަސައްކަތްތަކަށް ޝުޖާއު ދެއްވީ 100 އަކުން ސުމެއް!
20 ފެބްރުއަރީ 2026
|
މެމްބަރު ޝުޖާއު . ފޮޓޯ؛ޕީއެންސީ
އެންމެ މަޤްބޫލު
މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ މޭޔަރު އަލީ އާޒިމުގެ މަސައްކަތްތަކަށް ދޭނީ 100 އަކުން ސުމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީކޮށް ނިންމާލުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގަ އެވެ.
ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިސްކިތްތައް ރޯދަ މަހަށް ނިމިފައި ވާކަމަށެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލުން މާލޭގެ މޭޔަރުގެ ބެލުމުގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭ އާލްސާނީ މިސްކިތް ނުވަތަ ގުއްބު މިސްކިތުގެ މަސައްކަތް ނިންމާނުލެވުނު ކަމަށް ވިދާޅުވިއެވެ.
"މިރޭވެސް ހުޅުމާލެ ރައްޔިތުން އާލްސާނީ (ގުއްބު މިސްކިތުގައި) ތަރާވީޚް ނަމާދު ކުރީ މިސްކިތުގެ ނެވިލޯނު އަޅާ ނުނިމެނީސް." - ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
މާލޭ ސަރަހައްދުގައި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށް ގެންދަ މަޝްރޫއުތަކުގެ ތެރެއިން ބާޒާރުމަތީ މަގު ތަރައްގީކުރުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ މާލޭގެ ބޮޑު މަގެއްގައި މި ސަރުކާރުން ތާރުއަޅާ ނިންމާލީ އެންމެ 68 ދުވަހުން ކަމަށެވެ. ނަމަވެސް މޭޔަރު އާޒިމަށް އެއް އަހަރު ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގެ މިސްކިތެއްގައި ޓައިލްސް ޖަހައި ނެވިލޯނު ނޭޅުނު ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ޝުޖާއު ވަނީ ކުރިއަށް އޮތް އިންތިހާބުގައި މިކަންކަމާ މެދު ރައްޔިތުން ވިސްނުމަށް އިލްތިމާސް ކުރައްވާފަ އެވެ.
މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމަށް ސަރުކާރުން ފެއްޓެވި މަޝްރޫއުގެ ދަށުން މާލޭގައި ހުރި ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި ރަމަޟާން މަސް ފެށުމުގެ ކުރިން ރައީސް މުއިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތަށް އޭސީ ކޮށް އާއްމުންނަށް ވަނީ ހުޅުވާލާފަ އެވެ.
އެ މިސްކިތްތަކަކީ، ފުރުޤާން މިސްކިތް، ޖަލާލުއްދީން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލެ ޢުމަރު ބިން ޚައްޠާބު މިސްކިތެވެ.