ENGLISH
14 މާރިޗު 2026
އެމެރިކާއިން ވެނަޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދީ އެ ގައުމުގެ ރައީސް "ވަގަށް ނަގައިފި"
03 ޖެނުއަރީ 2026
|
އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕުވަނީ މަޑޫރޯ ހައްޔަރުކޮށް ގައުމުން ބާރަށް ގެންދިޔަކަން ހާމަކުރައްވާފައި، ފޮޓޯ: ފައިނޭންޝަލް ޓައިމްސް
އެންމެ މަޤްބޫލު
އެމެރިކާއިން ވެނަޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދީ އެ ގައުމުގެ ރައީސް ނިކޮލާ މަޑޫރޯ ވަގަށް ނަގައި، ވެރިކަމުން ދުރުކޮށްފިއެވެ.
އެމެރިކާއިން މިއަދު ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށިކަން ބައިނަލްއަގުވާމީ މީޑިޔާއިން ރިޕޯޓުކޮށްފައިވަނިކޮށް، އެ ގައުމުގެ ރައީސް މަޑޫރޯ މަގާމުން އެކަހެރިކޮށް، ވެނެޒުއޭލާއިން ބޭރަށް ގެންގޮސްފައިވާކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުވަނީ އިއުލާނުކުރައްވާފއެވެ.
އެންމެ ފަހުން އެމެރިކާއިން މިގޮތަށް ދެކުނު އެމެރިކާގެ ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް އަސްކަރީ ގޮތުންވނީ 1989 ވަނަ އަހަރުއެވެ. އެފަހަރު އެމެރިކާއިން އަރައިގަތީ ޕެނަމާއަށެވެ.
ޓުރަމްޕު ވިދާޅުވި ގޮތުގައި މަޑޫރޯގެ އިތުރަށް އޭނާގެ އަނބިކަނބަލުންވެސްވަަނީ އަތުލައިގަނެފައެވެ. އަދި އެ ދެކަނބަލުން މިހާރު ވެނެޒުއޭލާއިން ބޭރަށް ގެންގޮސްފައިވާކަމަށްވެސް ޓުރަމްޕު ވިދާޅުވިއެވެ.
ކުއްލި ގޮތަކަށް ވެނަޒުއޭލާއަށް އެމެރިކާއިން ހަމަލާދިނުމުގެ ކުރިން އެ ގައުމުގައި ބޭއްވި 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު މަޑޫރޯ އޮޅުވައިލައްވާފައިވާ ކަމަށް އެމެރިކާއިން ތުހުމަތުކުރިއެވެ. އޭގެ އިތުރަށް މަޑޫރޯ ހިންގަވަމުންދަނީ "ނާކޯ ސްޓޭޓެއް" ނުވަތަ މަސްތުވާތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރީގައި ބައިވެރިވާ ދައުލަތެއްކަމަށް އެމެރިކާއިން ތުހުމަތުކުރިއެވެ.
މަޑޫރޯވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، އެމެރިކާއިން އެފަދަ ތުހުމަތުތައް އުފަންކުރަނީ ވެނެޒުއޭލާގެ ތެޔޮ ރިޒާވްތައް އަތުލައިގަތުމުގެ ހީލަތްތެރި މަގުސަދުގައިކަމަށް ތުހުމަތުކުރައްވާފައެވެ. ވެނެޒުއޭލާއަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ރިޒާވް އޮތް ގައުމެވެ.
އެމެރިކާގެ ސެނެޓު މެންބަރެއް ކަމުގައިވާ މައިކް ލީ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ހަވާލާދެއްވަައި ވިދާޅުވީ، އެމެރިކާގައި މަޑޫރޯގެ މައްޗަށް ޖިނާއީ ޝަރީއަަތެއް ހިންގާނެ ކަމަށެވެ. އަދި މަޑޫރޯ އަތުލައިގަނެވިފައިވާތީ އިތުރަށް ވެނެޒުއޭލާއާ ދެކޮޅަށް ހަރަަކާތެއް ނުހިންގާނެ ކަމަށެވެ.
މަޑޫރޯއަކީ ކުރިން ބަސް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭނާއަށް ވެނެޒުއޭލާގެ ވެރިކަން ލިބިވަޑައިގަތީ އޭނާގެ ކުރިން އެގައުމުގައި ވެރިކަންކުރެއްވި ހޫގޯ ޗާވޭޒް އާލާސްކަންފުޅާ އޮންނަވައި، އޭނާއަށްފަހު ވެރިކަން ކުރައްވާނެ ބޭފުޅެއްގެ ގޮތުގައި މަޑޫރޯ އިހުތިޔާރުކުރެއްވުމުންނެވެ.
ޓުރަމްްޕު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން 2020 ވަނަ އަހަރު މަޑޫރޯގެ މައްޗަށް އެމެރިކާގެ ފެޑެރަލް ކޯޓެއްގައި ނާކޯ-ޓެރަރިޒަމްގެ ދައުވާއެއް އުފުލާފައިވެއެވެ. އެ ދައުވާގައި ތުހުމަތުކޮށްފައިވާ ގޮތުން މަޑޫރޯ ގެންދަވަނީ އެމއރިކާއަށް އެތައް ޓަނެއްގެ ކޮކެއިން އެތެރެކުރެއްވުމަށް ހާއްސަ ސްކީމެއް ރާއްވަވައި ހިންގަވަމުންނެވެ.
ވެނެޒުއޭލާގެ ނައިބުރައީސް ޑެލްޗީ ރޮޑްރިގޭޒް ވިދާޅުވެފައިވަނީ މަޑޫރޯއާއި އޭނާގެ އަނބިކަނބަލުން މިހާރު ތިއްބެވި ތަނެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭނާވަނީ އެ ދެކަނބަލުން ހެޔޮ ހާލުކޮޅުގައި ދިރި ތިއްބެވިކަން އެނގޭނެ ހެކި އާއްމުކުރުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ.