ENGLISH

13 ފެބްރުއަރީ 2026

Advertisement

ދުސްތޫރީ ވެރިކަމަކަށް ވާދަވެރިން ކުފޫހަމައެއް ނުވޭ: ފަތުހީ

13 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

އެމްއެމް ޓީވީގެ ޕްރޮގްރާމެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުހީ އާދަމް ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމް

ގާނޫނީ ޒިންމާ އަދާކުރަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން އެކަމަށް ހުރަސްއެޅުމަކީ ދުސްތޫރީ ވެރިކަމަކަށް ވާދަވެރިން ކުފޫ ހަމަނުވާކަމުގެ ހެެއްކެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ. 

"އެމްއެމްޓީވީ"ގެ ރިޔާސީ ބަޔާން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފަތުހީ ވިދާޅުވީ އެމްޑީޕީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮންނައިރު އޭރަކު ރައީސަކަށް ހުންނަ ބޭފުޅަކަށް ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ދީފައި ނުވާ ކަމަށެވެ. 

އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު އަބަދުވެސް ފެނިގެންދާނީ މަޖިލީހުގެ ކަރާމާތަށް އަރައިގަންނަ މަންޒަރުކަމަށް ފަތުހީ ވިދާޅުވިއެވެ.

"ދައުލަތުގެ ގާނޫނީ ބާރު ދުސްތޫރީ ބާރު ނުހިނގާނެ ގޮތަކަށް އަމަލުކުރުމަކީ ޒިންމާދާރު ކަމެއް ނޫން. ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އެ ތިއްބަވަނީ ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރުމަށް ހުވައި ކޮށްގެން. ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނާ ގާނޫނީ ޒިންމާ އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީމާ، ރައީސަށް އެ ފުރުސަތު ނުދެއްވުމަކީ ދުސްތޫރީ ވެރިކަމަކަށް އެބޭފުޅުން ކުފޫ ހަމަނުވާކަމުގެ ހެއްކެއް." - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒު މޫސާ ފަތުހީ އާދަމް

ލައްކައަކަށް ވުރެ ގިނަ މީހުންގެ ވޯޓާއެކު އިންތިހާބުވެފައިވާ ރައީސެއްގެ ރިޔާސީ ބަޔާނަަށް ހުރަސްއެޅުމަކީ ގާނޫނީ ކުށެއްކަން ވެސް ފަތުހީ ފާހަގަކުރެއްވިއެވެ.

"ރައީސްއަށް ހުރަސް އެޅުމަކީ ގާނޫނީ ބާރު ނުވަތަ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުން. އެމްޑީޕީން ވަނީ ރިޔާސީ ބަޔާނަށް ތަކުރާރުކޮށް ހުރަސްއަޅާފައި. ރައީސް މުއިއްޒަށް ވެސް މީގެ ކުރިން ތަކުރާރުކޮށް ހުރަސް އެޅި." ފަތުހީ ވިދާޅުވިއެވެ. 

ރިޔާސީ ބަޔާނަށް ދުސްތޫރީ ގޮތުން ޖަވާބުދާރީވުމަކީ އިދިކޮޅު ޕާޓީތަކުން ކުރަންޖެހޭ ކަމަކަށް ވާއިރު ރިޔާސީ ބަޔާން އަޑުނާހައި އެކަން ކުރާނީ ކިހިނެއްތޯ ފަތުހީ ވަނީ ސުވާލު އުފައްދަވާފައެވެ.

ރިޔާސީ ބަޔާން ބޮލާލައި ޖަހައި، މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރުމަކީ އޭނާ ދަންނަ ދުސްތޫރީ ހަމައެއް ނޫން ކަމަށް ވެސް ފަތުހީ ވިދާޅުވިއެވެ. 

ދުސްތޫރީ ވެރިކަމަކަށް ވާދަވެރިން ކުފޫ ހަމަނުވާކަމަށް ފަތުހީ ވިދާޅުވީއިރު މަޖިލީހުގެ އައު ދައުރު ފެށުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ޖަލްސާގެ ނިޒާމު ގެއްލުވާލަން މަސައްކަތްކުރި އެމްޑީޕީގެ ބައެއް މެމްބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވަނީ ނެރެފައެވެ. އަދި ބާކީ ތިބި މެމްބަރުންނަށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަން ތަކުރާރުކޮށް ރިޔާސަތުން އިލްތިމާސްކުރަން ޖެހުނެވެ. 

ކިޔުންތެރިންގެ ހިޔާލު