ENGLISH
09 ޑިސެމްބަރު 2025
ލަފާކުރި ތާރީޚުތަކާ އެއްގޮތަށް އެފްޑީސީގެ ފްލެޓްތައް ޙަވާލުކުރަން ފަށައިފި
09 ޑިސެމްބަރު 2025
|
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތްކުރި ފްލެޓްތައް. ފޮޓޯ: ވޮއިސް
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކުރި 4000 ފްލެޓް ލިބުނު މީހުންނަށް، އެ ފްލެޓްތައް ޙަވާލުކުރަން ލަފާކުރި ތާރީޚުތަކާ އެއްގޮތަށް ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެފްޑީސީން ޑިސެމްބަރު 2 ވަނަ ދުވަހު ވަނީ ފްލެޓްތައް ޙަވާލުކުރެވޭނެކަމަށް ލަފާކުރާ ތާރީޚުތައް އާއްމުކޮށްފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ފްލެޓްގެ ތެރެއިން އެންމެ ފުރަތަމަ ޙަވާލުކުރީ 14 ވަނަ ޓަވަރުގެ ފްލެޓްތަކެވެ.
ބާކީ ޓަވަރުތަކުގެ ތެރެއިން އަމާން އުދަރެސްގެ ޓަވަރު 11، 12، 13، 15 އަދި 16 ވަނަ ޓަވަރުގެ ފްލެޓްތައް ޙަވާލުކުރަން ނިންމީ ޑިސެމްބަރު ދެވަނަ ހަފްތާގެ ތެރޭގައެވެ. އެ ތާރީޚާ އެއްގޮތަށް އެފްޑީސީން އިއްޔެ ވަނީ ފަސް ޓަވަރުގެ ފްލެޓްތައް ޑިސެމްބަރު 7 ވަނަ ދުވަހު ޙަވާލުކުރަން ފަށައިފައެވެ.
މިހާރު ޙަވާލުކުރަން ފަށާފައިވާ ކޮންމެ ޓަވަރެއްގައި 120 ފްލެޓް ހުރެ އެވެ. އެފްޑިސީން ބުނީ އެ ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ހެނދުނު 9:30 އިން މެންދުރު ފަހު 3:30 އަށް ކަމަށެވެ.
އެފްޑީސީން ފަހުން އާއްމުކުރި ތާރީޚުތަކަށް ބަލާއިރު، ހުރިހާ ފްލެޓެއް ޙަވާލުކޮށް ނިމޭނީ 2026 ޖަނަވަރީ ފަހު ހަފްތާގައެވެ.
އެންމެ ފުރަތަމަ ފްލެޓްތައް ޙަވާލުކުރި ޓަވަރު 8 ގައި މިހާރު ވަނީ މީހުން ދިރިއުޅެން ފަށައިފައެވެ.
ދިރިއުޅެން ފެށި ނަމަވެސް އެ ފްލެޓްތައް ކުލި ދައްކަން ޖެހޭނީ ފުރަތަމަ ތިން މަހަށް ފަހު އެވެ. އެކަމަކު ދިރިއުޅެން ފަށާ ހިސާބުން ތަނުގެ މެއިންޓެނެންސް ފީ ނަގަން ފަށައެވެ.
އެފްޑީސީގެ ފްލެޓްތަކުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނަންސް ފީއާއެކު މަހަކު ދައްކަން ޖެހެނީ 8000 ރުފިޔާ އެވެ. ތިން ކޮޓަރީގެ ފްލެޓްތަކަށް ދައްކަން ޖެހެނީ 11،500 ރުފިޔާ އެވެ.