ENGLISH

09 ފެބްރުއަރީ 2026

Advertisement

ޕާކިސްތާނުގައި ދިވެހި އަސްކަރިއްޔާގެ ޓީމުން ހޯދި ރަން ކާމިޔާބަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

09 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ކާމިޔާބު ހޯދި ސިފައިންގެ ޓީމް

ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި މިއަހަރު ވާދަކުރި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސް ގެ ޓީމުން ރަން މެޑަލް ޙާޞިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެ އެވެ.

‏ދިވެހި އަސްކަރިއްޔާގެ ޓީމުން ހޯދި ރަން ކާމިޔާބީ ފާހަގަ ކުރައްވާ ރައީސް ވިދާޅުވި ގޮތުގައި 16 ޤައުމަކުން 24 ޓީމު ބައިވެރިވި މި މުބާރާތަކީ އަހަރަކު އެއްފަހަރު ބާއްވާ، ޓީމުތަކުގެ އަސްކަރީ ހުނަރުގެ މޮޅުކަމާއި، އަސްކަރީ އަޚްލާޤާއި، ބައިވެރިންގެ ހިތްވަރާއި ޢަޒުމް، ބުންވަރާއި މެންޓަލް ފިޓްނަސް އަދި ޓީމުގެ ބަދަހި ގުޅުން ތަފާތު އެތަކެއް އުނދަގޫ ޙާލަތުގައި ޓެސްޓު ކުރާ މުބާރާތެކެވެ.

‏”ދިވެހި ސިފައިންނަށް ހޫނު މަރުޙަބާއެއް ކިޔާ، ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން،” ރައީސްގެ ޕޯސްޓްގައި ވިދާޅުވި އެވެ.

ފެބުރުވަރީ ފަހަކުން ހަތަކަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، (ޕަބި) ގައި ކުރިއަށްދިޔަ މި މުބާރާތުގައި 16 ޤައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވިއެވެ.

މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިންނެވެ. ޓީމުގެ މެނޭޖަރަކީ ލެފްޓިނަންޓް މުޙައްމަދު ނީވީން އެވެ. އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވަނީ ކާނަލް މުޙައްމަދު ނާޡިމެވެ.

ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕެޓްސް ކޮމްޕެޓިޝަން" އަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މިގޮތުން މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށް، ދިވެހި އަސްކަރިއްޔާއިން މި ފަޚުރުވެރި ކާމިޔާބީ ހާސިލުކޮށްފައި މި ވަނީ ދިވެހިރާއްޖެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ދިވެހި ސިފައިންގެ ހުނަރުވެރިކަން މަތިކޮށް، ތަރައްޤީކުރުމަށް ދެއްވާ ޚާއްޞަ ސަމާލުކަމާއި، ދެއްވާ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އަސްކަރިއްޔާއިން ފާހަގަ ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު