ENGLISH

01 ފެބްރުއަރީ 2026

Advertisement

ފުރަތަމަ ފިޔަވަހީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

01 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަލިފާނުގެ ހާދިސާ ހިނގި ގުދަން. ފޮޓޯ؛އެމްއެންޑީއެފް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގުދަނެއްގެ ބޭރުގައި ހުރި ކުނިތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުގައި ދިރިއުޅެމުންދިޔަ 21 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ރޭ އަލިފާން ރޯވީ ހުޅުމާލޭގެ ޗަނބޭލީ 5 ގޯޅިތެރޭ ހުރި ލޮޓް ނަންބަރު 11154 ގޭގައި ހުރި ގުދަނެއްގައެވެ.

ހާދިސާއާ ގުޅިގެން އެ އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވެ، މުޅި އިމާރާތުން ކަރަންޓު ކެނޑިފައި ވާކަމަށް  އެންޑީއެމްއޭ އިން މައުލޫމާތުދެއެވެ.

އަދި މި އިމާރާތުގެ ދެ އެޕާޓްމަންޓަކުން 21 މީހުންނަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ވަނީ ހަމަޖައްސާ ދީފައިކަން އެންޑީއެމްއޭއިން ހާމަކުރެއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑިއެފުން ބުނީ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ 03:30 ހާއިރު ކަމަށެވެ. ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިވާލެވުނީ 3:40 ހާއިރު ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.

ހާދިސާގެ މައުލޫމާތު ދެމުން އެމްއެންޑީއެފުން އިތުރަށް ބުނީ އަލިފާން ރޯވެފައި ވަނީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައިކަމަށް ވެސް ބުނެފައިވެއެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު