ENGLISH
07 ޖެނުއަރީ 2026
ފުލުހުންނަށް މިދިޔަ އަހަރު 12،071 މައްސަލަ ރިޕޯޓްވި، އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް
04 ޖެނުއަރީ 2026
|
ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ. މިދިޔަ އަހަރު ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް. ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތަށް މިދިޔަ އަހަރު ޖުމްލަ 12،071 މައްސަލަ ހުށަހެޅުނުއިރު، އެންމެ ގިނައީ ވައްކަމުގެ މައްސަލަތައްކަން ތަފާސްހިސާބުން ދައްކައިފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި ވައްކަމުގެ 3478 މައްސަލަ މިދިޔަ އަހަރު ވަނީ ހުށަހަޅައިފައެވެ. އެއީ ޖުމްލަ މައްސަލަތަކުގެ 28.8 އިންސައްތައެވެ.
ވައްކަމުގެ މައްސަލަތަކަށް ފަހު އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 3073 މައްސަލަ ފުލުހުން ބެލިއިރު، އެއީ 25.5 އިންސައްތަ މައްސަލައެވެ.
ފުލުހުންނަށް ރިޕޯޓްކުރި މައްސަލަތަކުގެ ތެރެއިން 54.3 އިންސައްތަ ހިއްސާވަނީ ވައްކަމާއި ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ.
މިދިޔަ އަހަރު ތިންވަނައަށް އެންމެ ގިނައީ ޑްރަގްގެ މައްސަލަތަކެވެ. އެގޮތުން ޑްރަގުގެ 2069 މައްސަލަ ހުށަހެޅުނުއިރު، ހަތަރު ވަނައަށް އެންމެ ގިނައީ ތަކެތި ގެއްލިގެން ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ. އޭގެ 993 މައްސަލަ މިދިޔަ އަހަރު ފުލުހުންނަށް ރިޕޯޓް ކުރިއެވެ.
އިތުރު މައްސަލަތަކަށް ބަލާއިރު، ފުރައްސާރައިގެ 602 މައްސަލައާއި މީހުންގެ މުދަލަށް ގެއްލުންދީގެން 596 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި، ގެވެށި އަނިޔާގެ 301 މައްސަލަ މިދިޔަ އަހަރު ވަނީ ހުށަހެޅިފައެވެ.
މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ޖުމްލަ އަދަދު 2024 ވަނަ އަހަރަށް ވުރެ މަދެވެ. އެގޮތުން 2024 ވަނަ އަހަރު 12،642 މައްސަލަ ފުލުހުންނަށް ހުށަހެޅުނެވެ. މިދިޔަ އަހަރާ އަޅާބަލާއިރު އެއީ 571 މައްސަލައިގެ މަދުވުމެކެވެ.
ފުލުހުންނަށް 2024 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކާއި ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތައް އަދި ޑްރަގުގެ މައްސަލަތަކެވެ.
ތަފާސްހިސާބުގައި ފާހަގަކޮށްފައިވާ ގޮތުން 2024 ވަނަ އަހަރަށް ވުރެ 2025 ވަނަ އަހަރު ހުށަހެޅުނު ވައްކަމުގެ މައްސަލަތައް މަދެވެ. އެހެންނަމަވެސް 2024 ވަނަ އަހަރަށް ވުރެ 2025 ވަނަ އަހަރު ހުށަހެޅުނު ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކާއި ޑްރަގުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.
މުޖުތަމަޢު އަމާންކުރުމަށްޓަކައި ފުލުހުންގެ ތަޙްޤީގާއި އޮޕަރޭޝަންތައް މިހާރު ވަނީ އިތުރަށް ފުޅާކޮށްފައެވެ. ޚާއްޞަކޮށް ޖިނާޢީ ކުށްތައް މަދުކުރުމަށް ފުލުހުން މިހާރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.