ENGLISH

07 ޖެނުއަރީ 2026

Advertisement

އުމުރުން 75 އަހަރުވަންދެން ވަޒީފާގައި ދެމިތިބެވޭ ގޮތަށް ހުށަހެޅި ބިލު ފާސްކޮށްފި

05 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގެ ތެރެއިން. --ފޮޓޯ/ މަޖިލިސް

އުމުރުން 75 އަހަރުވަންދެން ދައުލަތުގެ ވަޒީފާގައި ދެމިތިބެވޭގޮތަށް ހުށަހެޅި ރީ-އެމްޕްލޯއިމަންޓުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހުން ފާސްކުރީ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓިން ފާސްކުރިގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، 46 މެމްބަރުންގެ ވޯޓުންނެވެ. 

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުޙައްމަދު ރަޝީދެވެ. 

ބިލު ހުށަހެޅުއްވި ސަބަބެއްކަމަށް މެމްބަރު ވިދާޅުވީ ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ޢުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށްޓަކައި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި ޢަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުން ކަމަށެވެ. 

ގާނޫނުގައިވާ ގޮތުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ 65 އަހަރާއި 75 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން އެ ވަޒީފާގައި ދެމިހުންނަން އެދޭ މީހުންނަށާއި ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ މީހުންގެ ތެރެއިން މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ހަތް އަހަރު ކުރިން ޕެންޝަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ މީހުންނަށެވެ. 

ރީ-އެމްޕްލޯއިމަންޓުގެ ދަށުން ވަޒީފާ ހަމަޖައްސައިދެވޭނެ ގޮތްތައް: 

* ޕެންޝަން ހައްގުވާ އުމުރު ހަމަވިއިރު، މުވައްޒަފު ހުރި މަގާމު ހަމަ އެގޮތުގައި ހަމަޖެއްސުން.

*ޕެންޝަން ހައްގުވާ އުމުރު ހަމަވިއިރު، މުވައްޒަފު ހުރި މަގާމު ނޫން އެހެން މަގާމެއް ހަމަޖެއްސުން.

*ޕެންޝަން ހައްގުވާ އުމުރު ހަމަވިއިރު މުވައްޒަފު ހުރި މަގާމުގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެނައުމާއެކު މުސާރައާއި އިނާޔަތްތަކަށް އެކަށީގެންވާ ބަދަލެއް ގެނެސް ވަޒީފާ ހަމަޖެއްސުން.

ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ. މި އުސޫލުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަނެއް ނުލިބޭނެއެވެ. ނަމަވެސް ޕެންޝަނާބެހޭ ޤާނޫނުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ. މި އުސޫލުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަނެއް ނުލިބޭނެއެވެ. ނަމަވެސް ޕެންޝަނާބެހޭ ޤާނޫނުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެއެވެ.

ބިލުގައިވާގޮތުން އުމުރުން 65 އަހަރުވުމަށްފަހު ވެސް ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ މީހުން 65 އަހަރު ވުމުގެ ހަ މަސްދުވަސް ކުރިން ރީ-އެމްޕްލޯއިމަންޓަށް އެދި ހުށަހަޅަންޖެހޭނެއެވެ. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަސް ހަމަވުމުގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭނެއެވެ. 

ސިފައިންނާއި، ފުލުހުންނާއި، ފަނޑިޔާރުންގެ އިތުރުން ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން ޢައްޔަންކުރެވޭ މަޤާމުތައް އަދާކުރާ މީހުންގެ މައްޗަށް މިގާނޫނެއް ނުހިނގާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު