ENGLISH
08 ޖެނުއަރީ 2026
އެހެން ބޭންކަކުން ލޯނެއް ނަގާފައިވީ ނަމަވެސް އެސްއެމްއީން ލޯނު ލިބޭނެ: އެސްއެމްއީ ޑިޖިޓަލް
07 ޖެނުއަރީ 2026
|
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ޝަޒްނާ މައުލޫމާތު ދެއްވަނީ: ފޮޓޯ:އެމްއެމްޓީވީ
އެހެން ބޭންކަކުން ލޯނެއް ނަގާފައިވުމަކީ އެސްއެމްއީ ޑިޖިޓަލްއިން ހުޅުވާލާ ލޯނު ސްކީމްތަކަށް ކުރިމަތިލުމަށް އޮތް ހުރަހެއް ނޫން ކަމަށާއި، އެހެންނަމަވެސް ލޯނު ދޫކުރުމުގައި ބޭންކުގެ ލޯނާއި އެސްއެމްއީގެ ލޯނު ދެއްކޭނެވަރުގެ ގާބިލުކަން ހުރިތޯ ބަލާނެކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުނެފި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ" ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްއިން އައު ފައިނޭންސިންގ ޕްރޮޑަކްޓެއް ވަނީ ތައާރަފްކޮށްފަ އެވެ.
"އެމްއެމްޓީވީ"ގެ ބޮޑު ހަބަރު ޕްރޮގްރާމުގައި މި އައު ފައިނޭންސިންގ ޕްރޮޑަކްޓާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އިންޗާޖް އޮފް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މަރްޔަމް ޝަޒްނާ ވިދާޅުވީ އެހެން ބޭންކަކުން ލޯނު ނަގާފައިވުމަކީ އެސްއެމްއީ ޑިޖިޓަލްއިން ހުޅުވާލާ ލޯނު ފެސިލިޓީތަކަށް ކުރިމަތިނުލެވޭނެ ސަބަބެއް ނޫން ކަމަށެވެ.
މި ފައިނޭންސިންގެ މަގުސަދަކީ މިހާރުވެސް ވިޔަފާރިކުރަމުންދާ ވިޔަފާރިވެރިންނަށް އެ ވިޔަފާރިވެރިންގެ ވިޔަފާރިތައް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ޝަޒްނާ ވިދާޅުވި އެވެ.
ޝަޒުނާ ވިދާޅުވީ މި ފައިނޭންސިންގެ ސަބަބުން ވިޔާފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށާއި، އާމްދަނީ އިތުރުކުރުމަށް އައު ދާއިރާތަކަށް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް ވެސް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރި ފުޅާކުކުރުމަށް އައު އައުޓްލެޓްތައް ހުޅުވުމަށް ވެސް މި ފައިނޭންސިންގ ބޭނުން ކުރެވިދާނެކަމަށް ވިދާޅުވި އެވެ.
ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިން އަށް ކުރިމަތިލުމުގެ ޝަރުތުތައް:
* ވިޔަފާރި ރަޖިސްޓްރީކޮށްގެން ހިނގާތާ ދެ އަހަރުވުން
* އެހެން ބޭންކަކުން ލޯނު ނަގާފައިވާނަމަ ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ގަވާއިދުން ލޯނު ދައްކަމުންދިއުން
އެހެން ބޭންކަކުން ލޯނު ނަގާފައިވާ ވިޔަފާރިތަކަށް އެސްއެމްއީން ލޯނު ދޫކުރާއިރު ހަމައެކަނި ބަލާނީ ލޯނުތައް ދެއްކޭނެ ގާބިލުކަން ހުރުންކަމަށް ޝަޒްނާ ވިދާޅުވި އެވެ.
"އެހެން ބޭންކުތަކުން ފައިނޭންސިން ނަގާފައިވާ ވިޔަފާރިތަކަށްވެސް އަޅުގަނޑުމެންގެ އައު ފައިނޭނެސްިން ޕްރޮޑަކްޓަށްވެސް އަދި އެސްއެމްއީ ޑިޖިޓަލްގެ އެހެން ލޯނު ފެސިލިޓީތަކަށް ވެސް ކުރިމަތިލެވޭނެ. އެހެން ބޭންކުތަކުން ނަގާފައިވާ ލޯނުތަކަށް ގަވާއިދުން ފައިސާ ދައްކަމުންދާނަަމަ ލޯނު ލިބޭނެ. ޕްރޮޑަކްޓުގެ ލިމިޓް ކަނޑައެޅިގެންދާނީ ވިޔަފާރީގެ ހާލަތަށް ބިނާކޮށް. ވިޔަފާރީގެ ސްކޭލްއަށް ބަލާފައި ލޯނުގެ އަދަދު މި ކަނޑައަޅަނީ. " - އިންޗާޖް އޮފް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މަރްޔަމް ޝަޒްނާ
އެސްއެމްއީ ޑިޖިޓަލްގެ ލޯނު ދޫކުރާނީ ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ މާލީ ހާލަތަށް ބަލައި ލޯނު ނަގައިގެން ދެއްކޭނެވަރުގެ ގާބިލުކަން ހުރިތޯ ބެލުމަށްފަހުކަމަށް ޝަޒްނާ ވިދާޅުވި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ" ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްއިން ތައާރަފުކުރި އައު ފައިނޭންސިން ޕްރޮޑަކްޓުގެ ދަށުން އެއްވެސް ރަހުނަކާނުލާ 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭއިރު، ޖުމްލަ 5،000،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތު ދެއެވެ. އަދި ވިޔަފާރިތަކަށް ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިސާ އަނބުރާ ދެއްކުމުގެ ފުރުސަތު ދިނުމަށް، ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެކަމަށާއި މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެކަމަށް ވެސް އެސްއެމްއީ ޑިޖިޓަލްއިން ބުނެ އެވެ.
މި ފައިނޭންސިންނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފަ އެވެ.