ENGLISH
11 ޖެނުއަރީ 2026
އަގުހުރި އިނާމުތަކާއެކު ބީއެމްއެލްގެ ރަން ފުރުސަތު ޕްރޮމޯޝަން ފަށައިފި
11 ޖެނުއަރީ 2026
|
ރަން ފުރުސަތު ޕްރޮމޯޝަން މިހާރު ވަނީ ފަށައިފައި، މާޗުމަހުގެ ނިޔަލަށް ކުރިއަށްދާނެ// ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް 'ރަން ފުރުސަތު' ޕްރޮމޯޝަން ފަށައިފިއެވެ.
ބޭންކުން ބުނީ އިއްޔެ ފެށި މި ފްރޮމޯޝަން އަންނަ މާޗުމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
މި ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން މި މުއްދަތުގައި ވިޔަފާރި ކޮށްގެން ކޮންމެ ހަފްތާއަކު އިނާމު ހޯދުމުގެ ފުރުސަތު އަދި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރި ކުރެވޭނީ ބީއެމްއެލް ކާޑު މެޝިން، ސްޓެޓިކް ކިއުއާރް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތައް އެކަންޏެވެ.
ބޭންކުން ބުނީ މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކުވެސް 5 ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި މި ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ކޮންމެ ހަފްތާއަކު ވެސް ޖުމްލަ 500 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތައް މި ގުރުއަތުގައި ބައިވެރިކުރެވޭނެކަމަށެވެ.
ޕްރޮމޮޝޯޝަން ނިމުމުން ގުރުއަތުން ހޮވާ ނަސީބުވެރިއަކަށް ބޮޑު އިނާމުގެ ގޮތުގައި 100،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެކަމަށާއި މި ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމްލަ 10،000 ރުފިޔާގެ ވިޔަފާރިކުރާ ފަރާތްތަށްކަމަށް ބޭންކުން ބުނެއެވެ.
ރަން ފުރުސަތު ޕްރޮމޯޝަނުގައި ރެޑްވޭވްގެ ފިހާރަތަކާއި، އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފިހާރަތަކުގެ އިތުރަށް މިފްކޯގެ ފިހާރަތައް ވެސް ހިމެނެއެވެ. މާލެ ސަރަހައްދާއި ބޮޑެތި ސިޓީތަށް ހިމެނޭހެން 70 އަށް ވުރެ ގިނަ ފިހާރަތަކުން ރަން ފުރުސަތު ޕްރޮމޯޝަނާ ވަނީ ގުޅިފައެވެ. މި ޕްރޮމޯޝަނުގައި ބައިވެރިިވެފައިވާ ފިހާރަތަކުގެ ލިސްޓާއި އިތުރު މައުލޫމާތު https://www.bankofmaldives.com.mv/ran-furusathu-2026 މި ލިންކު މެދުވެރިކޮށް ބަލާލެވޭނެއެވެ.