ENGLISH
09 ޑިސެމްބަރު 2025
ބާޒާރުމަތީ މަގު ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ފަށަނީ، ރޯދައިގެ ކުރިން ނިންމާނެ
09 ޑިސެމްބަރު 2025
|
މާލޭގެ ބާޒާރުމަތީ މަގު. އެސަރަޙައްދު ތަރައްޤީކުރަން މިއަދު ފަށާނެ. ފޮޓޯ: އެމްއެމް
ސަރުކާރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ފެށި މަޝްރޫޢުގެ ދަށުން ދެވަނަ ސެގްމެންޓުގައި ހިމެނޭ މާލޭ ބާޒާރުމަތީ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށަން ނިންމައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ އެ ސަރަޙައްދު ފުޅާކުުރުމުގެ މަސައްކަތް މިއަދު ފަށައި ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ނިންމާލާނެ ކަމަށެވެ. އަންނަ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުވަރީ 18 އެވެ.
އެ ސަރަޙައްދު ވެސް ތަރައްޤީކުރާނީ ހަތަރު ލޭން ހިމެނޭ ގޮތަށް އެއްގަމު ތޮށި ބޭރަށް ޖައްސައިގެންނެވެ. ދެވަނަ ސެގްމެޓުގެ މަސައްކަތުގެ ދަށުން ތަރައްޤީކުރާނީ މަސްމާރުކޭޓާއި ހަމައިން ފެށިގެން ނޯތު ހާބަރު ހިމެނޭ ސަރަޙައްދާ ހަމައަށެވެ.
ބާޒާރުމަތީ ސަރަޙައްދަކީ ރަމަޟާން މަހު އިތުރަށް ބާރުބޮޑުވާ ސަރަޙައްދެކެވެ. އެހެންވެ، ރަމަޟާން މަހުގެ ކުރިން އެސަރަޙައްދުގެ މަސައްކަތް ނިންމާލުމުން އާއްމުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެއެވެ.
އެމްޓީސީސީއާ ޙަވާލުކޮށްގެން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ އޮގަސްޓް 21 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ތަރައްޤީކުރި އެމްއެމްއޭ ސަރަޙައްދުގެ މަސައްކަތް ތިން މަހުން ނިންމައި، އިއްޔެ ވަނީ އާއްމުންނަށް ހުޅުވާލައިފައެވެ.
އާއްމުންނަށް އެ ސަރަޙައްދު ހުޅުވާލުމާއެކު، މިހާރު ވަނީ އެ ސަރަޙައްދުގެ ފަޅު ވެސް ބޭނުންކުރަން ފަށައިފައެވެ. ޖާގަ ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއެކު އެ ސަރަޙައްދުގައި ކުރިން އޮތް ޓްރެފިކަށް މިހާރު ވަނީ ޙައްލު ލިބިފައެވެ.
ޖުމްލަ ފަސް ސެގްމެންޓް ހިމެނޭ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ.
މާލެގޭ މަލަމަތީގެ ހިތްގައިމުކަން ބަދަލުކޮށްލާނެ މަޝްރޫޢުގެ މުޅި މަސައްކަތް ކުރިއަށްގެންދާނީ ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. އެގޮތުން ނޯތު ހާބަރުން ފެށިގެން އެހިސާބަށް 1088 މީޓަރު ސަރަޙައްދު ތަރައްޤީކުރާނެ އެވެ.