ENGLISH
07 ޖެނުއަރީ 2026
ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަހައްދުގެ ދުވާރުގެ މަސައްކަތް ނިމުމަކާ ގާތަށް
05 ޖެނުއަރީ 2026
|
މާލޭގެ ބާޒާރުމަތީ މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ދުވާރު ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްެޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ، އެ މަގުގެ އިމާރާތްތަކާވީ ފަޅީގެ ދުވާރު ހެދުމުގެ މަސައްކަތުގެ 85 އިންސައްތަ މިހާރު ނިމިފައިވާއިރު، މި ހަފްތާގެ ނިޔަލަށް އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ބާޒާރުމަތީ މަގު ފުޅާކުރުމަށް ފަޅުން ހިއްކާ ސަރަހައްދުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ މުހިންމު ތައްޔާރީތަކެއްގެ ގޮތުން، އެންކަރ ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ. ނަރުދަމާ އާއި ފެންހޮޅި އެޅުމުގެ މަސައްކަތުގެ 45 އިންސައްތަ ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
މީގެއިތުރުން، ކޭބަލް ޖަންކްޝަންގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރާނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަަމަޖެހިފައިވެއެވެ. މީގެތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
އެމްޓީސީސީގެ އަމާޒަކީ ރޯދަމަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.