ENGLISH

08 ޑިސެމްބަރު 2025

Advertisement

ކާޑުލިމިޓްގެ ބޭނުން ބައެއް މީހުން ނަހަމަގޮތުގައި ބޭނުންކުރޭ, އެކަކު 100އަށްވުރެ ގިނަ ކާޑު ގެންގޮސް މުއާމަލާތްތައް ހިންގި

07 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ބީއެމްއެލްގެ ކާޑެއް --

​​ބޭންކް އޮފް މޯލްޑިވްސް އިން ދީފައިވާ ކާޑުލިމިޓްގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުންކުރާކަން ފާހަގަކުރޭ ކަމަށާ އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެގުމުގެ ފުރުސަތު ނުދިނުމަށް ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސް ކޮށްފި އެވެ.

​​ބޭންކް އޮފް މޯލްޑިވްސް އިން ވަނީ 11 ނޮވެމްބަރުން ފެށިގެން ދިވެހި ރުފިޔާ އެކުންޓަށް ދޫކޮށްފައިވާ ޑެބިޓްކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު އިތުރުކޮށް ދީފަ އެވެ. ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައިވާ މި ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓްއާއި ހޮޓެލް ބުކިންގ އަށާއި ޞިއްހީފަރުވާ އަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމަޔަށް ލިމިޓް ކަނޑައެޅިފައިވެ އެވެ. 

އެހެންނަމަވެސް މި ލިމިޓްތައް ނަހަމަގޮތުގައި ބޭނުންކުރާކަން ބޭންކަށް ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ. މިގޮތުން ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަންގަވާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދިނުން ފާހަގަކޮށްފައިވެ އެވެ.

އެގޭ ތެރެއިން އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރުފައިސާ ހޯދުމަށްޓަކައި ވަކި މާޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުޢާމަލާތްތައް ހިންގިކަން ފާހަގަ ކުރެވިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް، ޓިކެޓް އަދި ހޮޓެލް ބުކިންގއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުން ވެސް ހިމެނެ ކަމަށް ބުންޏެވެ.

މިގޮތަށް ތިންވަނަ ފާރަތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެއް ކަން ބެންކުން ވަނީ ހަނދާންކޮށްދީފަ އެވެ.

މީގެ އިތުރުން ޕަރސަނަލް ކާޑުން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރިފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަމަށާ އެހެންކަމުން މިފަދަ މުޢާމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުޢާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުޢާމަލާތްތަކަށްވާތީވެ، ކުރިޔަށް އޮތްތާނގައި މިފަދަ މުޢާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާބޭހޭ ފަރާތްތަކަށް ހުށަހަޅަމުންގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

އަދި މިގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާރޗެންޓްތަކުގައި މުޢާމަލާތް ނުކުރެވޭގޮތް ހެދުންފަދަ ފިޔަވަޅުތައް ބޭންކުން އަޅަންޖެހިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ބޭރުފައިސާ ވިއްކޭ އަދަދު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރައްވާއިރު ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ވީއެންމެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށާ އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ދެވޭނީ، ނަހަމަގޮތުގައި ކާޑު ބޭނުންކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެން ކަމަށް ބުނެފައިވެ އެވެ.

"އެހެންކަމުން ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި، ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށާއި، ބޭންކުން ދީފައިވާ މިފަދަ ޚިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހިކޮށް ދިނުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެންގެވުމަށް ނުދެއްވުމަށް މި ބޭންކުން އިލްތިމާސް ކުރަމެވެ," ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު