ENGLISH

14 ފެބްރުއަރީ 2026

Advertisement

ވިލިނގިއްޔަށް އެއާޕޯޓު ލިބޭނެ، އެކަން ހާސިލުކުރުމަށް ހޮވަންވީ ތަރައްގީއަށް މަސައްކަތްކުރާ ކެންޑިޑޭޓުން: ޝުޖާއު

14 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު. ފޮޓޯ؛ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގއ. ވިލިނގިލީގައި އެޅުމަށް ހަމަޖެހިފައިވާ  އެއާޕޯޓު އެ ރަށުގެ ރައްޔިތުންނަށް ލިބޭނެކަމަށާއި، އެ އެއާޕޯޓު ހާސިލުކުރުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ތަރައްގީއަށް މަސައްކަތްކުރާ ކެންޑިޑޭޓުން ހޮވުމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ގޮވާލައްވައިފި އެވެ.

ވިލިނގިލީ ދާއިރާގެ ކޮންގްރެސް ޕާޓީގެ ކެމްޕެއިން އިފްތިތާހުކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ކޮންގްރެސް ޕާޓީގެ އަމާޒަކީ ގާބިލު ކެންޑިޑޭޓުންނާ އެކު ސަރުކާރުގެ ތަރައްގީގެ ޕްލޭންތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ. 

ވިލިނގިލީގައި އެޅުމަށް މި ސަރުކާރުން ނިންމާފައިވާ އެއާޕޯޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވަނީ އެ އެއާޕޯޓު ރައްޔިތުންނަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. 

"އެއީ ލިބޭނެ ކަމެކޭ. އެހެން ނަމަވެސް ވިލިނގިލީ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑުގައި ފަށާއިރު ވިލިނގިލީ ކައުންސިލުގައި ނިދާފައި ތިބޭ ބަޔަކު ތިބީމާ އެކަމެއް ނުވާނެ. އެމީހުން ކުރާނީ ޖެއްސުން. ގިނަ ފަހަރު ކައުންސިލަކަށް ވެސް ނުދާނެ. ގޭގައި ތިބޭނީ ނިދަން. އެހެންވީމާ މި ޖެހެނީ އެއާޕޯޓު ހާސިލު ކުރުމަށްޓަކައި ތަރައްގީއާ އެކީ މަސައްކަތް ކުރާ، މިހާރުވެސް އަމަލީ ގޮތުން ތަރައްގީއަކީ ކޮބައިކަން ރައްޔިތުންނަށް ދައްކައިދެމުންދާ ކައުންސިލެއް އިންތިހާބު ކޮށްދެއްވަން." - ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު

މިހާރުވެސް ވިލިނގިލީ ކައުންސިލަކީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ އަގުލަބިއްޔަތު އޮންނަ ކައުންސިލެކެވެ. މިކަމަށް އިޝާރާތްކުރައްވައި މެމްބަރު ވިދާޅުވީ މިހާރު ވެސް އޮތް ފަދަ މެޖޯރިޓީއެއް ދެއްވައިފިނަމަ އެއާޕޯޓު ހަލުއި ސްޕީޑުގައި ދާއިރު ސަރުކާރަށް އިލްމީ އަދި ފަންނީ ލަފަޔާއި އެއްބާރުލުންދޭނެ ކައުންސިލެއް އޮންނާނެކަމަށެވެ. 

ސަރުކާރު ޒިންމާދާރުކުރުމަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކައުންސިލު ތަކަށް ވާދަކުރާއިރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތު އަދާކުރާ ބަޔަކީ ކޮންގްރެސް ޕާޓީގެ މެމްބަރުންކަމަށް ޝުޖާއު ވިދާޅުވިއެވެ. 

އަދި ސަރުކާރު ޖަވާބުދާރީކުރުވަން އެހެން ބައެއްގެ އެހީތެރިކަން ބޭނުން ނުވާކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

މެމްބަރުގެ ވާހަކަފުޅު ނިންމަވާލެއްވީ އެމްޑީޕީއަކީ ތަރައްގީއާ ބީރައްޓެހި ބައެއް ކަމަށް ވިދާޅުވެ، ތަރައްގީއާ އެކީ ކުރިއަށް ދިއުމަށް ސަރުކާރަށް ކައުންސިލުތަކުގެ މެޖޯރިޓީ ދިނުމަށް ގޮވާލައްވަމުންނެވެ. 

ވިލިނގިލީ ފަޅު ހިއްކާ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ވިލިނގިލީ ފަޅު ހިއްކައިގެން ހަދާ އެއާޕޯޓާއި އެކު ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް އެ ސަރަހައްދުގައި ހިންގާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މި އަހަރު އަލަށް އެއާޕޯޓު ގާއިމުކުރާ ރަށްތަކުގެ ތަފްސީލު ދެއްވަމުން ވެސް ރައީސް ވަނީ ވިލިނގިލީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.

ވިލިނގިލީގައި އަޅާ އިންޓަނޭޝަނަލް އެއާޕޯޓާ އެކު ހުވަދޫ އަތޮޅުގައި ހަ އެއާޕޯޓެއް އޮންނާނެ އެވެ. މިހާރު ވެސް އެ އަތޮޅު ދެކުނުބުރީގައި ތިން އެއާޕޯޓު އޮތްއިރު އުތުރުބުރީގައި ހިދުމަތް ދެމުން އަންނަނީ އެއް އެއާޕޯޓުގަ އެވެ. ތިނަދޫ އެއާޕޯޓާއި ވިލިނގިލި އެއާޕޯޓު ނިމުމުން ޖޯގްރަފީގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު އަތޮޅު ކަމަށްވާ ހުވަދޫ އަތޮޅުގައި ދެ އިންޓަނޭޝަނަލް އެއާޕޯޓު އޮންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު