ENGLISH

11 ޖެނުއަރީ 2026

Advertisement

ފަތުރުވެރިކަން ކުރިއަރައި، އެ ދާއިރާއިން ޑޮލަރުން ލިބުނު އާމްދަނީ 1.3 ބިލިއަނަށް

10 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ފަތުރުވެރިންތަކެއް ވީއައިއޭ އަށް ފައިބަނީ. --ފޮޓޯ: މޯލްޑިވިއަން

މިދިޔަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ޑޮލަރުން ލިބުނު އާމްދަނީ 1.3 ބިލިއަނަށް އަރާފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ހިސާބުތަކުން ދައްކައިފިއެވެ. 

މިދިޔަ އަހަރު ބޭރު ފައިސާއިން ލިބުނު ޖުމްލަ އާމްދަނީއަކީ 1.4 ބިލިއަން ޑޮލަރެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު އެއް ބިލިއަން ޑޮލަރާ އަޅާބަލާއިރު 38 އިންސައްތަ އިތުރު އަދަދެކެވެ. ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ކުރިއެރުންތަކުގެ ސަބަބުންނެވެ. 

މީރާގެ ހިސާބުތައް ދައްކާގޮތުން ފާއިތުވި 2025 ވަނަ އަހަރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީކަމުގައިވާ 1.4 ބިލިއަން ޑޮލަރު (32.7 ބިލިއަން ރުފިޔާ)ގެ ތެރެއިން 1.3 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ހިއްސާކުރަނީ ފަތުރުވެރިކަަމުގެ ދާއިރާއިން ލިބުނު އާމްދަނީއެވެ. 

2024 ވަނަ އަހަރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީގެ އަދަދަކީ 1.1 ބިލިއަން ޑޮލަރު (28.1 ބިލިއަން ރުފިޔާ) އެވެ.

މިދިޔަ އަހަރު ޑޮލަރުން ލިބުނު އާއްމުދަނީ 2024 ވަނަ އަހަރާ އަޅާ ބަލާއިރު އިތުރުވެފައިވާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީ-ޖީއެސްޓީގެ ގޮތުގައެވެ. އެގޮތުން އަހަރު ނިމުނުއިރު ޓީ-ޖީއެސްޓީގެ ގޮތުގައި 718.2 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައި ވެއެވެ. 

ފަތުރުވެރިކަމުގެ ދާއިރާއިން އަހަރު ނިމުނުއިރު ޑޮލަރުން ލިބުނު އާއްމުދަނީ:

ޑިޕާޗާ ޓެކްސް -  123.1 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ)

ގްރީން ޓެކްސް - 146.5 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ)

ޓީ- ޖީއެސްޓީ -  714.2 މިލިއަން ޑޮލަރު (16.4 ބިލިއަން ރުފިޔާ)

އެއާޕޯޓު ޑިވެލޮޕްމަންޓް ފީ - 124.1 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ)

ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ- 12.7 މިލިއަން ޑޮލަރު (195.6 މިލިއަން ރުފިޔާ)

ލީސް ޕީރިއަޑް އެކްޓެންޝަން ފީ-  64.6 މިލިއަން ޑޮލަރު ( 994 މިލިއަން ރުފިޔާ)

ލޭންޑް ރެންޓު-  134.2 މިލިއަން ޑޮރަލު (2.1 ބިލިއަން ރުފިޔާ)

ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމާ ގުޅުންހުރި ބައެއް ޓެކްސްތަކާއި ފީތަކުގެ ރޭޓުތަކަށް 2025 ވަނަ އަހަރު ގެނައި ބަަދަލެވެ. އެގޮތުން ޓީޖީއެސްޓީ ރޭޓާއި، ގްރީން ޓެކްސް ރޭޓު ބޮޑުކޮށްފައިވެއެވެ. އަދި އެއާޕޯޓު ޑިވެލޮޕްމެންޓު ފީއާއި ޑިޕާޗާ ޓެކްސްގެ ރޭޓުތަކަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. 

އޭގެ އިތުރަށް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމާ ގުޅޭ އުސޫލެއް އެކުލަވައިލާ، އެކަމަށް ގެނައި ބަދަލުތަކާއެކު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް ކުރީ އަހަރަށްވުރެ 2025 ވަނަ އަހަރު އިތުރުވިއެވެ. 

ނިމުނު އަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރެވެ. އެގޮތުން 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް 2025 ގައި ޒިޔާރަތްކޮށްފައިވެއެވެ. އަދި ނިމުނު އަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ އަވަހަަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އަހަރުވެސްމެއެވެ. 

ކިޔުންތެރިންގެ ހިޔާލު